އިނގިރޭސިވިލާތުގެ ވޮކެސްޓްރާގައި ތިން އަހަރުގެ ކުއްޖެއްގެ މޫނަށް ބަޔަކު އެސިޑް ޖަހައިފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެސިޑް ޖަހާފައިވަނީ އެކުއްޖާ އޭނާގެ އާއިލާއާއެކު ފިހާރައެއްގެ ތެރޭގައި ހުއްޓާ ކަމަށާއި އެކުއްޖާގެ މޫނަށާއި ގަޔަށް އެސިޑް ޖަހާފައިވަނީ އެކުއްޖާ ޕުޝް ޗެއަރ އެއްގައި އިންދާ ކަމަށެވެ. މިކުއްޖާއަށް ހަމަލާދީފައިވަނީ ތިން މީހުންގެ ގުރޫޕްއަކުން ނެވެ.

ވޮކެސްޓްގެ ފުލުހުން ބުނެފައިވަނީ މިމައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އަދި މިމައްސަލަ ތަޙްޤީޤް ކުރުމަށްޓަކައި އެވަގުތު އެފިހާރައިގައި ތިބި މީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ވޮކެސްޓްގެ ފުލުހުންވަނީ މިކުއްޖާއަށް ހަމަލާދިން ކަމަށް ބެލެވޭ ތިން މީހުންގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އާއްމުކޮށްފައިވަނީ އެފިހާރައިގެ ސީސީޓީވީ ކެމެރާ ފުޓޭޖްއިން ނަގާފައިވާ ފޮޓޯއެކެވެ. ނަމަވެސް މިކުއްޖާއަށް ހަމަލާދޭ މަންޒަރު ކެމެރާއަކަށް އަރާފައިއެއް ނުވެއެވެ.

ވޮކެސްޓްގެ ފުލުހުން ބުނެފައިވަނީ ފުލުހުން މިހާރު ވަރަށް ގިނަ ބަޔަކާ ސުވާލު ކުރަމުން އަންނަ ކަމަށާއި މިކަން ކޮށްފައިވަނީ ކޮން މަޤްސަދެއްގައި ކަމެއް އަދި ސާފު ވެފައި ނުވާ ކަމަށެވެ. އަދި ބޭނުންކުރި އެސިޑްއަކީ ކޮންތާކުން ހޯދި އެއްޗެއްތޯވެސް ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެސިޑް ޖެހުމުން ތިން އަހަރުގެ މިކުއްޖާގެ މޫނަށާއި އަތް ވަރަށް ބޮޑަށް ފިހިފައި ވާއިރު، މިކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެސިޑް ޖެހުމުން ފިހުނުތަކުގެ ނިޝާން މިކުއްޖާގެ މޫނުގައި ހުރި ކަމަށް އާއިލާއާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެއެވެ.