ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ވެރިޔާ މާކް ޒުކަބާގް އަށް އެންމެ ދުވަހެއްގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ. އެންމެ ދުވަހެއްގެ ތެރޭގައި ޒުކަބާގްއަށް ބޮޑު އާމްދަނީއެއް ލިބުނީ އޭނާގެ ކުންފުނި މެޓަރގެ ހިއްސާގެ އަގު ބުރާސްފަތި ދުވަހު ވަރަށް ބޮޑަށް އުފުލުމުންނެވެ.

ބުރާސްފަތި ދުވަހު މެޓަރގެ ހިއްސާއަށް ލިބުނު ކުރިއެރުމާއި އެކު ޒުކަބާގްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ވަނީ 65 ބިލިއަން ޑޮލަރުން 76 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މެޓާރގެ ހިއްސާގެ އަގު ބުރާސްފަތި ދުވަހު އުފުލުނު ނަމަވެސް އަދިވެސް އެކުންފުނީގެ ހިއްސާގެ އަގު ހުރީ މިދިޔަ އަހަރާއި އަޅައި ބަލާއިރު %39 ދަށުގައެވެ.

މިއަހަރަކީ ފޭސްބުކް އަށް މާލީ ގޮތުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ އަހަރެވެ. ސަބަބަކީ އެޕަލްގެ އުފެއްދުންތަކުގައި ފޭސްބުކް އިން އިސްތިހާރުތައް ދެއްކުމުގައި ގެންގުޅެމުން އައި އުސޫލުތައް އެޕަލް އިން ބަދަލު ކުރުމެވެ. އެނިންމުމުގެ ސަބަބުން ފޭސްބުކް އަށް އިސްތިހާރުތަކުން ލިބެމުންދާ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އޭގެ އިތުރުން ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން ރަޝިއާގައި ފޭސްބުކް އާއި އިންސްޓަގްރާމް ވަނީ ބްލޮކް ކޮށްފައެވެ. އެހެންކަމުން ރަޝިއާ އިން މެޓާރ އަށް ލިބޭ އާމްދަނީ ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޒުކަބާގްގެ މުއްސަނދިކަން އިތުރުވި ނަމަވެސް ފޭސްބުކްގެ ބަލަދުވެރި ކުންފުނި ކަމަށްވާ މެޓާރގެ އާމްދަނީ މިކުއާޓާގައި ކުރިއާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށަށް ދާނެއެވެ.