މަޝްހޫރް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމު "ބާރަތު" ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ އެކްޓްރެސް ދިޝާ ޕަތާނީ އަށް އަނިޔާ ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދިޝާއަށް އަނިޔާ ވެފައިވަނީ "ބާރަތު" ގައި އޭނާ ދައްކާލާ މޮޅު ޖިމްނާސްޓިކް ސްޓަންޓްއަކަށް ޕްރެކްޓިސް ކުރަމުންދަނިކޮށެވެ. ސްޓަންޓް ޖައްސަމުންދަނިކޮށް ފައި ފުރޮޅާލައިގެން ދިޝާގެ ކަކުލުހުޅަށް ވަނީ އަނިޔާ ވެފައެވެ.

"ދިޝާއަށް ޓްރެއިނިން ދިނުމަށް އިންޓަނޭޝަނަލް ޓްރެއިނަރުން ހަރަކާތްތެރިވަމުން ދިޔައީ ވެސް. އެކަމަކު ފައި ފުރޮޅާލުމުގެ ސަބަބުން މާބޮޑަށް ހަރަކާތްތެރިވެ ނޫޅުމަށް ދިޝާއަށް އޭނާ ބެއްލެވި ޑޮކްޓަރުން ލަފާ ދީފައި ވަނީ. އެހެންވެ، މިވަގުތު ފިޒިއޮތެރަޕީ ހަދަމުން އެ ދަނީ" ދިޝާގެ ގާތް ފަރާތަކުން މީޑިއާތަަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ވަރަށް އަވަހަށް ދިޝާ ޝޫޓިންގެ މަސައްކަތްތައް ފަށާނެ ކަމަށާއި އެހާއިރަށް ވާއިރަށް ރަނގަޅުވެ، ޝޫޓިންގެ ކަންކަމާއި އަލުން އުޅެވޭ ވަރުވާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

އިންސްޓަގްރާމުގައިވެސް މިލިއަނެއްހަިއ ފޮލޯވަރުން ތިބި ދިޝާ އަކީ އަބަދުވެސް އޭނާގެ މޮޅު ސްޓަންޓް ތަކުގެ ސަބަބުން މީހުންގެ ސަމާލުކަން ހޯދައިފައިވާ އަދި އެންމެ "ފިޓް" އެކްޓްރެސްއިން ތަކުގެ ތެރޭގައިވެސް ހިމެނޭ މޮޅު ނެށުންތެރިއެއްވެސް މެއެވެ.

ސައުތު ކޮރެޔާގެ ފިލްމެއް އަސްލަކަށް ބަލައިގެން ޑައިރެކްޓަރު އަލީ އުފައްދާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ. އަދި މި ފިލްމުގައި ދިޝާއާއިއެކު ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ސަލްމާން ޚާންއެވެ.

ކިޔުންތެރިންގެ ހިޔާލު