ދިރިއުޅުމުގެ ދުވަހީ މަސައްކަތްތަކާއި، ވަޒީފާގެ ބުރަތަކާއި އަދި ކިޔެވުމުގެ ކަންކަމުގެ ސަބަބުން "ސްޓެރެސް" އާ ހަނގުރާމަކުރަން ނުޖެހޭ މީހެއް، އަދުގެ ދުނިޔޭގައި ވަރަށް މަދެވެ. މިކަމުން އަރައިގަތުމަށް، އެކި މީހުން އެކި ޚިޔާލު ދެމުންދާއިރު، މިކަމަށް ހަމަ އެންމެ ރަނގަޅު ކަމަކީ އަޅުކަން ކުރުމެވެ. އަޅުކަންތައް އަދާކުރުމުގެ ފަހުގައި، މިކަން އަރައިގަތުމަށް އެހެން ބައެއް ކަންކަން ކުރުމަކީވެސް ނެތް ކަމެއް ނޫނެވެ. އެގޮތުން، ކުޑައިރު ބައެއް ކަންކަން ކުރި ބީދައިން ކަންކުރުމަކީ ރަނގަޅު ގޮތެކެވެ.

އެހެންކަމުން، އެފަދަ ބައެއް ކަންކަމަށް އަލިއަޅުވާލާނަމެވެ.

އަވަހަށް ނިދުން

އިޝާ ނަމާދުގެ ފަހުން މުޙިއްމު ކަމެއް ނެތްކަމުގައިވާނަމަ، އަވަހަށް ނިދުމަކީ ދީނުގައިވެސް އަންގަވާފައިވާ ނިދުމުގެ އަދަބުތަކުގެ ތެރެއިން އަދަބެއްވެސްމެއެވެ. ހަމައެހެންމެ، ފިލްމު ބެލުމާއި އިންޓަނެޓުގައި ވަގުތު ހޭދަކުރުމުގައި ބަދަލުގައި، މުޙިއްމު ކަމެއް ނެތްނަމަ އަވަހަށް ނިދުމަކީ ބުއްދިވެރި ގޮތެކެވެ. ސަބަބަކީ، ހަމަ ނިދި ނުލިބުމަކީ ސްޓްރެސް އަށް މަގުފަހިވާ ކަމެއްކަމުގައި ވާތީއެވެ.

ގިނައިން ސުވާލުކުރުން

ކުޑަކުދިން ފަދައިން ކަންކަމާ ގުޅޭގޮތުން ގިނަގިނައިން ސުވާލުކުރުމަކީވެސް، ސްޓްރެސް އިން މީހާ ދުރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ބަންދުވެފައިވާ ހުންނަ ޚިޔާލުތައް ބޭރުވެ، އުފެދިފައިވާ ސުވާލުތައްވެސް ސާފުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރެސްއާ ދުރުވާނެއެވެ.

މަޖަލަށް ކުޅިވަރު ކުޅުން

ވާދަވެރިކަމެއް ނެތް ގޮތަށް، ބޭރަށް ނުކުމެ ކޮންމެވެސް ކުޅިވަރެއް ކުޅުމަކީވެސް ސްޓްރެސްއާ މީހާ ދުރުވާނޭ ކަމެކެވެ. ތަނަކަށް ގޮސް ފައިގަތަޅާވިޔަސް ނުވަތަ ފުޓުބޯޅަ ފަދަ ކުޅިވަރެއް ކުޅެވިދާނެއެވެ. މުޙިއްމު ކަމަކީ، ގޭގެ އެތެރޭގައި ވީޑިޔޯ ގޭމެއް ކުޅެން ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ބޭރަށް ނުކެމެ އިސްވެ ބުނެވިދިޔަފަދަ ކުޅިވަރެއް ކުޅުމެވެ.

އާއިލާ މީހުންނާއެކު ވަގުތު ހޭދަކުރުން

އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކުރަން ޖެހޭނީ ހަމައެކަނި ކުޑައިރަކު ނޫނެވެ. އެމީހުންނާއެކު ހިނގާލަން ގޮސް، ވާހަކަ ދައްކާލަން ތިބެން ޖެހޭނީވެސް ހަމައެކަނި ކުޑައިރަކު ނޫނެވެ. ކޮޓަރީގައި ބަންދުވެގެން، އެކަނި ފިލްމެއް ބަލަން އިނުމުގެ ބަދަލުގައި، އާއިލާގެ މީހުންނާއެކު އެފަދަ ކަމެއް ކުރުންވެސް މާ ރަނގަޅުވާނެއެވެ. ސްޓްރެސް އިން މީހާ ދުރުކޮށްދޭނެއެވެ.