ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ފަތުރުވެރިންތަކެއް ކޯމަސް ބަލަން ކުރި ދަތުރެއްގައި އެމީހުންނަށް ފެނުނު ބޮޑުމަސްތަކެއްގެ ވީޑިއޯއަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މާފުށީގައި ހަރަކާތްތެރިވާ ޓްއާއޮޕަރޭޓަރަކު އާއްމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ފަތުރުވެރިން ލޯންޗެއްގައި ދަތުރު ކުރަމުން ދާއިރު އެލޯންޗާއި އެއްވަރަށް ދެބޮޑުމަސް ދަތުރު ކުރަމުން އަންނަ މަންޒަރެވެ. އޭގެތެރެއިން އެއްމަސް ފެނުން މައްޗަށް ނޭވާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

އިންސްޓަގްރާމްގައި ހަހާހެއްހައި މީހުން ބަލާފައިވާ މިވީޑިއޯގެ ޚަބަރު ފަތުރުވެރިކަމުގެ މައުލޫމާތު ގެނެސްދޭ ބޭރުގެ ބައެއް ބްލޮގްތަކުގައި ވެސް މިހާރު ލިޔެފައި އެބަހުއްޓެވެ. އެމެރިކާގެ "އޭބީސީ" ނިއުސް އިން ވެސް ވަނީ މިހާރު މިވީޑިއޯ އާއި ގުޅޭ ޚަބަރެއް ގެނެސްދީފައެވެ. ބްލޮގްތަކުގައި ބުނެފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަނީ ބޮޑުމަހުގެ ބާވަތެއް ކަމަށް "ޕައިލެޓް ވޭލްސް" އެވެ.

ޕައިލެޓް ވޭލްސް އަކީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތަކުން ވެސް ފެންނަ ބާވަތެއްގެ މަހެކެވެ. ނަމަވެސް މިމަސް އެންމެ އާއްމުކޮށް ފެންނަނީ ޗިލީ، އާޖެންޓީނާ، ދެކުނު އެފްރިކާ، އޮސްޓްރޭލިއާ އަދި ނިއުޒިލޭޭންޑްގެ އައްސޭރިފަށުގެ ސަރަހައްދުތަކުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޕައިލެޓް ވޭލްސްގެ އާބާދީ ވެސް މިހާރު އަންނަނީ ކުޑަވަމުންނެވެ. 2016 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ ކަނޑުތަކުގައި އުޅޭނެ ކަމަށް ލަފާ ކުރެވެނީ ދެލައްކައެއްހައި ޕައިލެޓް ވޭލްސް އެވެ.

ޕައިލެޓް ވޭލްސް އާއްމުކޮށް އުޅެނީ އައިން ހަދައިގެންނެވެ. އައިނެއްގައި 20 އާއި 30 ވަރަކަށް މަސް އާއްމުކޮށް އުޅެއެވެ. ބައެއް ފަހަރު އައިންތަކުގައި 100 މަސް ވެސް އުޅޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރާއްޖޭގެ ކަނޑުތަކުން ވަރަށް ގިނައިން ފެންނަ ބާވަތެއް. އެކަމަކު ދުނިޔޭގެ މިއޮށް ބޮޑު ކަނޑުގައި ދެތިން ލައްކަ މަހޭ އުޅެނީ ސައިންސްވެރިން ބުނީމާ ޤަބޫލު ނުކުރެވޭ. ސަބަބަކީ ސައިންސްްވެރިން އެ ކަނޑައަޅާ މިންގަނޑަކީ އެމީހުންނަށްް ފެންނަ އެއްޗެހި. މިއޮށް ބޮޑު ދުނިޔޭގެ ކަނޑުތަކުގެ 1 ޕަސެންޓް ވެސް އަދި އެމީހުންނަށް ބެލިފައެއް ނޯންނާނެކަން ގައިމު.

    60
    6
  2. ގަލަން ތުނޑު

    ކިތައް ސައިންސްވެރިންބަ ދުނިޔޭގަ އުޅެނީ؟

    • ހުސޭނުގެ ކައްގަނޑު

      1- ބިލިއަނަރ އިލޮން މަސްކު
      2- ޕްރޮފެސަރ އަލްހާން ފަހުމީ
      3- ޑޮކްޓަރ ހިޖާމާ ފަޒީ