އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ރަސްކަމަށް 70 އަހަރު ފުރުން ފާހަގަ ކުރަން ބާއްވާ ހަރަކާތުގައި ޕްރިންސް ހެރީ އާއި އޭނާގެ އަނބިމީހާ މޭގަން މާކެލް ބައިވެރިވި ނަމަވެސް އެމަންޒަރު ވީޑިއޯ ކުރަން ނެޓްފްލިކްސްގެ ކެމެރާމަނުންނަށް ބަކިންހަމް ޕެލަސްއަށް ނުވަދެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހެރީ އާއި މޭގަންގެ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސް އިން ތައްޔާރު ކުރަމުން ގެންދާތީ އެެދެކަނބަލުން އިނގިރޭސިވިލާތައް ކުރާ ދަތުރުގެ ގިނަ މަންޒަރުތަކެއް ވެސް ވީޑިއޯ ކުރަން ނެޓްފްލިކްސް އިން ވަނީ ނިންމާފައެވެ. ނަމަވެސް ރާނީ އާއި އަދި ޝާހީ އާއިލާ އިން އިންތިޒާމް ކުރާ އެއްވެސް އިވެންޓެއް ވީޑިއޯ ކުރަން ނެޓްފްލިކްސްއަށް ފުރުސަތެއް ނުލިބޭނެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ އާއި މޭގަންގެ ހަރަކާތްތައް ވީޑިއޯ ކުރަން ނެޓްފްލިކްސް އަށް ފުރުސަތު ނުދޭން ޝާހީ އާއިލާ އިން ނިންމީ ދެކަނބަލުން އެމެރިކާގެ އެންބީސީ އަށް ދެއްވި އިންޓަވިއުގައި ޝާހީ އާއިލާ "ބަދުނާމު" ކޮށްފައި ވާތީއެވެ.

ހެރީ އާއި މޭގަންގެ ދަތުރުގެ ސަބަބުން އެބޭފުޅުންނާއި ޝާހީ އާއިލާ އާއި ދެމެދު އޮތް ނުތަނަވަސް ކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ހެރީ އާއި މޭގަން އާއިމެދު ޝާހީ އާއިލާ އިން ބާއްވާ ގުޅުން އިތުރަށް ދުރުވެގެން ދާނެ ދަތުރަކަށް ވެސް ވެދާނެއެވެ.

ނެޓްފްލިކްސް އަށް ޝާހީ އާއިލާގެ މަންޒަރުތައް ވީޑިއޯ ކުރަން ފުރުސަތު ނުލިބުމަކީ އެކުންފުންޏަށް ވެސް ބޮޑު ގެއްލުމެކެވެ. ހެރީ އާއި މޭގަން ވަނީ ނެޓްފްލިކްސް އާއި އެކު މަލްޓިމިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއެއްބަސްވުމުގެ ދަށުން ހެރީ އާއި މޭގަންގެ ޑޮކިއުމެންޓްރީތަކުގެ އިތުރުން އެބޭފުޅުން ޕްރޮޑިއުސް ކުރާ ޑޮކިއުމެންޓްރީތައް ވެސް ނެޓްފްލިކްސް އިން ދައްކާނެއެވެ.