ނިރުބަވެރި އަމަލެއް ކޮށްގެން ދައުވާ އުފުލާފައިވާ ކެންޏާގެ މީހަކު ދައުވާތަކުން ސަލާމަތްވެ މިނިވަން ކުރަން އުޅުމުން މިނިވަން ނުކުރުމަށް ކޯޓުގައި އެދިއްޖެއެވެ.

އެގައުމުގެ މުސްލިމެއް ކަމަށްވާ ގުޔޯ ގޯސާ ބުރޫގެ މައްޗަށް ނިރުބަވެރި އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވަނީ 2018 ވަނަ އަހަރު އެގައުމުގެ އެންޓި ޓެރާ ޕޮލިސް ޔުނިޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމާއި އެހީތެރިވި ކަމުގެ ދައުވާ ކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭނާ މިނިވަން ކުރުމަށް ކޯޓުން ނިންމާފައިވަނީ ދައުލަތުން ކޮށްފައިވާ ދައުވާތައް ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ބުނެއެވެ.

ނަމަވެސް އޭނާ ވަނީ ކޯޓުގައި މިނިވަން ނުކޮށް ޖަލުގައި ބެހެއްޓުމަށް އެދިފައެވެ.

ކެންޏާގެ ޖަލެއް

އެގޮތަށް އޭނާ ކޯޓުގައި އެދިފައިވަނީ ދައުލަތުގެ ބައެއްގެ އަތުން ނުވަތަ ރަހީނުކޮށްގެން އޭނާ މަރާލާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭނާގެ އެދުމުގެ މަތިން މައްސަލަ ބެލި ގާޒީ ވަނީ 30 ދުވަހަށް އޭނާއަށް ޖަލުގައި ހުރުމުގެ ފުރުސަތު ދީފައެވެ. އެއީ ދައުލަތަށް ފައިސާ ދައްކައިގެން ހުރެވޭނެ އިންތިޒާމު ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި 30 ދުވަސް ހަމަވުމުން އޭނާ މިނިވަންވާނެ ކަމަށް ހުކުމުގައިވެއެވެ.

ބުރޫގެ ވަކީލް ވަނީ އޭނާ ޖަލުން މިނިވަންވާ ހިސާބުން ދައުލަތުން އޭނާއަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ބުނެފައެވެ.