ބޮލީވުޑުގެ އެކްޓަރ ރަންބީރު ކަޕޫރަށް އެންމެ މުހިންމު ކަންކަމުގެ ތެރެއިން އެއް ކަމަކީ ފުޓުބޯޅަ ކުޅުން ކަމަށް އޭނާ ބުނެފިއެވެ.

ދުބާއީގައި ކުރިއަށްދާ ފަންނާނުންގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވަނީ ފުޓުބޯޅައަކީ އޭނާއަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

''އޭއެސްއެފްސީ'' ގައި ދިހަ އަހަރު ފުޓުބޯޅަ ކުޅުމުގައި އުޅެވުނު ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ގިނަ ރަހުމަތްތެރިން ވެސް ލިބުނު ކަމަށް ފާހަގަ ކޮށްފައިވެއެވެ.

ރަންބީރުގެ މި ވާހަކައިގެ ތެރެއިން މެދުކަނޑާލުމަށް ފަހު ދާދި ފަހުން ރަންބީރު ކައިވެނި ކުރި ކަމަށް އަބީޝެކް ބައްޗަން ބުނެފައިވެއެވެ. އަބީޝެކް މިހެން ބުނުމުން ރަންބީރުގެ މޫނުމަތިން ލަދުރަކިކަން ފެނުނެވެ. އަދި އާލިއާއަކީ ވެސް އޭނާއަށް ވަރަށް މުހިންމު މީހެއް ކަމުގައި ބުންޏެވެ.

ރަންބީރު ކަޕޫރަކީ ފުޓުބޯޅަ ކުޅުމުގައި ވެސް ފާހަގަ ކޮށްލެވޭ އަދި އެކަން ކުރާހިތްވާ ފަންނާނެކެވެ. އަބީޝެކް ބައްޗަން، އިބްރާހިމް ޢަލީ ޚާން، ރަންބީރު ކަޕޫރު، އަރުޖުން ކަޕޫރަކީ ފުޓުބޯޅަ ކުޅުމުގައި ހަރަކާތްތެރިވާ ފަންނާނުންނެވެ.

ރަންބީރުގެ ފުޓުބޯޅަ ކުޅުމުގެ ހުނަރާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަބީޝެކް ބުނެފައިވަނީ ރަންބީރަކީ ވަރަށް ހުނަރުވެރި މީހެއް ކަމަށާއި ފުޓުބޯޅައަށް ލޯބިކުރާ، ކުޅޭހިތުން ކުޅޭ ފަންނާނެއް ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް ރަންބީރު ދިޔައީ މިހާރު ކުޅެމުންދާ ފިލުމުގެ ޝޫޓިންތައް ވެސް މެދުކަނޑާލުމަށް ފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މި ފުޓުބޯޅަ މުބާރާތުގައި އަބީޝެކް ބައްޗަންއާއި ރަންބީރު ކަޕޫރުގެ އިތުރުން ކާތިކް އާރްޔާން ވެސް ބައިވެރިވެފައިވެއެވެ.