މޫނުމަތިން ވަރަށް ދެރަ ވައްތަރު ޖަހާ މަހެއް ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ސައިންސްވެރިން ހޯދައިފިއެވެ.

ސްނެއިލްފިޝް އާއިލާގެ މި މަސްތައް ދިރާސާކުރާ ފަރާތްތަކުން ހޯދާފައި ވަނީ 100،000 ޑޮލަރުގެ މޮނިޓަރިން ޑިވައިސްއެއް ކަނޑުގެ 6.5 ކިލޯމީޓަރު އަޑިއަށް ފޮނުވާލުމަށް ފަހުގައެވެ. މި ދިރާސާގައި ސައިންސުވެރިން ވަނީ ދެ ވައްތަރެއްގެ މަސް ހޯދައިފައެވެ.

ހުޅަނގު އޮސްޓްރޭލިއާގެ މިންދެރޫ ޔުނިވާސިޓީ ޑީޕް ސީ ރިސާޗް ސެންޓަރުގެ ޓީމުން މި މަސްތައް ހޯދާފައި ވަނީ އިންޑިއާ ކަނޑުގެ އަޑިންނެވެ. މި މަހުގެ މޫނު ހުންނަނީ އެހެން މަސްތަކާ ތަފާތުކޮށް ދެރަ ވައްތަރު ޖަހާ ސިފައަކަށެވެ. އަދި ހަށިގަނޑުގެ ބޮޑުބައި އިންނަނީ ޖެލީފަދަ ގޮތަކަށް މަޑުކޮށް ކަމަށް ދިރާސާކުރި ޓީމުން ބުނެއެވެ.

މި ދިރާސާ ކުރި ޓީމުގެ ފައުންޑިން ޑިރެކްޓަރު އެލަން ޖޭމިސަން ބޭރުގެ ނޫހެއް ކަމަށްވާ "ދަ ސިޑްނީ މޯނިންގް ހެރަލްޑް" އަށް ބުނީ ސްނެލްފިޝް ކަނޑުގެ ލޮނުގަނޑުގެ 6،500 މީޓަރު އަޑިން ނެގިތާ މިނެޓުތަކެއް ފަހުން ވިރެން ފެށި ކަމަށެވެ.

އޭނާ ބުނީ މި މަސްތައް ފާއިތުވި ދިހަ މިލިއަން އަހަރުވެސް 25 ޑިގްރީއަށްވުރެ މަތީގެ ފިނިހޫނުމިނެއްގައި ނޫޅޭކަމަށެވެ. އެހެންވެ ފެނުން މައްޗަށް ނަގާއިރަށް މަސްތައް ވިރި ބާކީ ހުންނަނީ ހަމައެކަނި މަސްތަކުގެ ބޯތަކެވެ.

ކަނޑުގެ އަޑިން ފެނިފައިވާ މި މަސްތައް އާންމުކޮށް އުޅެނީ ދެ ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިގައެވެ. އަދި ފެނުން މައްޗަށް ނަގާ ގާތްގަނޑަކަށް 20 މިނެޓު ނުވަނީ މަސްތައް ވިރެން ފަށައެވެ.

 

ކިޔުންތެރިންގެ ހިޔާލު