ބޮލީވުޑުގެ އެކްޓަރ ރަންބީރު ކަޕޫރުގެ ފުޓުބޯޅަ ޓީމު ''އޯލް ސްޓަރ ފުޓްބޯލް ޓީމް'' ގައި އަލަށް ކައިވެނި ކުރާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ވަކި ކަމެއް އޮންނަ ކަމަށް އޭނާ ބުނެފިއެވެ.

ދުބާއީގައި އޮތް ''ސެލިބްރިޓީ ފުޓްބޯލް ކަޕް 2022'' ގައި ''އޯލް ސްޓަރ ފުޓްބޯލް ޓީމް'' އާއި ''އެމިރޭޓްސް ޔުނައިޓެޑް'' ބައްދަލު ކުރި މެޗަކީ ކައިވެންޏަށް ފަހު ރަންބީރު ކުޅުނު ފުރަތަމަ ފުޓުބޯޅަ މެޗެވެ.

މި މެޗަށްފަހު ރަންބީރު ދިން އިންޓަވިއުއެއްގެ ތެރެއިން އަބީޝެކް ބައްޗަން ވަނީ ރަންބީރުގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. ދާދި ފަހުން ރަންބީރު ކައިވެނި ކުރި ކަމަށާއި އަލަށް ކައިވެނި ކުރާ ފަރާތްތަކަށް ހާއްސަ ކަމެއް އެ ޓީމުގައި އޮންނަ ކަމަށެވެ.

އަލަށް ކައިވެނި ކުރާ ފަރާތްތަކަށް އޮންނަ މި ހާއްސަ ކަންތައް މީޑިޔާއަށް ކިޔައިދީފައިވަނީ ރަންބީރެވެ.

''ޓީމުގެ އެހެން މެމްބަރުން ވެގެން އަހަރެން ގޯލު ކުރިމަތީގައި ބަހައްޓާނީ. އެއަށްފަހު އަހަރެން ޖެހޭނީ އެމީހުން ދޭ ހުރިހާ ބޯޅައެއް ވެސް ގޯލަށް ޖަހަން'' ރަންބީރު ބުނެފައިވެއެވެ.

ރަންބީރުގެ ކައިވެންޏަށް ފަހު ކުޅޭ ފުރަތަމަ ފުޓުބޯޅަ މެޗަށް ވުމާއި އެކު މި ހާއްސަ ކަންތައް އެ ދުވަހުގެ މެޗަށް ފަހު ކުރާނެއެވެ. އެމީހުންގެ އެ ސަގާފަތް ހިފަހައްޓާނެ ކަމަށް ވެސް އަބީޝެކް ބުނެފައިވެއެވެ.

ކައިވެންޏަށް 15 އަހަރު ފުރުން އައިޝްވާރިޔާ ރާއީ އާއި އެކު ފާހަގަ ކޮށްފައިވާ އަބީޝެކް ކައިވެންޏާއި ގުޅޭ ގޮތުން ރަންބީރުއަށް ބުނާނެ ވަކި އެއްޗެއް ނެތް ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.