ބޮލީވުޑްގެ އެކްޓަރ ސައިފް ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާންގެ ދެ ދަރިން ކަމުގައިވާ ތައިމޫރް ޢަލީ ޚާނާއި ޖެހް ޢަލީ ޚާން ފިލުމު ބެލުން މަނާ ކަމަށް ސައިފްގެ މަންމަ ޝަރުމިލާ ތޭގޯރް ބުނެފިއެވެ.

ކުރީގެ ބަތަލާ ޝަރުމީލާ އެގާރަ އަހަރު ފިލުމު އިންޑަސްޓްރީ އާއި ދުރުގައި ހުރުމަށް ފަހު އެނބުރި ފިލުމު އިންޑަސްޓްރީ އަށް އައި ފިލުމު "ގުލްމޯހަރް" އާއި ބެހޭ ގޮތުން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޝަރުމީލާ ބުނެފައިވަނީ ތައިމޫރްއާއި ޖެހް ފިލުމު ބެލުން މަނާ ކަމަށެވެ.

ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޝަރުމީލާ ވަނީ އޭނާގެ ހުރިހާ މާމަ ދަރިން އޭނާގެ ފިލުމުތަކާއި މެދު ދެކޭ ގޮތް ހިއްސާ ކޮށްފައެވެ.

އެގޮތުން ސައިފުއާއި އަމްރިތާގެ ދެ ކުދިން ކަމުގައިވާ ސާރާ ޢަލީ ޚާނާއި އިބްރާހީމް ޢަލީ ޚާން އޭނާގެ ފިލުމުތައް ބެލުމަށް ފަހު "ވަރަށް މޮޅު" މިހެން ބުނުން ފިޔަވައި އެހެން ގޮތެއް ނޯންނާނެ ކަމަށާއި އެކުދިން ބޮޑެތި ވެފައި ތިބުމުން ފިލުމު ބަލަން ބޭނުމިއްޔާ ބަލާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޝަރުމީލާގެ ހަގު ދަރި ބަތަލާ ސޯހާ ޢަލީ ޚާންގެ ދަރިފުޅު އިނާޔާ ކެންމޫ އިން ސްކްރީނުން މާމަގެ ރޯލުން ފެނުމުން ވަރަށް އުފާވި ކަމަށާއި ވަރަށް މޮޅު ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ކަރީނާ އާއި ސައިފުގެ ދެ ކުދިން ތައިމޫރްއާއި ޖެހް އަދި ފިލުމު ބެލުން މަނާ ކަމުގައި ވެސް ޝަރުމީލާ ބުނެފައިވެއެވެ.

ތައިމޫރްއާއި ޖެހްއަށް އިންޑިއާ މީޑިއާތަކުގެ ސަމާލުކަން އަބަދުވެސް ވަރަށް ބޮޑަށް ލިބެއެވެ.