އޮންލައިން ވިޔަފާރި ކުރުން ފަސޭހަ ވަމުން އަންނައިރު އޮންލައިން ވިޔަފާރީގެ ސަބަބުން ލިބޭ ގެއްލުންތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އެމެރިކާގެ އަންހެނަކަށް ވެސް މިއޮތީ އޮންލައިން ވިޔަފާރީގެ ސަބަބުން ކަމެއް ކުރިމަތިވެފައެވެ.

ކެލްސީ ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި އޭނާ އެންމެ ދެއަހަރުގެ ފިރިހެން ދަރިފުޅު ވަނީ ފޯނުން މެކްޑޮނަލްޑްގެ 31 ބާގާއަށް އޯޑަރު ދީފައެވެ.

"ޑޯޑޭޝް" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ދެއަހަރުގެ ދަރިފުޅު ޗީސްބާގާ ތަކަކަށް އޯޑަރު ދިނީ މަންމަ، އޭނާ ކުޅެލަން ފޯނު ދިން ގަޑީގައެވެ.

"އަހަރެންގެ ދަރިފުޅު އިނީ އަހަރެން ފޯނު ދިނުމުން ފޯނާއި ކުޅެން. އަހަރެން ހީކުރީ އޭނާ އުޅުނީ ފޯނުން ފޮޓޯތައް ބަލަން ކަމަށް. އެކަމަކު އޭނާ ވަނީ ފޯނާއި ގުޅެން އިނދެފައި ބާގާތަކަކަށް އޯޑަރުކޮށްފައި." ކެލްސީ ބުންޏެވެ.

ކެލްސީގެ ދަރިފުޅު އޯޑަރު ކުރި ބާގާއެއް ޑޯޑޭޝްގައި ލިސްޓް ކޮށްފައި ވަނީ 1.89 ޑޮލަރަށެވެ. އޭނާ ޓެކްސް ނުހިމަނާ ބާގާތަކަށް 58.59 ޑޮލަރު ދައްކަން ޖެހުނެވެ.

ކެލްސީއަށް ވާނުވާ އެނގުނުއިރު ބާގާތައް ހުރީ ގެއަށް ޑެލިވަރީކޮށްފައެވެ. އެހެންކަމުން ދެން ހެދެން އޮތް އެންމެ ރަނގަޅު ގޮތް އޭނާ ހެދިއެވެ. އެއީ ފޭސްބުކްގައި ޕޯސްޓެއްކޮށް، ބާގާ ބޭނުންވާ އެކުވެރިން ގެއަށް އައުމަށް ދައުވަތު ދިނެވެ. ކެލްސީ ހުރިހާ ބާގާތަކެއް ބަހާލީ އެކުވެރިންނަށާއި އަވައްޓެރިންނަށެވެ.

ނަމަވެސް ކެލްސީ ބުނީ މިލިބުނު ފިލާވަޅާއިއެކު އޭނާ ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެއީ އޮންލައިންކޮށް ވިޔަފާރި ކުރެވޭ އެޕްލިކޭޝަންތައް ދަރިފުޅަށް ފަސޭހައިން ނުކުޅެވޭ ގޮތް ހެދުމެވެ. އެހެން ނުހައިދިފިނަމަ ބޮޑު ގެއްލުމެއް ލިބިދާނެކަން މިހާރު ކެލްސީއަށް އަށް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު