ބޮލީވުޑުގެ ބަތަލާ މަލައިކާ އަރޯރާ ކުޑައިރު މަންމައާއި ބައްޕަ ވަރިވުމުން އެކަމުގެ އަސަރު ކުރި ކަމަށް އޭނާ ބުނެފިއެވެ.

ފެޝަން މެގަޒިންއަކަށް ދާދިފަހުން މަލައިކާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ މަންމަ ޖޯއިސް ޕޮލިކާޕްއާއި ބައްޕަ އަނިލް އަރޯރާ ވަރިވިއިރު, އޭނާގެ އުމުރުން އެންމެ 11 އަހަރު ކަމަށެވެ. އަދި އޭނާގެ ކޮއްކޮ އަމްރިތާ އަރޯރޯގެ އުމުރުން 6 އަހަރު ކަމަށެވެ.

''އަހަރެންގެ ކުޑައިރުގެ ދުވަސްތައް އުދަނގޫ ނަމަވެސް ވަރަށް ހިތްހަމަޖެހޭ. އެއީ އުދަނގޫ ދުވަސްތަކެއް. ނަމަވެސް އަހަރެމެންނަށް ކަންތައްތައް ދަސްވާނީ އެފަދަ ދުވަސްތަކުން. މަންމައާއި ބައްޕަ ވަކިވުމުން މަންމަގެ ކުރިން ނުދެކޭ ފަރާތެއް ފެންނަން ފެށި. އަހަރެންނާއި އަމްރިތާ ބެލީ މަންމަ އެކަނި. އަހަރެމެންނަށްޓަކައި މަންމަ ކޮށްދިން ކަންތައްތަކުން މިއަދު އަހަރެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ'' މަލައިކާ ބުނެފައިވެއެވެ.

އަމިއްލަ ފައި މައްޗަށް ތެދުވެ، އަމިއްލަ މަސައްކަތުން މިނިވަންކަން މަތީ އުޅުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލައިގެން އެކަމަށް މަސައްކަތް ކުރަން ދަސްވި ކަމަށާއި މަލައިކާގެ ފިލްމީ މަސައްކަތްތަކާއި އަމިއްލަ ދިރިއުޅުމަށް ވެސް ބޭނުންތެރި ގިނަ ކަންތައްތަކެއް ދަސްވި ކަމަށް އޭނާ ބުނެފައިވެއެވެ.

މިއަދު މަލައިކާއަކީ އަމިއްލަ މަސައްކަތުން މިނިވަންކަމުގައި ދިރިއުޅޭ މީހެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މަލައިކާއާއި އޭނާގެ ފިރިމީހާ އަރުބާޒް ޚާން ވަރިވުމަށް ފަހުގައި އެދެމަފިރިންގެ ދަރިފުޅު އަރްހާން ޚާން ބެލުމުގެ މަސައްކަތް ކޮށްފައިވަނީ ވެސް މަލައިކާއެވެ. އަދި މަލައިކާއަކީ ދަރިފުޅާއި ގާތް ގުޅުމެއް އޮންނަ މަޖާ މީހެއް ނަމަވެސް ހަރުކަށި ވާންޖެހޭ ހާލަތްތަކުގައި ވަރަށް ހަރުކަށި މަންމައެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.