މަޝްހޫރު ޑައިރެކްޓަރ އެސްއެސް ރާޖުމޯލީގެ ފިލްމު ''އާރްއާރްއާރް'' މި މެއި މަހުގެ 20 ވަނަ ދުވަހު ނެޓްފްލިކްސްއަށް އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން ކޮށްފައިވާ ޓުވީޓެއްގައި ފިލްމު ''އާރްއާރްއާރް'' ގެ ޕޯސްޓަރާއި އެކު މި ފިލްމު ނެޓްފްލިކްސްއަށް އަންނަކަން އިޢުލާން ކޮށްފައިވެއެވެ.

''އެންމެން ވެސް ބުނަނީ މި ފިލްމު ބަލައިލަން ކެތްމަދުވެފައިވާ ކަމަށް. ހަމައެގޮތަށް އަހަރެމެން ވެސް މި ތިބީ މި ފިލުމު ބަލައިލަން ކެތްމަދުވެފަ. އާރްއާރްއާރް އެޅުވިތާ 13 ދުވަހުގެ ތެރޭގައި ނެޓްފްލިކްސްއަށް'' ނެޓްފްލިކްސްގެ ޓުވީޓްގައި ވެއެވެ.

މި ފިލްމު ނެޓްފްލިކްސްއަށް އައުމާއި ގުޅިގެން ފިލުމުގެ ޑައިރެކްޓަރ އެސްއެސް ރާޖުމޯލީ ބުނެފައިވަނީ އާރްއާރްއާރްއަށް އޯޑިއަންސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އިންޑިޔާއިން ބޭރުގެ ގައުމުތަކުގައި ވެސް މި ފިލުމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ނެޓްފްލިކްސް މެދުވެރިކޮށް 190 ގައުމަކަށް މި ފިލްމު ބެލޭނެ ގޮތްވާތީ އުފާވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ވަކި ބަހަކުން ކުޅެފައިވާ ފިލްމުތަކަށްވުރެ، ފިލްމުތަކުގެ ކޮންޓެންޓަށް މީހުން ސަމާލުކަން ދޭ ކަމަށާއި އާރްއާރްއާރްއަށް ނެޓްފްލިކްސްއިން މުޅިން ތަފާތު ޕްލެޓްފޯމެއް ދޭނެ ކަމަށް ވެސް ޑައިރެކްޓަރ ބުނެފައިވެއެވެ.

އެސްއެސް ރާޖުމޯލީގެ މި އެކްޝަން ފިލްމުން ފެނިގެންދާނީ އާލިއާ ބަޓް، އެންޓީއާރް، ރާމް ޗަރަން، އަޖޭ ދޭވްގަންއެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ ފިލްމެކެވެ.

ނެޓްފްލިކްސްއިން އިންޑިޔާގެ ފިލްމުތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ފާހަގަ ކޮށްލެވޭ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ.