ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ދުންފަތް ޕްރޮމޯޓް ކުރި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

މީގެ ހަފްތާތަކެއް ކުރިން ފިލްމީތަރި އަކްޝޭ ކުމާރު ޕާން މަސާލާ ބްރޭންޑުގެ ދުންފަތް އިސްތިހާރު ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު އޭނާ އަށް ވަނީ އެ މައްސަލައާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭނާ ވަނީ އާންމުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.

ދުންފަތުގެ ދެ ބްރޭންޑެއް ކަމަށްވާ "ގުޓްކާ" އާއި "ޕާން މަސާލާ" ބްރޭންޑްތަކާ ގުޅުނު ކަމަށް ބުނެ އަޑުފެތުރިފައިވާ ބޮލީވުޑްގެ އެހެން އެކްޓަރުންނަކީ އަމީތާބް ބައްޗަން، ޝާހް ރުކް ޚާން، އަޖޭ ދޭވްގަން އަދި ރަންވީރު ސިންގް އެވެ.

މުޒައްފަރުޕޫރައް ނިސްބަތްވާ ވަކީލެއް ކަމަށްވާ ތަމަންނާ ހަޝްމް މިހާރު ވަނީ އެސްއާރްކޭ، އަޖޭ، ރަންވީރު އަދި ބިގްބީ އާ ދެކޮޅަށް ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ’ޣޫތާ‘ ނުވަތަ ދުންފަތް އިސްތިހާރު ކުރުމަށް އެމީހުންގެ މަގްބޫލުކަން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ދައުވާ ކޮށްފަ އެވެ.

އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ އިރު، މި މަހުގެ 27 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުން އޮންނާނެ އެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަމީތާބް ބައްޗަން ވަނީ ޗީވިން ޓޮބޭކޯ ބްރޭންޑަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. އެ މައްސަލަ ހިނގައިދިޔަގޮތް ކުރިން ބައްޗަން އަށް ތަފްސީލުކޮށް ނޭނގޭ ކަމަށް ބުނެ އޭނާގެ އޮފީހުން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ "ބައްޗަން މި ބްރޭންޑާ ގުޅުނުއިރު، ދުންފަތް އިޝްތިހާރު ކުރުމުގެ މައްސަލައިގެ ދަށަށް އެ ކަން ދާނެކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.“

ބައްޗަން މިހާރު ވަނީ ދުންފަތުގެ ބްރޭންޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، އޭނާ އަށް ދިން ވަޒީފާ ބޭނުންނުވާކަން ހާމަކޮށް، ޕްރޮމޯޝަނަށް ލިބުނު ފައިސާ އަނބުރާ ރައްދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު