އިނގިރޭސިވިލާތުގެ އުމުރުން 95 އަހަރުގެ ފިރިހެނަކު ފުރަތަމަ ފަހަރަށް ކައިވެނި ކޮށްފިއެވެ.

އުމުރުން 95 އަހަރުގެ ޖޫލިއަން ކައިވެނި ކޮށްފައިވަނީ 84 އަހަރުގެ ވެލެރީ ވިލިއަމްސް އާއިއެވެ. މި ދެމަފިރިން އެންމެ ފުރަތަމަ ދިމާވެފައިވަނީ މީގެ 23 އަހަރު ކުރިން އެގައުމުގެ ފައްޅިއަކުންނެވެ. ދެމަފިރިން ކައިވެނި ކޮށްފައިވަނީ ވެސް އެފައްޅީގައި މިމަހުގެ 19 ވަނަ ދުވަހުއެވެ.

މިދެމަފިރިިންގެ ކައިވެނި ހަފްލާއަށް އާއިލާއާއި ރައްޓެހިން ހިމެނޭހެން ގާތްގަނޑަކަށް 40 މީހަކު ވަނީ އައިސްފައެވެ.

ދެމީހުންގެ ހިތުގެ އުދާސްތައް ވޭލްސް އޮންލައިނަށް ހިއްސާ ކުރައްމުން ވެލެރީ ބުނެފައިވަނީ ކައިވެނި ކުރެވުނުކަން ގަބޫލެއް ވެސް ނުކުރެވޭ ކަމަށެވެ. އަދި ޖޫލިއަން ބުނެފައިވަނީ އެކަން އިހުސާސް ކުރެވެނީ އާ އަހަރެއް ފެށުނު ހެން ކަމަށެވެ.

ދެމަފިރިން ބުނެފައިވަނީ ވިސްނުން ހުރީ އެކުގައި އުމުރު ދުވަސް ހޭދަ ކުރަން ކަމަށާއި ހަނީމޫނަށް ފުރާނީ މިއަހަރުގެ ފަހުކޮޅު ޖޫލިއަންގެ އުފަން ރަށް އޮސްޓްރޭލިއާއަށް ކަމަށެވެ.

މީގެ އިތުރުން އެންމެ ފަހުން ކައިވެނި ކުރުމަކީ ކިހާވަރެއްގެ އިހްސާސެއްތޯ ސުވާލު ކުރުމުން 95 އަހަރުގެ ޖޫލިއަން ބުނެފައިވަނީ އެހެން އެއްވެސް ކައިވެންޏެއް ހަނދާނުގައި ނެތް ކަމަށާއި އަދި އެއީ އުފާވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖޫލިއަން އަކީ ވަރަށް ވެސް ރަނގަޅު މީހެއް ކަމަށް ވެލެރީ ސިފަ ކޮށްފައިވާއިރު، ޖޫލިއަން ވަނީ ވެލެރީއަކީ ދިރިއުޅުމެއް ފަށަން ވަރަށް ފަސޭހަ މީހެއް ކަމަށް ބުނެފައެވެ.