1986 ވަނަ އަހަރު ނެރުނު ރާއްޖޭގައި ކުޅުނު ހިންދީ ފިލްމު ސަމަންދަރުގެ ޕްރޮޑިއުސަރ މަރުވެއްޖެއެވެ.

ބޮލީވުޑްގެ ގިނަ ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ މުހައްމަދު ރިޔާޒް މަރުވެފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އިންޑިއާގެ ލިލަވިތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ މަރުވިއިރު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ ދުވަސްކޮޅެއް ވެެއްޖެއެވެ.

މަރުވި އިރު ދުނިޔޭގައި އަނތްބަކާއި ދެ ދަރިން އެބަތިއްބެވެ.

ރިޔާޒް ވަނީ 1970 ގެ އަހަރުތަކުން ފެށިގެން 1990 ގެ ފަހުކޮޅުގެ އަހަރުތަކުގައި ގިނަ ފިލްމުތަކެއް އުފައްދާފަ އެވެ. އެމް.އާރް ޕްރޮޑަކްޝަންސް އިން އެންމެ ފަހުން އުފެއްދި ފިލްމަކީ އަނިލް ކަޕޫރު، ތާބޫ އަދި ޕޫޖާ ބަޓްރާ ކުޅެފައިވާ ކާމިޔާބު ވިރާސަތު (1997) އެވެ.

އޭގެ ކުރިން އުފެއްދި ފިލްމުތަކުގެ ތެރޭގައި ސަފަރު (1970)، މެހެބޫބާ (1976)، ބައިރާގް (1976)، އަޕްނޭ ޕަރާއީ (1980)، ރާޖްޕުތު (1982)، ޝަކްތީ (1982)، ޒަބަރްދާސްތު (1985)، ސަމުންދަރް (1986)، ކޮމާންޑޯ (1988) އަދި އަކައިލާ (1991) ހިމެނެ އެވެ.

ރިޔާޒް މަސައްކަތް ކުރަމުން ގޮސްފައި ވަނީ މުޝީރް އާލަމާއި އެކުގައެވެ. ރިޔާޒަކީ ކަލްކަޓާއަށް ނިސްބަތްވާ މީހެއް ކަމަށްވާއިރު މުޝިރް އާލަމް އަކީ ކާންޕޫރަށް ނިސްބަތްވާ މީހެކެވެ. މުޝިރް ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު