އެމެރިކާގެ ވޮޝިންގްޓަންއަށް އުފަން އުމުރުން 82 އަހަރުގެ މައޭއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ނަރުހެކެވެ.

ނަރުސްކަން ކުރުމުގެ އިތުރުން މައޭ ވަނީ އިޖުތިމާއީ މަސައްކަތްތަކުގައި ތިރީހަށް ވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު 82 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ފަހު އޭގެ އަނެއް ދުވަހު މައޭއަށް ވަނީ ވޮޝިންގްޓަންގެ ޔުނިވާސިޓީ އޮފް މަރީލޭންޑްއިން ''ބިޒްނަސް މެނޭޖްމަންޓް'' ގެ ދާއިރާއިން ޑިގުރީ ހާސިލު ކޮށްފައެވެ.

''ބިޒްނަސް މެނޭޖުމަންޓް'' އިން ޑިގުރީ ހާސިލު ކުރުމަށް މައޭ ކޮލެޖަށް ދާން ފެށީ އޭނާގެ އުމުރުން 70 އިގެ އަހަރު ތަކުގެ ތެރޭގައެވެ.

އިޖުތިމާއީ ރޮނގުން މީހުންނަށް އެހީތެރިވެދިނުމަށް މައޭ ކޮށްފައިވާ އެތައް ކަމެއްގެ ސަބަބުން އޭނާއަށް ވަނީ 2016 ވަނަ އަހަރު ގައުމީ ފެންވަރުގެ ޝަރަފެއް ވެސް ލިބިފައެވެ.

ސުކޫލުގައި ކިޔަވަން އުޅުނު އިރުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައިވާ މައޭ ކިޔަވާނިމުމަށް ފަހު އެތަކެއް އަހަރުތަކެއް ވަންދެން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު މެނޭޖުމަންޓުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވިއެވެ.

މައޭ މެނޭޖުމަންޓުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވީ އިޖުތިމާއީ ތަފާތު ހަފުލާތައް ބޭއްވުމަށާއި އަމިއްލަ މަސައްކަތުން މީހުންނަށް އެހީތެރިވުމަށް ބޭނުންވާތީއެވެ.

ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި މައޭ ބުނެފައިވަނީ ޑިގުރީ ހާސިލުވުމުން ވަރަށް އުފާވާ ކަމަށާއި އޭނާ ހާސިލު ކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލު ކުރެވުނީ ކަމަށެވެ.

ކުރިއަށް ހުރި ޕްލޭންތަކަކީ ކޮބައިތޯ ސުވާލު ކުރުމުން މައޭ ބުނެފައިވަނީ އަދި ވެސް ދެވެން އޮތް އެންމެ މައްޗަކަށް ދިޔުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާޝާﷲ