ކައިވެނީގެ ހުރިހާ ކަމެއް ފަށައިގެން ކުރިއަށްދަނިކޮށް، ވާން އުޅޭ ފިރިމިހާ ތަލަކަން އެނގުމުން ކައިވެނި ކުރަން އަންހެން މީހާ ދެކޮޅު ހަދައިފިއެވެ. މިކަން ހިނގީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަންހެން މީހާ އޭނާގެ ވާން އުޅޭ ފިރިމީހާއާ އިންނަން ދެކޮޅު ހެދީ އެ ދުވަހުގެ ކައިވެނީގެ އެންމެ ފަހުގެ ކަންކަން ފަށައިގެން ކުރިއަށް ގެންދަނިކޮށެވެ. އަދި އޭގެ އަނެއް ދުވަހުގެ ހެނދުނު ކައިވެނި ކުރަން ތައްޔާރުވެސް ވެފައި ވަނިކޮށެވެ.

އިންޑިއާގެ ކައިވެނީގެ ހަފްލާތަކަށް ބައެއް ފަހަރު އެތައް ގަޑިއިރާއި އެތައް ދުވަހަކަށް ދެމިގެން ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް އޭނާއަކީ ތަލަމީހެއްކަން އެނގުނީ، ބޯ އަނބުރައިގެން ވެއްޓުމާއެކު، އޭނާގެ ތަލަކަން ފޮރުވަން ވެގެން އަޅާފައިވާ އިސްތަށިގަނޑު ނައްޓައިގެން ދިއުމުންނެވެ. މިކަންތައް ވެގެން ދިޔައީ ކައިވެނީގެ ހަފްލާގެ އެއްބައި ނިމިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެ މަންޒަރު ކައިވެނި ކުރަން އުޅުނު އަންހެން މީހާއަށް ފެނުމުން ކައިވެނި ކުރިއަށްގެންދަން ދެކޮޅު ހެދިއެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އާއިލާ މީހުން އޭނާއަށް ނަސޭހަތްވެސް ދީފައި ވެއެވެ. އަދި މައްސަލަ ފުލުހަށްވެސް ގެންދިޔައެވެ. އެހެން ނަމަވެސް އޭނާގެ ނިންމުން ބަދަލު ކޮށްފައެއް ނުވެއެވެ.

އިންޑިއާގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުގައި ބޯތަލަ ވުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައެވެ. އެފަދަ ގައުމުތަކުގައި ފިރިހެނުން ތަލަ ފޮރުވަން ވިގު ޖެހުމަކީ ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު