2010 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރެވުނު ފިލުމު ''ރާޖުނީތީ'' ގެ ދެވަނަ ބައެއް ނެރުމަށް ތައްޔާރު ވަމުންދާ ކަމަށް ފިލުމުގެ ޑައިރެކްޓަރ ޕްރަކާޝް ޖާ ހާމަކޮށްފިއެވެ.

ސިޔާސީ ހަލަބޮލިކަމެއް ދައްކުވައިދޭ މި ފިލުމުގައި ރަންބީރު ކަޕޫރު، ކެތުރީނާ ކެއިފް، އަރުޖުން ރާމްޕާލް، އަޖޭ ދޭވްގަން، މަނޯޖް ބާޖްޕާއީ އަދި ނާނާ ޕަޓޭކަރު ވަނީ މުހިއްމު ރޯލުތަކެއް އަދާ ކޮށްފައެވެ.

ފިލުމު ''ގަންގާޖަލް''، ''އަޕާރަން'' ފަދަ ފިލުމުތައް ޑައިރެކްޓް ކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރ ޕްރަކާޝް ބުނެފައިވަނީ ''ރާޖުނީތީ'' ގެ ދެވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ.

''އަހަރެންގެ ބައެއް ފިލުމުތަކުގެ ދެވަނަ ބައެއް ނެރުމާއި މެދު ވަރަށް ވިސްނަން. ރާޖުނީތީއަކީ އޭގެތެރެއިން އެއް ފިލުމު. މީގެ ދެވަނަ ބައެއް ވެސް ވަނީ ލިޔެވިފަ. ނަމަވެސް ސްކްރިޕްޓް ލިޔެވުނު އިރުގެ ސިޔާސީ ހާލަތާއި މިހާރުގެ ސިޔާސީ ހާލަތު އޮތްގޮތް ތަފާތުވުމުން ދެވަނަ ބައެއް އުފައްދާނަންތޯ ނުވަތަ ނޫން ތޯ އަދި ވެސް ޔަގީނެއް ނުވޭ. އަހަރެންގެ ބައެއް ފިލުމު ތަކުގެ ދެވަނަ ބައިގެ މަސައްކަތްތައް އެބަ ކުރަން'' ޕްރަކާޝް ބުނެފައިވެއެވެ.

ފިލުމު ''ރާޖުނީތީ'' އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލުމެކެވެ. މި ފިލުމަށް 145.50 ކްރޯރް އިންޑިއަން ރުޕީސް ލިބިފައިވެއެވެ.

މި ފިލުމުގައި ދައްކުވައިދެނީ ސިޔާސީ އާއިލާއެއްގެ މީހަކު އެ ދާއިރާއާއި ދުރުގައި އުޅުމަށް ގައުމުން ބޭރުގައި އުޅުނު ނަމަވެސް ބައްޕަ މަރުވުމުގެ ސަބަބުން އެނބުރި އިންޑިޔާއަށް އައިސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަޖުބޫރުވެގެންދާ ގޮތްތަކެވެ.