ޑޮނަލްޑް ގޯރްސްކީ ކިޔާ މީހަކު މެކްޑޮނަލްޑްއިން ކޮންމެ ދުވަހަކުހެން ބޮޑު ބާގާއެއް ކަމުންދާތާ 50 އަހަރު ވެއްޖެއެވެ.

އެހެންވެ ހަޔާތުގައި އެންމެ ގިނައިން ބާގާ ކޭ މީހާގެ ގޮތުގައި ޑޮނަލްޑް މިހާރު ވަނީ ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް ވެސް އަރައިފައެވެ.

ފާއިތުވި 50 އަހަރު އޭނާ ކޮންމެ ދުވަހަކުހެން ބާގާ ކޭއިރު ބާގާ ނުކަނީ އެންމެ އަށް ދުވަހު އެވެ.

މިއީ އެންމެ ގިނަ ބާގާ ކައިގެން ޑޮނަލްޑް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ.

އޭނާ މީގެ ކުރިން 1999 ވަނަ އަހަރު ވެސް ވަނީ ހަޔާތުގައި އެންމެ ގިނަ ބާގާ ކައިގެން ރެކޯޑް ހަދައިފަ އެވެ. އެއީ 15،490 ބާގާއެވެ.

މިފަހަރު ރެކޯޑް ހެދިއިރު ޑޮނަލްޑް ވަނީ 32،340 ބާގާ ކައިފައެވެ.

އެ ހުރިހާ ބާގާތަކެއް ގަތް ކަމުގެ ރިސިޓްތައް ވެސް އޭނާގެ އަތުގައި އެބަ އޮތެވެ.

ފަންސާސް އަހަރު ވަންދެން މެކްޑް ޑޮނަލްޑްގެ ބާގާ ކައިފައިވާތީ އޭނާއަށް މެކްޑޮނަލްޑް އިން ވަނީ ޓްރިބިއުޓެއް ވެސް ދީފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ މެކްޑޮނަލްޑް ބާގާ ކޭ އައުޓްލެޓްގެ ބޭރުގައި ޑޮނަލްޑްއަށް މަރުހަބާ ކިޔައި ބޮޑު ބޯޑެއް ވެސް ވަނީ ބަހައްޓައިފައެވެ. އަދި އޭނާގެ ފޮޓޯ ޖެހި ފްރޭމެއް ވެސް އެ އައުޓްލެޓްގެ ބޭރުގައި ވަނީ ހަރުކޮށްފައެވެ.