ބޮލީވުޑުގެ ސުޕަރ ސްޓަރ ޝާހުރުކް ޚާނާއި ބަތަލާ އަނުޝްކާ ޝަރުމާއަކީ އެކުގައި ގިނަ ފިލުމުތަކެއް ކުޅުމުގެ އިތުރުން ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.

މި ދެ ފަންނާނުން އެކުގައި ބައިވެރިވި ސެލިބްރިޓީ ޗެޓް ޝޯއެއްގައި ޝާހުރުކް އަތުން ވަގަށް ނަގަން ބޭނުން ވަނީ ކޮން އެއްޗެއް ތޯ އަނުޝްކާއާއި ސުވާލު ކުރުމުން ލިސްޓެއް ކިޔާދިނެވެ.

އެއްވެސް ޖެހިލުމެއް ނެތި އަނުޝްކާ މި ސުވާލަށް ޖަވާބު ދެމުން ބުނެފައިވަނީ ޝާހުރުކްގެ އަތުން އޭނާ ވަގަށް ނަގަން ބޭނުންވަނީ ޝާހުރުކްގެ އަތުގައި އަޅައި ގަޑިތައް ކަމަށެވެ. އަދި އެ ތަކެތި ވަގަށް ނެގުމަށް ފަހު އޭނާ ބޭނުންވަނީ އެ ގަޑިތައް ވިއްކާލުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން އަނުޝްކާ ބުނެފައިވަނީ ޝާހުރުކް ޚާން މުމްބާއީގައި ދިރިއުޅެމުންދާ ގެ ''މަންނަތު'' ވެސް ޝާހުރުކްގެ އަތުން ވަގަށް ނަގަން ބޭނުންވާ ކަމަށެވެ.

އަނުޝްކާ އެންމެ ފުރަތަމަ ބޮލީވުޑަށް ތަޢާރަފްވި ފިލުމު ''ރަބްނެ ބަނާދީ ޖޯޅީ'' ގައި އޭނާއާއި އެކު ފެނިގެން ދިޔައީ ޝާހުރުކް ޚާނެވެ. އޭގެފަހުން މި ދެ ފަންނާނުން އެކުގައި ވަނީ ''ޖަބް ތަކް ހެ ޖާން''، ''ޖަބް ހެރީ މެޓް ސޭޖަލް'' އަދި ''ޒީރޯ'' ގައި އެކުގައި މަސައްކަތް ކޮށްފައެވެ.

އަނުޝްކާގެ ފިލުމީ މަސައްކަތަށް ބަލާއިރު މިހާރު ކުޅެމުންދަނީ ކްރިކެޓަށް ހާއްސަ ކުރެވިގެން ތައްޔާރު ކުރާ ފިލުމު ''ޗަކްދާ އެކްސްޕްރެސް'' ގެ މަސައްކަތްތަކެވެ.

ޝާހުރުކް ޚާންގެ ފިލުމީ މަސައްކަތްތަކަށް ބަލާއިރު އޭނާ މިހާރު ދަނީ ފިލުމު ''ޕަތަން''، އަދި ''ޑުންކީ'' ގެ މަސައްކަތްތައް ކުރަމުންނެވެ.