އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އޭނާގެ އަނބިމީހާ މޭގަން މާކެލް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ބައްދަލުކޮށްފިއެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ހެރީ އާއި މޭގަން ވަނީ އިނގިރޭސިވިލާތައް ވަޑައިގެން ރާނީ އެލިޒަބަތުގެ އިތުރުން ޕްރިންސް ޗާލްސް އާއި ކަމިއްލާ އާއި ޕްރިންސް ވިލިއަން އަަދި ކޭޓް މިޑްލްޓަން އާއި ބައްދަލުކޮށްފައެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އިމްތިޔާޒްތައް ދޫކޮށްލުމަށް ފަހު އިނގިރޭސިވިލާތުން އެމެރިކާ އަށް ދިރިއުޅުން ބަދަލު ކުރެއްވީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. މިއީ ހެރީގެ ދެކަނބަލުން ޝާހީ އާއިލާ އާއި ވަކިވިފަހުން ދެކަނބަލުން އެކުގައި އަލުން އިނގިރޭސިވިލާތައް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މިހާރު ހެރީ އާއި މޭގަން އިނގިރޭސިވިލާތައް ވަޑައިގެން އުޅުއްވަނީ ރާނީ އެލިޒަބަތުގެ ރަސްކަމަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށެވެ. ހެރީގެ ދެކަނބަލުން އަންނަ މަސް ނިމެންދެން އިނގިރޭސިވިލާތުގައި މަޑުކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތައް މޭގަން އާއި ހެރީ ވަޑައިގެންފައި ވާއިރު ދެކަނބަލުންނާއި ޝާހީ އާއިލާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގުޅުން ގޯސްވީ ހެރީ އާއި މޭގަން އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި ޝާހީ އާއިލާގެ މެންބަރަކު ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިފުޅަށް ނަސްލީ ގޮތުން ދިމާކުރިކަމަށް ވިދާޅުވުމުންނެވެ. ދެކަނބަލުންގެ އިންޓަވިއުގައި އެއީ ޝާހީ އާއިލާގެ ކޮން މެންބަރެއް ކަމެއް ވިދާޅެއް ނުވެއެވެ.