މަނީ ލޯންޑަންރިންގގެ މައްސަލައެއްގައި ބެދި އެ މައްސަލައާ ގުޅިގެން އިންޑިއާއިން ބޭރަށް ދިއުން މަނާކޮށްފައިވާ ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން އަންނަ ސްރީލަންކާގެ ރީތީގެ ރާނީ ޖެކޮލިން ފެނާންޑޭޒް އަށް ގައުމުން ބޭރަށް ދިއުމަށް ކޯޓުން ހުއްދަ ދީފިއެވެ.

މިއީ މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް އިންޑިއާގެ މުއްސަންޖެއްގެ އަންބެއްގެ އަތުން 200 ކަރޯޑް ނުވަތަ 410,591,475 ރުފިޔާ ފޭރުނު މައްސަލައެވެ.

އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) އިން ވަނީ ޗަންދުރަޝޭކަރް އާ ރައްޓެހިވެގެން އުޅުނު ކަމަށް ބުނާ މައްސަލަ ފެންމަތިވުމާ ގުޅިގެން ޖެކޮލިން އާ އެތައް ފަހަރެއްގެ މަތިން ސުވާލުކޮށް އޭނާގެ ބަޔާން ނަގާފައެވެ.

ސުކޭޝް ޗަންދްރަޝެކަރާއި ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެ މައްސަލައާ ގުޅިގެން އީޑީގެ ރާޑަރަށް އަރާފައިވާއިރު، ޖެކޮލީން އަށް މެއި މަހުގެ 31 އިން ޖޫން 6 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރުމުގެ ހުއްދަ ކޯޓުން ވަނީ ދީފައެވެ.

ގާޒީ ޕަރްވީން ސިންގް ވިދާޅުވީ، މި މުއްދަތުގައި އޭނާއާ ދެކޮޅަށް އެ މައްސަލައިގައި ނެރުނު "ލުކައުޓް ސާކިއުލާ" (އެލްއޯސީ) ސަސްޕެންޑްކޮށްފައި އޮންނާނެ ކަމަށެވެ.

ޖެކޮލިންއަށް މިފަދަ ހުއްދައެއް ދީފައި ވަނީ އަބޫދާބީގައި އޮތް އެވޯޑް ހަފްލާއެއްގައި ބައިވެރިވުމަށް ގައުމުން ބޭރަށް ދާން ބޭނުންވެގެން އެކަން ޕަޓީއަލާ ކޯޓު ހައުސްއަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލައިގައި ކޯޓުން އަންގާފައި ވަނީ 50 ލައްކަ ރުޕީސް ފިކްސްޑް ޑިޕޮސިޓް ރިސީޓް (އެފްޑީއާރު) އާއި އެކު 50 ލައްކަ ރުޕީސްގެ ޔަގީންކަމާއި މަންޒިލާއި، މަޑުކުރާ ގޮތާއި އެނބުރި އަންނަ ތާރީހުގެ ތަފްސީލު ހުށަހެޅުމަށެވެ. އަދި އެނބުރި ގައުމަށް އައުމުން ތަހުގީގު ކުރާ އިދާރާއަށް އެކަން އަންގަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ޖެކޮލިން ކޯޓުގައި ބުނެފައި ވަނީ، އޭނައަކީ 2009 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ދިރިއުޅެމުން އަންނަ ލަންކާގެ ރައްޔިތެއް ކަމަށާއި ބޮލީވުޑް އިންޑަސްޓްރީގައި އޭނާއަކީ ރީތި ނަމެއް ލިބިފައިވާ ފަރާތެއް ކަމަށެވެ. އޭނާ އަށް އިވެންޓްތަކަށާއި ޕްރެސް ކޮންފަރެންސްތަކަށާއި ރިހާސަލްތަކަށާއި އެވޯޑް ހަފުލާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށެވެ.

2009 ވަނަ އަހަރު ޑްރާމާ އަލާދިން އިން ހިންދީ ފިލްމް އިންޑަސްޓްރީއަށް ވަން ޖެކޮލިން ވަނީ ކާމިޔާބު ފިލްްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މާޑާ2، ހައުސްފުލް 2، ރޭސް2 ޖުޑްވާ ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ ވަނީ ފިލްމްތަކުން އެވޯޑްވެސް ހާސިލްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ނެށުމުގެ ހުނަރު ދައްކައިދޭ ޝޯވ ޖަލަކް ދިކްލާ ޖާގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ.