ބޮޓިއުލިޒަމް އަކީ ކޮބައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށް ހެއްޔެވެ؟ މިއީ ކޮށްލަން ޖެހޭ ސުވާލެކެވެ. ބޮޓިއުލިޒަމް އަކީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ނޭނގި ދިމާވެދާނެ ސިއްހީ ނުރައްކަލެކެވެ.

މި ނުރައްކާތެރި ބަލި ދިމާވާން މެދުވެރި ވަނީ އާންމުކޮށް ތިމާވެށީގައި ދިރިއުޅޭ ބެކްޓީރިޔާއެއް ކަމަށްވާ ކްލޮސްޓްރީޑިއަމް ބޮޓިއުލިނަމް އިން އުފައްދާ ނުރައްކާތެރި ޒަހަރެއްގެ ސަބަބުންނެވެ. ގިނަ ފަހަރު މިވިހަ ހަށިގަނޑުގެ ތެރެއަށް ވާސިލުވަނީ އެ ބެކްޓީރިޔާގެ ސްޕޯރތައް ހިމެނޭ ކާއެއްޗެއް ކެއުމުންނެވެ.

ބޮޓިއުލިނަމް ސްޕޯތަކަކީ އޮކްސިޖަން މަދު ތަންތަނުގައި ދިރިއުޅޭ އެއްޗެކެވެ. އަދި ކުޅަނދުރުހަތާތަކުގައި މާމުއި އުފައްދާއިރު ބޮޓިއުލިނަމް ބެކްޓީރިޔާ މާމުއިގެ ތެރެއަށް އޭގެ ސްޕޯރތައް އަޅައެވެ. އެހެންކަމުން މާމުއި ބޭނުން ކުރާއިރު އެއީ ދުނިޔޭގެ ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް ބަންދުކޮށްފައި ހުރި މާމުއިތޯ ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި އަހަރު ނުފުރޭ ކުޑަކުދިންނަށް އެއްވެސް ގޮތަކަށް މާމުއި ނުދިނުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

މިނޫންވެސް ކާން ބޭނުންކުރާ ބައެއް ތަކެތީގައި ބޮޓިއުލިނަމް ޓޮކްސިން ހިމެނޭކަމަށް ދިރާސާތަކުންވަނީ ހޯދިފައެވެ. އެގޮތުން އަސާރަ ފުޅިއާއި ބައެއް ދަޅުކާނާގައި ވެސް ބޮޓިއުލިނަމް ޓޮކްސިން ފެނުން އެކަށީގެންވެއެވެ. އަދި ވަޅޯމަހާއި ކިޔޯޑް މީޓް ތަކުގައިވެސް ބޮޓިއުލިނަމް ޓޮކްސިން ހުރެދާނެއެވެ. ވީމާ މިފަދަ ތަކެތި ރަނގަޅަށް ހޫނުކޮށް ބަންދު ކޮށްފައި ހުރިތޯ ނުބަލައި ނުކާށެވެ.

ބޮޓިއުލިނަމް ޓޮކްސިން އަކީ މިހާތަނަށް ހޯދިފައިވާ އެންމެ ނުރައްކާތެރި ނިއުރޯ ޓޮކްސިން އެވެ. މި ވިހަ ހަށިގަނޑުގެ މަސްކިއުލާ ޖަންކްޝަންގެ ނިއުރޯ ޓްރާންސްމިޓާއެއް ކަމަށްވާ އެސެޓީލްޗޮލީން ރިލީޒް ކުރުމަށް ހުރަސްއަޅައެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަސްގަނޑު ދާއިމަށް ޕެރެލައިޒް ވުމަށްވެސް މެދުވެރިވެދާނެއެވެ. އަދި ފަރުވާ ނުހޯދި ގިނަ އިރުވެއްޖެނަމަ މަރުވެސް ވެދާނެއެވެ.

ބޮޓިއުލިޒަމްގެ އަލާމާތްތަކުގެތެރޭގައި މީހާގެ މަސް ގަނޑުގެ ވާގި ނެތުމާއި އަތާ ފައި ހަރަކާތްކުރަން އުދަގޫވުން ހިމެނެއެވެ. އަދި ބޭރަށް ހިނގުމާއި އާދަޔާ ހިލާފަށް ބަނޑު ބޮޑުވާން ވެސް ދިމާވެއެވެ. މި ޓޮކްސިން އެންމެ ފުރަތަމަ ހަށިގަނޑުގެ ތެރެޔަށް ވަނުމުން ލޮލުގެ ފެނުމަށާއި ވާހަކަދެއްކުމުގައި އުދަގޫތައް ދިމާވާން ފަށައެވެ.

ބޮޓިއުލިޒަމްއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ނަމަވެސް އެއީ ސަމާލުވާންޖެހޭ ނުރައްކަލެކެވެ. އެއީ އަޅުގަނޑުމެން ދިވެހިންނަކީވެސް ބޮޓިއުލިނަމް ޓޮކްސިން ހިމެނިދާނެ ކާއެއްޗެހި ބޭނުންކުރާ ބައެއް ކަމަށް ވާތީއެވެ. އެހެންކަމުން ކާއެއްޗެހި ހޯދުމުގައި ރައްކާތެރިވުމަކީ ވަރަށް މުހިންމުކަމެކެވެ.