މާސްގެ ދެކުނު ޕޯލާ އައިސްކެޕްގެ އަޑިން ބޮޑު ފެން ކޯރެއް ހޯދިއްޖެއެވެ. މި ހޯދުން ހޯދާފައި ވަނީ އިޓަލީގެ ސްޕޭސް އެޖެންސީގެ ރީސާރޗަރުންގެ ޓީމަކުން ރާޑަރުގެ އެހީގައެވެ.

މި ކޯރު މާސްގެ ޕޯލާ އައިސްކެޕްގެ އަޑީގައިވާ ކަމުގެ ހެކި ހޯދާފައިވަނީ ޔޫރަޕުގެ ސްޕޭސް އޭޖެންސީގެ މާސް އެކްސްޕްރެސް އުޅަނދުގައި ހަރުކޮށްފައިވާ މާސް އެޑްވާންސްޑް ރާޑަރ ފޯ ސަބް ސާފެސް އެންޑް އަޔޯނޮސްފިއާ ސައުންޑިންގް އިންސްޓްރޫމަންޓު (މާރސިސް) ގެ އެހީގައެވެ.

2012 ވަނަ އަހަރުންފެށިގެން 2015 އަހަރަށް މި އުޅަނދުން ވަނީ މާސްގެ ދެކުނު ޕޯލާ ރީޖަން ރާޑަރުގެ އެހީގައި ސާވޭ ކޮށްފައެވެ. ރާޑަރަށް ރިފްލެކްޓު ކުރި 29 ސާމްޕަލް ބޭނުން ކޮށްގެން ހެދި ޗާޓުގައި 12.5 މޭލުގެ ކޯރެއްގެ ސަތަހަ ވަނީ ހޯދިފައެވެ. އަދި ރާޑަރަށް ރިފްލެކްޓުވި ސިގްނަލް ތަކުގެ އަލިގަދަކަމުން އެއީ ފެންކަން ވަނީ ޔަގީން ވެފައެވެ. އަދި އެ ޗާޓުން ދެއްކި މަންޒަރުތަކަކީ ދުނިޔޭގައި ގަނޑުފެނުގެ އަޑީގައި ހުންނަ ކޯރުތަކާ ވައްތަރު މަންޒަރުތަކެއްކަމަށްވެސް ސައިންސުވެރިން ހާމަކުރިއެވެ.

އިޓަލީގެ ސައިންސުވެރިންގެ ދިރާސާގައި ބުނެފައިވަނީ މި ސިގްނަލްތައް ތަރުޖަމާކުރެވެނީ ފެނުގެ ހާޒިރީއަށްކަމަށެވެ. އަދި ފެން ނޫން އެހެން އެއްޗެއް އެތާގައި ނުވާކަމަށް ސައިންސުވެރިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މާސް އިން ހޯދި ޗާޓުތަކާ ވައްތަރު ޗާޓުތައް އެސަރަހައްދު މޮނިޓާ ކުރަމުންދާ އެހެން ރާޑަރުތަކަށް ދައްކާފައެއް ނުވެއެވެ.

މާސް އިން މި ހޯދުނު ފެން ކޯރު ވެގެން ދާނީ މާސްގައި އުޅެފާނެ ދިރުންތައް، ހޯދިދާނެކަމަށް އެންމެ ބޮޑަށް ލަފާކުރެވޭތަނަށެވެ. މީގެ ކުރިން މާސް އިން ފެނުގެ އަސަރު ފެނިފައިވީނަމަވެސް މިފަދަ ބޮޑު ކޯރެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން މި ހޯދުން ވެގެންދާނީ މާސް އާއި ބެހޭގޮތުން ތަހުގީގު ކުރަމުން އަންނަ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަ

    ތީ ޔަހޫދީން މުސްލިމުންނަށް އޮޅުވާލަން ދައްކާ ބުހުތާން ދޮގުވާހަކަތައް.