ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލި ނަމަވެސް ފިލްމް އިންޑަސްޓްރީއެއް ބިނާ ވަނީ ގިނަ ބައެއްގެ މިންނެތް މަސައްކަތާއި އެތައް ހޭދައަކުންނެވެ. އެގޮތުން ހިންގާ މިފަދަ އިންޑަސްޓްރީތަކުން ކުރިއަށްގެންދާ މަސައްކަތްތައް ހީވެސް ނުކުރާހައި ފަޚުރުވެރި ކާމިޔާބީތަކާއި ހަމައަށް ވާސިލުވެ މުޅި ދުނިޔޭގެ ސަމާލުކަންވެސް ހޯދާއިރު، ބައެއް ފަރަހަށް އެގޮތުން ކުރާ މަސައްކަތް ވަނީ ބޭކާރު "ފްލޮޕް" އަކަށެވެ. މިއީވެސް އެފަދައިން ހިނގާފައިވާ ފާހަނގަކޮށްލެވޭ ހާދިސާއެކެވެ.

ޚިޔާލީ ކަންކަމުގެ މައްޗަށް ބިނާކޮށް ޗައިނާގައި އުފައްދާފައިވާ ފިލްމް، އަސޫރާއަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމް "ދަ ލޯޑް އޮފް ދަ ރިންގްސް" އާއި އެއްގޮތް މަސައްކަތްތަކެއް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ މިހާތަނަށް ޗައިނާގައި އެންމެ ބޮޑު ހޭދައެއްކޮށްގެން އުފެއްދި ފިލްމް ކަމުގައިވާއިރު، ފިލްމަށް ޖުމްލަ ސަތޭކަ މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ފިލްމް އުފެއްދި ޓީމުން ކުރިން ހާމަކޮށްފައި ވެއެވެ. ނަމަވެސް މި ފިލްމް ވެގެން ގޮސްފައިވަނީ މިހާތަނަށް ޗައިނާގައި އުފެއްދި އެންމެ "ފްލޮޕް" ފިލްމަށެވެ.

މި ފިލްމް ޗައިނާގެ ސިނަމާތަކުގައި އަޅުވާފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. އެއާއެކު ފިލްމް ބަލަން ދިޔަ ގިނަ ބައެއްގެ ފާޑުކިއުން ފިލްމަށް އަމާޒުވެގެން ގޮސްފައިވާއިރު، ފިލްމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދިޔައީ މީސް މީޑިއާގައިވެސް އެކި ވާހަކަ ދައްކަމުންނެވެ. މިކަމުގެ ސަބަބުން ފިލްމަށް ދިއުމަށް ނިންމައިގެން ތިބި މީހުންވެސް ފިލްމް ބަލަން ނުދިއުމާއިއެކު، ފިލްމް ބަލަންދާ މީހުން މަދުވުމުން ފަހުން ބޭވުމަށް ހަމަ ޖެހުނު ޝޯވްތައް ވަނީ ކެންސަލްކޮށްފައެވެ.

މި ފިލްމަކީ 2008 ވަނަ އަރާއި 2012 ވަނަ އަހަރު ޗައިނާގެ އެންމެ މަޤުބޫލު ދެ ފިލްމްވެސް އުފައްދާފައިވާ ޕްރޮޑިއުސަރުންގެ އުފެއްދުމެކެވެ. އަދި މިހާތަނަށް ޗައިނާގައި އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމްވެސް އުފައްދާފައި ވަނީ އަސޫރާގެ ޕްރޮޑިއުސަރުންނެވެ. އެހެންކަމުން ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ، "އަސޫރާ" ވެސް ވެގެންދާނީ އެފަދަ ފިލްމެއް ކަމުގައި ވުމެވެ.

ފިލްމް އަސޫރާ މިހާރު ޗައިނާގެ ބޮކް އޮފީހުގެ އެންމެ ފުލުގައި ހިމެނޭ ފިލްމްތަކުގެ ތެރޭގައި ހިމެނިފައިވީނަމަވެސް، ޗައިނާގެ ފިލްމް އިންޑަސްޓްރީއަކީ ދުނިޔޭގެ ބޮޑެތި އެނޫންވެސް ޤައުމުތަކާއި ވާދަކޮށްލާފަދަ އުފެއްދުންތައް އުފައްދާ އިންޑަސްޓްރީއެއްކަން ފާހަގަކޮށްލެވެއެވެ. އެޤައުމުގެ ފިލްމް އިންޑަސްޓްރީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެކު، 2020 ވަނަ އަހަރު އެ އިންޑަސްޓްރީއަކީ އެމެރިކާގެ ފިލްމް އިންޑަސްޓްރީއަށްވުރެ ދެގުނަ ކުރިއަރާފައިވާ އިންޑަސްޓްރީއަކަށް ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.