މާސްގައި އިންސާނުން އާބާދު ކުރުމަކީ ސައިންސްވެރިން ދެކޭ ވަރަށް ބޮޑު ހުވަފެނެކެވެ. އަދި ކުރާ ވަރަށް ބޮޑު އުއްމީދެކެވެ. ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ މައުލޫމާތައް ބަލާއިރު މާސްގައި އިންސާނުން ދިރިއުޅެން ފެށޭނެ ދުވަހެއް މިޖީލުގެ މީހުންނަށް ފެނިދާނެތޯ ކުރެވޭ ސުވާލަށް އަދި ދޭން އޮތް ޖަވާބަކީ ނޫނެކެވެ.

މާސްގައި ދިރުމެއް އާލާ ކުރުމަށް ދެކޭ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް ސައިންސްވެރިން އަަވަދިނެތި ކުރާ މަސައްކަތަކީ މާސްގައި ދިރުމެއް އާލާ ކުރުމަށް ކުރެވެން ހުރި ކަންކަން ބެލުމެވެ.

އެންމެ ފަހުން ސައިންސްވެރިން ޗިލީގެ އަތަކަމާ ހަނަފަސް ސަހަރާގައި ކުރި ދިރާސާތަކަށް ފަހު ބުނެފައި ވަނީ އެސަހަރާ އިން ބެކްޓީރިއާ ފެނިފައިވާ ކަމަށާއި މިއީ މާސްގައި ދިރުމެއް އާލާ ކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ޗިލީގެ އަތަކަމާ ސަހަރާ އަކީ އެތައް ސަތާކަ އަހަރެއް ވަންދެން ވާރޭ ނުވެހި އޮތް ސަހަރާއެކެވެ. މިސަހަރާގައި ވެސް ދިރުން އޮތް އިރު އެސަހަރާ އިން ފެނުނު ބެކްޓީރިއާތައް މަރުނުވެ ތިބޭނީ އެތަކެއްޗަށް ކާންބޯން ވެސް ލިބޭތީ ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންކަމުން ބެކްޓީރިއާތަކުގެ އިތުރުން ވެސް މިސަހަރާގައި އަދި ފާހަގަ ނުކުރެވޭ ދިރުންތަކެއް ވާކަމަށް ގަބޫލު ކުރެވޭ ކަމުގައި ސައިންސްވެރިން ބުނެއެވެ.

މާސްގައި ދިރުމެއް އާލާ ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެންމެ އެކަށީގެންވާ މައުލޫމާތު މާސް އިން ހޯދުމެވެ.