ކިރަކީ އޭގައި އެތަކެއް ފައިދާއެއް އެކުލެވިގެންވާ ބުއިމެކެވެ. ސިއްހީ އެތަށް ފައިދާއެއް އެއްބުއިމަކުން ލިއްބައިދޭ އެ ބުއިމަކީ ބައެއް ފަހަރު ސިއްހަތަށް ގެއްލުން ލިބޭ ބުއިމެއްވެސް މެއެވެ. އެގޮތުން ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ކިރު ބޯނަމަ ބައެއް ސިއްހީ މައްސަލަ ކުރިމަތިވެއެވެ. އަދި ވަކި މިންވަރަކަށް ވުރެއް އިތުރަށް ކިރު ބޯނަމަ އެކަމަކީވެސް ސިއްހީ ގޮތުން ގެއްލުން ހުރި ކަމެކެވެ.

އެގޮތުން ދާދި ފަހުން ސްވިޑެންގެ އުޕްސަލާ ޔުނިވާސީގެ ޑޮކްޓަރުން ކުރި ތަހުލީލަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ކިރު ބޯ މީހުންނަށް ހަޖަމު ކުރުމުގެ މައްސަލަތަށް ޖެހެއެވެ. އަދި ބަނޑު ހަރުވުމާއި ދަށްބަނޑުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެއެވެ. އަދި މިގޮތަށް ކަންތަށް މެދުވެރިވަނީ ކިރުގައި އެކުލެވޭ މިނަރަލް އަދި ވިޓަމިންގެ މާއްދާތައް ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ލިބުމުން ކަމުގައިވެސް ޑޮކްޓަރުން ބުނެއެވެ،

އަދި ކޮންމެ ދުވަހަކު ކިރު ބުއިމަކީ މޫނުގައި ބިހި ނެގުމަށް މަގުފަހި ކުރުވާ ކަމެއް ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ. އަދި ކޮންމެ ދުވަހަކު ކިރު ބުއިމުގެ ސަބަބުން ނަގާ ބިހި އެހެން ބިއްސަށް ވުރެ ބޮޑުވާނެ ކަމަށާއި އަދި ބިހީގެ އަސަރު އެއްކޮށް ކެނޑެން ގިނަ ދުވަސް ނަގާނެ ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

މީގެ އިތުރުންވެސް ކޮންމެ ދުވަހަކު ކިރު ބޯނަމަ ނުވަތަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކިރު ބޯނަމަ ހިތުގެ މައްސަލަތަށްވެސް ކުރިމަތިވެއެވެ.

އެެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކިރު ބުއިމަކީ މުހިންމު ކަމެކެވެ. އަދި އެއަށް ވުރެއް އިތުރުވާނަ އެކަމުގެ ސަބަބުން ސިއްހީ އެތަކެއް މައްސަލައަކަށް މަގުފަހިކުރުވާ ކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.