ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވާ ވަރަށްވެސް މަތިވެރި ނިއުމަތެކެވެ. އެހެންކަމުން މައިންބަފައިންގެ މަށްޗަށް އަމުރު ކުރެވިގެން ވަނީ ދަރިންނަށް ހެޔޮކޮށް ކަންތަށްތަށް ކޮށްދިނުމަށާއި ދަރިންގެ މެދުގައި އަދުލުވެރިވުމަށެވެ. އަދި ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުން ވަނީ ނަހީކުރައްވާފައެވެ. މައިންބަފައިންނަކީ ދަރިންގެ މޫނުބަލާ ލޯގަނޑެވެ. އެހެންކަމުން ދަރިން ކުރިމަތީގައި އުޅޭއިރު މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. ދަރިން ކުރިމަތީގައި މައިންބަފައިން ކޮށްގެން ނުވާނެ ތިން ކަމެއް ތިރީގައި އެވަނީއެވެ.

ޒުވާބުކުރުން

ދަރިންނަށް ފެންނަ ހިސާބުގައި ނުވަތަ ދަރިންނަށް އަޑުއިވޭ ހިސާބުގައި މައިންބަފައިން އަރާރުންވަނީނަމަ އެއީ އެކަމުގެ ސަބަބުން ކުއްޖާއަށް އެތަކެއް ގޮތަކުން ނޭދެވޭ އަސަރު ކުރާނެ ކަމެކެެވެ. އެހެނީ ދަރިން ކުރިމަތީގައި އަރާރުން ވުމުން މައިންބަފައިންނަށް ދަރިން ކުރާ އިހްތިރާމް ކުޑަވެ މުއާމަލާތްކުރާއިރު ބޭއަދަބީ ބަސްތަށް ގިނައިން ބޭނުން ކުރުމަށް މަގުފަހިވާތީއެވެ. އެހެންކަމުން ދަރިން ކުރުމަތީގައި ޒުވާބު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.

ގައިގޯޅިވުން

ދަރިން ކުރިމަތީގައި މައިންބަފައިން އެކަކު އަނެކަކާއި ގައިގޯޅިވެ އުޅުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ އެކުއްޖާއަށް ދަސްކޮށްދެވޭ ނުބައި އާދައަކަށް ވާތީއެވެ. އަދި އެކަމުގެ ސަބަބުން އުމުރާއި ނުގުޅޭ ކަންކަން ކުރުމަށް ދަރިފުޅަށް ދަސްވެދާނެއެވެ.

އަނިޔާކުރުން

މައިންބަފައިން ވާންވާނީ ދަރިންނަށް ނަމޫނާ ބަޔަކަށެވެ. އެހެންކަމުން ދަރިން ކުރިމަތީގައިވިޔަސް އަދި ދަރިންނަށް ނުފެނުން ކަމުގައިވިޔަސް އެކަކު އަނެކަކަށް އަނިޔާވެރިވާކަށް ނުވާނެއެވެ. ދަރިން ކުރިމަތީގައި މައިންބަފައިން އެކަކު އަނެކަކަށް އަނިޔާކުރަނީނަމަ އެކަން ވަރަށް ފަސޭހައިން ދަރިން ދަސްކުރެއެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމުގެ އެކި އެކި މަރުހަލާތަކުގައި ކުއްޖާއަށް ކުރެއެވެ. މިސާލަކަށް، ފަސޭހައިން ސިގު ރުޅި އައުމާއި ކަމަކާއި ނުލާ އަތް އިސްކުރުން ފަދަ ކަންކަން ހިމެނެއެވެ.