އިނގިރޭސިވިލާތުގެ ދެމަފިރިޔަކު ކައިވެނިކޮށްގެން ފުރަތަމަ ކުރި ދަތުރުގައި ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި ދެމަފިރިންނާއި އެމީހުންގެ ތިން އެކުވެރިން މަރުވެއްޖެއެވެ.

އެއީ އުދާ ކިޔާ އުމުރުން 29 އަހަރުގެ އަންހެން މީހާ މަރުވީ ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ. އޭނާގެ ފިރިމީހާ 31 އަހަރުގެ ޖޮނަތަން މަރުވީ ހެލިކޮޕްޓަރު ވެއްޓުނު ވަގުތުއެވެ. ހެލިކޮޕްޓަރު ވެއްޓުނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަ މަތީ ސަރަހައްދަކަށެވެ. މީހުން ދިރިއުޅޭ ސަރަހައްދާއި ވަރަށް ދުރު އެކަހެރި ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓުމުން ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ވެސް އެސަރަހައްދަށް ދިއުމަށް ދަތިތަކާއި ދިމާވިއެވެ. ހެލިކޮޕްޓަރުގައި ތިބި މީހުން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭން ދެތިން ގަޑިއިރު ނެގި ކަމަށް ވެއެވެ.

ހެލިކޮޕްޓަރުން ދަތުރުކުރި ފަސް މީހުން މަރުވި ނަމަވެސް އިތުރު އަންހެނަކާއި ޕައިލެޓް ވަނީ މިހާދިސާ އިން މަރުނުވެ ސަލާމަތް ވެފައެވެ. އެމީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ދެމީހުންގެ ފުރާނަ އަށް ނުރައްކާ ވާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެލިކޮޕްޓަރު ވެއްޓެން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހެލިކޮޕްޓަރު ވެއްޓެން މެދުވެރި ސަބަބު ހޯދުމަށް ދަނީ ތަޙްްޤީޤު ކުރަމުންނެވެ.