ބޮލީވުޑް އެކްޓްރެސް އައިޝްވާރިޔާ ރާއިއާއި ރާނީ މުކާޖީ އަކީ މިހާރު މާ ގާތް ގުޅުމެއް އޮންނަ ދެ ރަހުމަތްތެރިން ނޫން ކަމުގައިވިޔަސް، އެއް އިރެއްގައި މި ދެ ފަންނާނުންނަކީ "ބެސްޓް ފްރެންޑްސް" އެވެ. ވަކިން ޚާއްސަކޮށް ރާނީ އައިޝްވާރިޔާއާއި މުޚާތަބު ކުރަނީ ވެސް ވަކި ޚާއްސަ ނަމެއް ކަމުގައިވާ "އައިޝޫ މާ" ގެ ނަމުންނެވެ.

އަދި މި ދެ ފަންނާނުންގެ ރަހުމަތްތެރި ކަމުގެ ގުޅުން އަބަދަށް އޮންނާނެކަމަށް ވެސް މީގެކުރިން ރާނީ ވަނީ ބުނެފައެވެ. މި ވާހަކަތައް އެނގުމުން އާންމުންނަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، މިހާރު ރާނީ މިފަދައިން އައިޝްވާރިޔާއާއި މުޚާތަބު ކުރާ ވީޑިއޯއެއްވެސް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

2002 ގެ މި ވީޑިއޯއަކީ "ސެލެބް ގެސްޓް" ނަމަކަށް ކިޔާ ޝޯއެއްގައި އައިޝްވާރިޔާއަށް ތައުރީފުކޮށް ރާނީ ދައްކާފައިވާ ވާހަކަތައް ފެންނަ ވީޑިއޯއެކެވެ.

 

އައިޝްވާރިޔާއާއި ރާނީއާ ދިމާވީ މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކަމަށާއި އޭގެފަހުން އެމީހުންގެ ގުޅުން ރަނގަޅުވެ މިހާރު އެއީ ބެސްޓް ފްރެންޑްސް ކަމަށާއި ދެ އެކްޓްރެސް އަކު މިހާ ގާތްވުމުން މީހުންނަށް ޤަބޫލުކުރަން ދަތިވާނެ ކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ހަމަ ހަޤީޤަތް ކަމަށްވެސް ރާނީ ބުނެފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ރާނީ އާއި އެކްޓަރު އަބީޝެކް ބައްޗަނާއި ޑޭޓް ކުރަމުންދާ ކަމަށް ވަނީ އަޑުފެތުރިފައެވެ. އެއީ އެދެމީހުން އެކުގައ ފިލްމުތަކުން ފެންނަން ފެށި ދުވަސްވަރެވެ. ނަމަވެސް އޭގެފަހުން އަބީޝެކް ވަނީ ރާނީ އާއި ރުޅިވުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ މިހާރުގެ އަނބިމީހާ އައިޝްވާރިޔާއާއި ކައިވެނިކޮށްފައެވެ. އެހާ ހިސާބުން މަޑުމަޑުން ރާނީއާއި އައިޝްވާރިޔާގެ ގުޅުން ހީނަރުވާން ފެށީއެވެ.

އޭގެފަހުން މިއަދާއި ހަމައަށްވެސް، ރާނީއާއި އައިޝްވާރިޔާގެ ގުޅުން މާކަ ރަނގަޅު ނޫންއިރު، ކިރިޔާ ފެނުނީމަ ވާހަކަ ދައްކާލާ ކަމެވެ. ނަމަވެސް "އައިޝޫ މާ" ގެ ނަމުން މުޚާތަބުކޮށް، ދުވަހަކުވެސް ދުރުނުވަން ބުނި ދެ ބެސްޓް ފްރެންޑުންނަކީވެސް ހަމަ އެއީއެވެ.