ފިލިޕީންސްގެ އުމުރުން 11 އަހަރުގެ އަލްދިން އަކީ އުފަންވިއިރު ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސީދަލަށް ހުރެ ހިނގުމަށް ނުކުޅެދިފައިވާ ކުއްޖެކެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ގަނާގެ ޝިކާރައަކަށް އޭނާ ވެގެން ދިޔައެވެ. ނަމަވެސް މިހާރު މިވަނީ އެކަމަށް ނިމުން އައިސްފައެވެ.

ޓިމް ޓެބޯ ފައުންޑޭޝަނާއި ކިއޯ ފައުންޑޭޝަން ގުޅިގެން އަލްދިންގެ އޮޕަރޭޝަނަށް ޚަރަދުކޮށް އޭނާގެ އޮޕަރޭޝަން ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ. އަލްދިންގެ އޮޕަރޭޝަނަށް ފަހު މިހާރު އަންނަނީ ރިކަވާ ވުމަށް ކަސްރަތު ކުރަމުންނެވެ.

އަލްދިންގެ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ކަމަށްވާ ޑރ.ޓިމް މީޑް އޭނާގެ ބްލޮގްގައި ވިދާޅުވެފައި ވަނީ އަލްދިންގެ ކަކޫ އުފެދިފައި އިނީ ފްލިމިންގޯ ދޫންޏެއްގެ ފައި އިންނަ ގޮތައް ކަމަށެވެ.

އަލްދިންގެ އޮޕަރޭޝަންގައި ހަރަކާތްތެރިވީ ތިން ޑޮކްޓަރުންނެވެ. ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަންގައި އަލްދިންގެ ދެފައި ވެސް ވަނީ އޮޕަރޭޝަން ކޮށްފައެވެ.

އަލްދިންގެ މަންމަ ބުނީ އޭނާގެ ދަރިފުޅަށް އެހީތެރިވުމަށް ޑޮކްޓަރުން ކޮށްދިން މަސައްކަތައް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށެވެ. ދަރިފުޅުގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމުންގެ ތެރެއަށް ނިކުމެ އުޅެން ވެސް ދަރިފުޅަށް ނުކެރޭކަމަށް ނަން ހާމަނުކޮށް އަލްދިންގެ މަންމަ ބުންޏެވެ.

އާއިލާގެ ތަނަވަސްކަމެއް ނެތުމުން ދުވަހަކު ވެސް އަލްދިން ރަނގަޅު ކުރެވިދާނެ ކަމަށް މީގެ ކުރިން އުއްމީދު ނުކުރާކަމަށް އަލްދިންގެ މަންމަ ބުންޏެވެ.

އަލްދިން ބުނީ އޭނާ ވެސް މިހާރު ހުރީ ވަރަށް އުފަލުން ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ގެއަށް ދެވޭނެ ކަމަށް އުއްމީދު ކުރާކަމަށެވެ.