އިންޑިއާގައި އުމުރުން އެންމެ 7 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު ދަންޖައްސައި މަރާލައިފިއެވެ.

އިންޑިއާގެ ރާޖެސްތާނުގެ ޖަލަހަވާރުގައި މި ކުޑަ އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި ވާއިރު މި ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރި އުޅޭ ގެއާއި 200 މީޓަރު ދުރުންނެވެ. މި ކުއްޖާ ރޭޕް ކޮށްފައިވަނީ ގެއަށް ދިޔަ މަގުމަތީގައި އެވެ.

މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ވަގުތެއްގައި ފުލުހުން އެކުއްޖާ ހޯދަން ހިންގި އޮޕަރޭޝަނެއްގައި އެވެ. ފުލުހުން ބުނެފައި ވަނީ އެކުއްޖާ ރޭޕް ކޮށް ދަން ޖައްސާފައި ވާކަން ޕޯސްޓް މޯޓަމް ރިޕޯޓުން އެނގޭ ކަމަށެވެ.

މިއީ ރާޖެސްތާނުގެ ޖަލަހަވާރުގައި މިދިޔަ ފަސް މަސް ތެރޭގައި ހިންގި މިފަދަ ދެވަނަ ހާދިސާ އެވެ. މިދިޔަ ފެބްރުއަރީ މަހުވެސް ވަނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެއް ޖަލަހަވާރުގައި ރޭޕްކޮށް މަރާލާފައެވެ.

ދާދިފަހުން ވަނީ ރާޖަސްތާނުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މީހަކު މަރަން ހުކުމްކޮށްފައެވެ. އޭނާ މަރަން ހުކުމް ކުރީ މިދިޔަ މޭ މަހު ރާޖަސްތާންގެ އަލްވާރު ޑިސްޓްރިކްޓުގައި ހަތް މަހުގެ ކުއްޖަކު ރޭޕު ކުރި މައްސަލައެއްގައެވެ.

މޭމަހު ހިންގި މި ހާދިސާގައި އުމުރުން 7 މަހުގެ އެތުއްތު ކުއްޖާ ވަނީ ރޭޕް ކުރުމަށް ފަހު ފުޓް ބޯޅަ ދަޑަކަަށް އެއްލާލާފައެވެ. މި ތުއްތު ކުއްޖާ ރޭޕް ކޮށްފައިވަނީ ގޭގައި އޮއްވާ އުރައިގެން ގެންގޮސް އެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތަށް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވަފައެވެ. މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.