ބޮލީވުޑްގެ ގިނަ ފިލްމްތަކުން ފެނިގެން ދިޔަ ސްރީ ދޭވީ ކަޕޫޜް މަރުވުމަށްފަހު ހެދި ޕޯސްޓްމޯޓަމްގެ ނަތީއްޖާ ނެރުމުގެ ކުރިން ތަފާތު ގޮތްގޮަތަށް އޭނާގެ މަރުވި ގޮތުގެ ވާހަކަދެއްކިއެވެ.

އެގޮތުން އެ ރިޕޯޓް ނެރުމުގެ ކުރިން ބައެެއް މީހުން ބުނިގޮތުގައި، ސްރީ ދޭވީ މަރުވީ ރީތިވުމަށް ހެދި ސާޖަރީތަކެއްގެ ސަބަބުންކަމަށެވެ. މިގޮތަށް ގިނަ ބަޔަކު ވާހަކަދައްކަމުން ދިޔައީ ވަޓްސްއެޕްގައެވެ. އަދި ސްރީ ދޭވީ ހާޓް އެޓޭކެއްް ޖެހުނީ އެހެނެވެގެންކަމަށްވެސް ބުންޏެވެ.

އެ ވާހަކަތަކުގެ ސަބަބުން ސްރީ ޑޭވީއަށް ސަޕޯޓް ކުރާ މީހުންނާއި، އާއިލާ ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ.

ސްރީ ދޭވީގެ އާއިލާއިން ބުނިގޮތުގައި، އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނަމަވެސް އެކަން އެންމެ ފަހުން ދޮގުކުރީ ޕޯސްޓްމޯޓަމް ރިޕޯޓެވެ. އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި، ސްރީ ދޭވީ މަރުވީ ބާތްޓަބް ތެރެއަށް ގެނބިގެންނެވެ. އަދި ސްރީ ދޭވީ ހަށިގަނޑުން ރަލުގެ އަސަރު ފެނުނު ކަމަށްވެސް އެ ރިޕޯޓްތަކުގައި ވެއެވެ.

ސްރީ ދޭވީއަކީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންދިޔަ މޮޅު އެކްޓަރެކެވެ. 50 އަހަރު ދުވަހު އެ ދާއިރާގައި ހަރަކާތްތެރިވެ، އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދިއެވެ. ސްރީ ދޭވީ މަރުވިއިރު އޭނާ ވަނީ 300 އެއްހާ ފިލްމް ކުޅެފައެވެ.