40,000 ވަންދެން މަރު ނުވެ، ގަނޑުވެފައި ހުރި ފަނިތަކެއް ސައިންސުވެރިން ދިރުވައިފިއެވެ. މިކަން ކޮށްފައި ވަނީ ރަޝިޔާގެ ސައިންސުވެރިންތަކެއް އެ ގައުމުގެ ސައިބީރިއާ ސަރަހައްދުން ހޯދުނު ފަނިތަކެއް ބޭނުން ކޮށްގެންނެވެ. މި ފަނިތަކަކީ ނެމަޓޯޑް ނުވަތަ ރައުންޑު ވޯމް އާއިލާއަށް ނިސްބަތްވާ ފަނިތަކެކެވެ.

މި ފަނިތައް ހޯދާފައިވަނީ އިރު އުތުރު ސައިބީރިއާގެ ކޮލީމާ ރިވާ ލޯ ލޭންޑްސް އިން ނެގި 300 ވެލި ސާމްޕަލް ގެ ތެރެއިންނެވެ. މީގެއިން ދެ ފަނީގެ ބާވަތް ހޯދިފައިވާ ސާމްޕަލް ތަކަކީ 32,000 އަހަރު ވެފައިވާ މުގޮށި މީދާ ހޮރަކުން ހޯދާފައިވާ ސާމްޕަލް އަކާއި 40,000 އަހަރު ވެފައިވާ ގްލޭސިއާ އަކުން ނެގި ސާމްޕަލް ތަކެކެވެ.

ވެލި ސާމްޕަލް ތަކުން ފަނިތައް ފެނުމުން ސައިންސުވެރިން ވަނީ ފަރުވާތެރި ކަމާއެކު އެ ފަނިތައް ޕެޓްރީ ޑިޝް އަކަށް އަޅައި އެތަކެއްޗަށް ބޭނުން ވާނެ ކާނާ އަޅާފައެވެ. އަދި 68 ޑިގްރީ ފެރެންހައިޓަށް އެ ޕެޓްރީ ޑިޝްގެ ފިނި ހޫނުމިން ވަނީ ސެޓު ކޮށްފައެވެ. މަޑުމަޑުން ގަނޑުފިލަމުން ގޮސް ހަފްތާތަކެއް ފަހުން ނެމަޓޯޑް ތަކުން ދިރުމުގެ އަސަރުތައް ވަނީ ފެންނަން ފަށާފައެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ އެ ފަނިތައް ވަނީ ކެއުމާއި ދަރިފަސްކޮޅު އާލާކުރަން ފަށާފައެވެ.

މުސްކުޅި ފަނިތައް އުފެއްދި ދަރިންތައް ވަނީ އެހެން ކަލްޗާއެއްގައި ބަހައްޓާފައެވެ. މި ފަނިތައްވެސް އާ ކަލްޗާ މީޑިއަމްގައި އެއްވެސް އުދަގުލެއްނެތި ވަނީ ދިރިއުޅެން ފަށާފައެވެ.

މި ފަނި ތަކާ ބެހޭގޮތުން އީ މެއިލް އެއްގައި ވާހަކަދައްކަވަމުން މަޝްހޫރު ނެމަޓޮލޮޖިސްޓެއް ކަމަށްވާ ރޮބިން އެމް ގިބްލިން ޑޭވިސް ބުނެފައި ވަނީ މިފަދަ ފަނިތަކަށް ޖިސްމާނީ އަނިޔާއެއް ނުވެ ގަނޑުވެފައި ވާނަމަ އެތައް ހާސް އަހަރު ފަހުންވެސް އެ ފަނިތައް ދިރުވުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މި ދިރުވާފައިވާ ފަނި ތަކަކީ ރިކޯޑު މުގުރާފައިވާ ފަނިތަކެކެވެ. އެއީ މީގެ ކުރިން އެހާ ދުވަސް ވެފައިވާ އެހެން ޖަނަވާރެެއް ގަނޑުފެނުގެ ތެރެއިން ނަގާ ދިރުވިފައި ނުވާތީއެވެ. މީގެ ކުރިން 30 އަހަރަށް ގަނޑުވެފައި ތިބި ޓާޑިގްރޭޑް ނަމަކަށް ކިޔާ ސޫތްޕެއް ސައިންސުވެރިން ވަނީ ދިރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބޭ

    މާޝާﷲ

  2. ޖިންނި

    މާ ގިނަ ދުވަހެއް ނުވެ '' އެމެރިކާގެ ސައިންޓިސްޓުން '' 80،000 އަހަރު ވަންދެން ގަނޑުވެފަ ހުރި ސޫފި ދިރުވިކަމަށް ދައުވާ ކުރާނެ