އެމެރިކާގެ އިންޑިއާނާ ސްޓޭޓަށް ނިސްބަތްވާ ހާއްސަ އެހީއެއަށް ބޭނުންވާ ކުދިންނަށް ހާއްސަ ސްކޫލެއްގައި ކިޔަވަމުން ދިޔަ އޯޓިޒަމް ހުރި ކުއްޖެއް ގޮނޑިއެއްގައި ބަނދެ އަނިޔާ ކޮށްފައިވާ ކަމަށް އެކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ.

ޗާލްސް އަދި ހެދާ ކާސްލް ވަނީ އެ ދެމަފިރިންގެ އޯޓިޒަމް ހުރި 8 އަހަރުގެ އަންހެން ދަރިފުޅު ޕްލައިވުޑް ގޮނޑިއެއްގައި ބަނދެފައިވާ ކަމުގެ ތުހުމަތު ސްކޫލުގެ ޓީޗަރަކާއި 2 ޕަރަ ޕްރޮފެޝަނަލެއްގެ ބޮލުގައި އަޅުވައި އެމައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

މި އަންހެން ކުއްޖާ ގޮނޑީގައި ބަނދެފައިވަނީ ލެދަރު ބެލްޓަކުން ކަމަށް އެކުއްޖާގެ މައިންބަފައިން ކޯޓަށް ދިން މައުލޫމާތުތަކުގައި ވަނީ ބުނެފައެވެ. އަދި ގިނައިރު ވަންދެން ބާރުކޮށް ބަނދެފައި ހުރުމުގެ ސަބަބުން އެކުއްޖާގެ ގަޔަށް އަނިޔާވެފައިވާ ކަމަށްވެސް އެކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ.

ސްކޫލުގައި ދަރިފުޅާމެދު ކަންތައްތައް ކުރަމުންދާ ގޮތާމެދު މިދިޔަ އަހަރުވެސް އެކުއްޖާގެ މައިންބަފައިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު އޭޕްރިލް މަހު އެކުއްޖާ ސްކޫލުން ގެއަށް އައި އިރު ހުރީ ބޫޓު، އިސްޓާކީނު އަދި ކޯޓު ނުލާ ކަމަށް އެކުއްޖާގެ މައިންބަފައިން ބުންޏެވެ. ނަމަވެސް މައިންބަފައިން ބަސް ޑްރައިވަރު ކައިރިން ސުވާލުކުރުމުން އޭނާވަނީ އެ ކުއްޖާ ބަހަށް އެރި އިރު ވެސް ހުރީ ހުސް ފަޔާ، ކޯޓު ނުލައި ކަމަށް ބުނެފައެވެ. އަދި އޭގެ އެއްމަސް ފަހުން އެކުއްޖާގެ ގައިގައި ދުޅަވެފައި ހުރި ތަންތަން ހުރުމުން ޓީޗަރާ ސުވާލު ކުރުމުން ބުނެފައިވަނީ އެއީ މޭޒެއްގައި ޖެހި ވީ ކަމެއް ކަމަށް ބުނެފައެވެ.

ކުއްޖާގެ ފަރާތުން ފެންނަމުން ދިޔަ ކަންތައްތަކާ މެދު ޝައްކު ބޮޑުވެގެން 8 އަހަރުގެ އަންހެން ކުއްޖާގެ މައިންބަފައިން ކުލާސް ރޫމު ބަލަން ދިޔައިރު ޕްލައިވުޑުން ހަދާފައިހުރި ރިސްޓްރެއިންޓު ގޮނޑިއެއްގައި ވަނީ އެކުއްޖާގެ ނަން ޖަހާފައެވެ. އަދި އެ ގޮނޑީގައި ބޮޑު ލެދަރު ބެލްޓެއްވެސް އޮތް ކަމަށް އެކުއްޖާގެ މައިންބަފައިން ކޯޓަށް މައުލޫމާތު ދިނެވެ.

ހާއްސަ އެހީއެއަށް ބޭނުންވާ ކުދިންނަށް އަނިޔާކުރުމަކީ އެމެރިކާގެ ވަރަށް ގިނަ ސްކޫލުތަކެއްގައި ކަންބޮޑުވާ ވަރަށް ހިނގަމުންދާ މައްސަލައެކެވެ. އެގޮތުން ގިނަ ފަހަރު މިފަދަ މައްސަލަތަކުގައި ކުށްވެރިން ކަމުގައި ސާބިތުވަނީ އެކުދިން ބެލެހެއްޓުމަށް މައިންބަފައިން އެތައް އިތުބާރެއް ކޮށް ހަވާލު ކުރާ ޓީޗަރުންނާއި ސްކޫލުގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު