އިއްޔެ ދުނިޔޭގެ މީޑިއާތަކުގައި ފަލަ ސުރުހީތަކުގައި ބިންވަޅު ނެގިގެން ދިޔައީ ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީގެ މަރާ ގުޅިގެން އުފެދުނު ބޮޑެތި ސުވާލުތަކެވެ.

އެގޮތުން ސްރީދޭވީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ނޫން ކަމަށާއި، މަސްތުގެ ހާލަތުގައި ބިލިގާއެއްގެ ތެރެއަށް ގެނބިގެން ކަމަށް ބުނާ މަރު ފޯމެއް ލިބިފައިވާއިރު އެކަމާ ގުޅޭ ގޮތުން އިންޑިއާގެ މީޑިއާގައި ވަރަށް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ ސްރީދޭވީގެ މަރާ ގުޅޭގޮތުން ހެއްކާ ނުލައި ތަފާތު ވާހަކަތައް ހަދައިގެން ނުދެއްކުމަށް އަންގާފަ އެވެ.

ސަފީރު ނަދީޕް ސޫރީ ވިދާޅުވީ މި މައްސަލާގައި އިންޑިއާ އެމްބަސީން ގެންދަނީ ދުބާއީގެ އިދާރާތަކާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ސްރިދޭވީގެ މަރާ ގުޅިގެން ބަލަމުންދާ ކަންކަން އަދި ނުނިމޭތީ ޖަނާޒާގެ ކަންކަންވެސް ލަސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސަފީރު ވިދާޅުވި އެވެ.

ޖުމައިރާ އެމިރޭޓްސްޓަވާރ ހޮޓެލްގެ ކޮޓަރި އެއްގެ ފާހަނަ ތެރޭގައި ހުރި ބިލިގާ ތެރޭގައި ސްރީދޭވީ ހަބަރު ހުސްވެފައި އޮއްވާ ފެނުނީ ބޮނީ އަށެވެ. ސްރީދޭވީގެ މަރާ ގުޅިގެން ދެގޮތަކަށް ވާހަކަދެކެވެމުންދާއިރު ދުބާއީގެ ފުލުހުން ވަނީ ބޮނީ ކަޕޫރުގެ ބަޔާނެއްވެސް ނަގާފަ އެވެ.

ސްރިދޭވީ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ ޖުމެއިރާގެ މުވައްޒަފުންނަށް ކަމަށްވެސް ދުބާއީ އާއި އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ އިރު އޮޓޮޕްސީ ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ ހަށިގަނޑުގައި ރަލުގެ އަސަރުގެ ހުރި ކަމަށާއި، އޭނާ މަރުވި އިރު ހުރީ މަސްތުވެފައި ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.