ބޮލީވުޑްގެ ބައެއް ތަރިންނަކީ ފާޅުގައި ސިޔާސީ ވާހަކަ ދައްކަން ކެރޭ ފަންނާނުންނެއް ނޫނެވެ. ނަމަވެސް އެއާ ޚިލާފަށް އަމިއްލަ ސިޔާސީ ފިކުރު އެއްވެސް ޖެހި ލުމެއް ނެތި، އާންމުންހެން ފާޅުކޮށްލާ ފިލްމީ ތަރިންވެސް ވަކި މަދެއް ނޫނެވެ. އޭގެތެރެއިން އެކަކަށް ވާނީ އެކްޓްރެސް ކަންގާނާ ރައުނަތެވެ. އެއީ ދާދިފަހުން އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުރީފުކޮށް ވާހަކަދައްކާ އަދި ސިޔާސީ ފިކުރާއި ބެހޭގޮތުންވެސް މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ބޮޑުވަޒީރު ނަރެންދުރަގެ ކުޑައިރުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށް އުފެއްދި ފިލްމު "ޗަލޯ ޖީތެ ހައިން" ގެ ސްކްރީނިން ބެލުމަށްފަހު ކަންގާނާ ބުނެފައިވަނީ މި ފިލްމުގައި ވަރަށް ރަނގަޅަށް ބޮޑުވަޒީރަށް ދިމާވި ހިތްދަތި އަދި ބޮޑެތި ކަންތައްތައްވެސް ފެނިގެންދާ ކަމަށާއި އެ ފިލްމުގައި ފެނިގެންދާ ގިނަ ކަންތައްތަކަކީ މުޅި ސޮސައިޓީ ތަހައްމަލު ކުރަންޖެހިފައިވާ ކަންކަންކަމަށެވެ.

"އަހަރެން ބޭނުން ދެން އަންނަ ދައުރެއްގައި ވެސް ބޮޑުވަޒީރު ނަރެންދުރަ ހޮވަން. މިފަދަ ހާލަތެއްގަިއ އޮތް ޤައުމެއް ރަނގަޅު ކުރުމަށް ފަސް އަހަރަކީ ވަރަށް މަދު މިންވަރެއް" ކަންގާނާ ބުނެފައިވެއެވެ.

"ބޮޑުވަޒީރު ނަރެންދުރަ އަކީ މި މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީވެސް. އޭނާއަށް އެ މަޤާމު ލިބިފައި އެ ހުރީ މަންމަ ނުވަތަ ބައްޕަގެ ނުފޫޒަކުން ނޫން. އެކަމަކު އަމިއްލަ ކުރި ބުރަ މަސައްކަތާއި ގަދަ ހިތްވަރުން. އެހެންވީމާ، ބުރަ މަސައްކަތަށްފަހު ހާސިލް ކުރާ މަޤާމެއް އިތުރު އެހެން މީހަކަށް ހައްޤެއް ނުވާނެ." ކަންގާނާ އިތުރަށް ބުނެފައިވެއެވެ.

ކޮންމެވެސް ދުވަހަކުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ، ޤައުމަށް ޚިދުމަތް ކުރަން ބޭނުންވާ ކަމަށްވެސް ކަންގާނާ ވަނީ ބުނެފައެވެ.