ތަހުޒީބް ވެފައިވާ މި ޒަމާނުގައި އެންމެ ދުވަސްވީ މީހުނުން ފެށިގެން އެންމެ ތުއްތު ކުއްޖާ ވެސް މިހާރު ފޯނެއް ނުވަތަ ޓެބްލެޓެއް ގެންގުޅެއެވެ. މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި ވެސް ހާލަތު އޮތީ މިހެންނެވެ. ކުއްޖާގެ އުމުރުން 3 ނުވަތަ 4 އަހަރު ވާއިރު ކުއްޖާއަށް ކޮންމެވެސް އަގުބޮޑު ފޯނެއް ނުވަތަ ޓެބްލެޓެއް މައިންބަފައިން ގަނެދޭނެއެވެ. އަދި ކުއްޖާ ކުރޭޑް 5 ނުވަތަ 6 އަށް ދާ ހިސާބުން އެކުއްޖާގެ ފޯނުން ނުވަތަ ޓެބްލެޓުން މީސްމީޑިޔާއަށް ވަންނަން ފަށައެވެ. މައިންބަފައިންނަށް އެނގިގެންނާއި ނޭނގި އެވެ. އޭގެ ސަބަބުން ވާ ގެއްލުން މައިންބަފައިންނަށް ނޭނގި ކަމަށްވެސް ވެދާނެއެވެ. ނޫނީ ކުއްޖާ ފިލާވަޅު ހެދުވުމަށް ނުވަތަ ގޭހައި ގިނަ ވަގުތު ހޭދަކުރުމަށް ފަސޭހަކަށްވެސް ވެދާނެއެވެ.

ވިސްނާލަމާ ހިނގާށެވެ. އަހަރެމެން ހުރިހާ މައިންބަފައިންނަކީނވެސް މިޒަމާނުގައި މީސްމީޑިޔާގެ ކޮންމެވެސް ވަސީލަތެއް ބޭނުންކުރާ މަންމައަކާއި ބައްޕައެކެވެ. ޓްވީޓާ ނުވަތަ ޓިންޑާ ނުގެންގުޅޭނަމަ ފޭސްބުކް ނުވަތަ ވައިބަރ ބޭނުންކުރާނެއެވެ. މި ވަސީލަތް ތަކުގައި މާތްވެގެންވާ އިސްލާމްދީނާ ބީރައްޓެހި ނުހަނު ގިނަ ތަފާތު އެކި އެކި ލިޔުންތަކާއި ފޯޓޯތަކާއި ވީޑިޔޯ ދައުރުވަމުންދެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ކުޑަކުދިންނާއި ނުގުޅޭ މަންޒަރުތަށް އަބަދުމެހެން ފެތުރެމުން ދެއެވެ. މިކަން އަހަރުމެން އެންމެނަށްވެސް ފާހަގަ ވާނެއެވެ. ވީއިރު އަޅުގަނޑުމެންގެ ތުއްތު ދަރިން އެވަސީލަތްތަށް ބޭނުންކުރަން ދޭނީތޯއެވެ.

ކުއްޖާ ހެދި ބޮޑުވަމުން އަންނަ ދުވަސްވަރަކީ ކުއްޖާ އެންމެ ފަސޭހައިން މަގުފުރެދޭ ދުވަސްކޮޅެވެ. އެދުވަސްކޮޅުގައި ކުއްޖާއަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑު ތަކަކީ ކުއްޖާ އެންމެ ފަސޭހައިން ގަބޫލްކުރާނެ އެއްޗިއްސެވެ. މީސްމީޑިޔާގައި އެހެން ދީންތަކަށް ހިތްވަރުދޭ އެކި އެކި ޕޭޖް ތަކާއި ބްލޮގް ތަށް ބައިވަރު އޮވޭމެއެވެ. އަދި ދެރަ ކަމަކީ މަގުފުރެދިފައިވާ ބައެއް ދިވެހިން އަހަރެމެންގެ ދިވެހި ބަހުންވެސް އެފަދަ ލިޔެކިޔުންތަކާއި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ބާރުއަޅާ ލިޔުންތަށް ފޭސްބުކް ކަހަލަ އެންމެން ހެން ބޭނުންކުރާ ވަސީލަތެއްގައި ލިޔަމުންގެންދާކަމެވެ. މިފަދަ ލިޔުންތަށް އެކުދިންނަށް ފެނުމަކީ މާތްވެގެންވާ އިސްލާމް ދީން އެކުދިން ހަދާން ނައްތާލައި އެހެން ދީންތަކަށް ދިޔުމަށް ކުއްޖާއަށް ފަސޭހައިން މަގުފަހުވެގެންދާނެ ކަންތަކެއެވެ.

މަންމަ އާއި ބައްޕަ އާއި ދެމީހުން ގިނަވަގުތު ވަޒީފާގައި ހޭދަ ކުރާއިރު ކުއްޖާ ގިނަވަގުތު ގޭގައި ހުންނާނީ ފޯން ނުވަތަ ޓެބްލެޓް ހިފައިގެންނެވެ. މައިންބަފައިންނަށް ކުއްޖާ އެކުރަނީ ކީއްކަންވެސް ނޭންގޭނެއެވެ. އެތަށް މިލިއަން މީހުން ބޭނުންކުރާ މީސްމީޑިޔާގައި އެތަށް ޒާތެއްގެ މީހުން ވާނެއެވެ. ކިތަންމެ މީހެއް އެކުދިންނާއި ވާހަކަ ދައްކާނެއެވެ. ގިނަ ފަހަރު ވާހަކަ ދައްކަން ފަށާނީ ކޮންމެވެސް ރަނގަޅު މީހަކަށް ވެގެން ރަގަޅު ނަސޭހަތެއް ލައިދީފައެވެ. ކުއްޖާގެ އިތުބާރު ހޯދުމަށްޓަކައެވެ. ދެން ވާހަކަދެއްކުން އިތުރުކޮށް ލޯބީގެ ވާހަކަ އާއި ސަހުވާނީ ވާހަކަ ދައްކަންފަށާނެއެވެ. ކުއްޖާގެ ފުރާވަރުގެ ދުވަސްވަރުކަމުން އެފަދަ ވާހަކަތަކަށް ވަރަށް ސައުގުވެރިވާނެއެވެ. އަދި ހިސާހިތަކު އެމީހަކު ދެކެ ލޯބި ވެވުނީކަމަށް އެކުއްޖާ ނިންމާނެއެވެ.

އެހިސާބުން އެ ހަލާކު ކޮށްލެވުނީ އެކުއްޖާގެ މުސްތަގުބަލެއެވެ. އެކި އެކި ފޮނި ބައިސާ ކަޑައިގެން ކުދިން ހައްލުވާލަން ނުލާހިކު ކުޅަދާނަ މީހުން މި މުޖުތަމައުގައިވެސް އެބަ އުޅެއެވެ. ސިއްރުން ލޯބީގެ ގުޅުން ފޯނުން ހިންގުމަށްފަހު ބޭރަށް ދިޔުމަށް ދައުވަތު ދޭނެއެވެ. އޭގެ ފަހުން ކުއްޖާގެ އިއްޒަތާ އަބުރު ނަގާލުމަށް ފަހު އެކުއްޖާއާއި ގުޅުން ކަނޑާލައެވެ. ބައެއްފަހަރު އެކުއްޖާގެ ލަދުވެތި ގުނަވަން ތަށް ހިމެނޭހެން ފޮޓޯ ނަގައި އެއްކަލަ ބޮޑު މީސްމީޑިޔާ ތެރެއަށް އެމީހުން ދޫކޮށްލައެވެ. އެހިސާބުން އެކުއްޖާގެ މުސްތަގުބަލު ދިޔައީއެވެ. މައިންބަފައިން ކުރި ބުރަ މަސައްކަތް ބޭކާރުވީއެވެ. މީސްމީޑިޔާގައި އެފަދަ ފޮޓޯތަށް ދައުރުވާން ފެށުމުން އެކަމާ ލަދުން ނުވަތަ މައިންބަފައިންނަށް ބިރުން އެކަމުން ސަލާމަތް ވުމަށްޓަކައި އަމިއްލަ ހަށިގަނޑަށް އަނިޔާކޮށް އަމިއްލަ އަށް މަރުވާން ވެސް މަސައްކަތް ކުރެއެވެ. މި ދިވެހި ރާއްޖެގައިވެސް މިފަދަ ހާދިސާތަށް ގިނައިން ހިގާފައި އެބަހުއްޓެވެ.

މީގެ އިތުރުންވެސް މީސްމީޑިޔާގެ ޒަރިއްޔާއިން ކުއްޖާއަށް ލިބިދޭ ނުރަނގަޅު އެތަށް ކަމެއް އެބަހުއްޓެވެ. މީސްމީޑީޔާ ބޭނުން ކުރުމަކީ ދެވިހިފާ ކަމެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ކިޔެވުމަށް ނޭދެވޭ އެތަށް އަސަރު ކުރެއެވެ. ފިލާވަޅު ހެދުމާއި ފޮތް ކިޔުމުގެ ބަދަލުގައި ކުއްޖާ އަބަދުވެސް އުޅޭނީ އަބަދުވެސް ފޯން އަތަށް ލައިގެންނެވެ. މީސްމީޑިޔާގެ ބޭނުން ކުރަން ފެށުމުން ކިޔެވުމަށް ދޭ ސަމާލުކަން ގެއްލުވާލައެވެ. ވަގުތެއް ވެއްޖެ ނަމަ އުޅޭނީ އަބަދުވެސް ފޯނުން ނުވަތަ ޓެބްލެޓުން ކޮންމެވެސް އެހެން ކަމެއް ކުރާށެވެ.

ކުއްޖާ ފުރާވަރަށް އެޅި ހެދިބޮޑުވަމުން އަންނަ ދުވަސްވަރަކީ އެކުއްޖާ އެންމެ ގިނަ އެއްޗެހި ދަސްކުރާ ދުވަސްވަރެއެވެ. މިފަދަ ދުވަސްވަރެއްގައި ކުއްޖާ އަބަދުހެން ނުވަތަ ގިނަވަގުތު މީސްމީޑިޔާގައި ހޭދަކުރާ ނަމަ އޭނާއަށް ދަސްވާނީ އޭގެން ފެންނަ އެއްޗެއްސެވެ. ކުއްޖާގެ ވިސްނުމާއި ފިކުރަށް އޭގެ ސަބަބުން ނޭދެވޭ އެތަށް އަސަރެއް ކުރާނެއެވެ. ކުއްޖާގެ އުމުރާ ނުގުޅޭ ލިޔުންތަކާއި މަންޒަރާ ވީޑިޔޯ ފެނުން އެއީ އެދުވަސްވަރު ކުއްޖާ ހަލާކުގެ ތެރެއަށްވަނުން އެންމެ ފަސޭހަ މަގެއެވެ. ހެދިބޮޑުވަމުންދާ ދުވަސްވަރުގައި ކުއްޖާއަށް އެންމެ ގިނައިން ފެންނަ އެއްޗަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކުއްޖާއަށް ވިސްނެއެވެ. މައިން ބަފައިން މަސައްކަތުގައި އަވަދި ނެތި އުޅެން ޖެހުމުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ކުއްޖާއަށް ކިޔާދޭން ޖެހޭ ތަކެތި ކިޔައި ނުދެވުމުގެ ސަބަބުން އެކުއްޖާ އެވާހަކަތަށް ހިއްސާ ކުރާނީ އެއްކަލަ މީސްމީޑިޔާއިން އޭނާ އާއި ވާހަކަ ދައްކާ ނުދަންނަ މީހުނާއެވެ. އެހިސާބުން އެ ނުދަންނަ ފަރާތުން ހިއްސާ ކުރާ މައުލޫމާތު އެކުއްޖާއަށް ގަބޫލް ކުރެވޭނެއެވެ. އަދި އެހިސާބުން އެކުއްޖާ ކަންތަށްތަކުގައި ގަބޫލްކުރާ ގަބޫލްކުރުން ތަފާތުވެ މައިންބަފައިންގެ އަޑުނޭހުން ނުވަތަ މައިންބަފައިން ބުނާ އެއްޗެހި ގަބޫލްކުރަން އުދަގޫވެއެވެ.

އެއްވެސް މަންމަ އަކާއި ބައްޕައަކު އެމީހުންގެ ދަރިންނަށް ދެރަގޮތެއް ވާކަށް ނެދޭނެއެވެ. ވީއިރު މިފަދަ ކަންކަމަށް މައިން ބަފައިން ވަރަށް ވިސްނަން ޖެހޭނެއެވެ. ހާއްސަކޮށް މިފަދަ ޓެކްނޮލޮޖީ ކުރިއަރައި މޯބައިލް ފޯނާއި އިންޓަނެޓަށް އެންމެން ބަރޯސާވާން ޖެހިފައިވާ ޒަމާނެއްގައެވެ. މަސައްކަތް ކިތަންމެ ބުރަޔަސް ކުއްޖާ ކުރަނީ ކޮން ކަންތައްތަކެއްތޯއާއި ކުއްޖާގެ އުޅުން މޮނިޓާ ކުރަން ޖެހޭނެއެވެ. ހުރިހާ ވަގުތަކީ ކުއްޖާއަށް ފޯން ނުވަތަ ޓެބްލެޓް ބޭނުން ކުރެވޭ ވަގުތަކަށް ވެގެން ނުވާނެއެވެ. ކުއްޖާ ބޭނުން ކުރާ ފޯން މައިންބަފައިންނަށް ބެލެން ޖެހޭނެއެވެ.

މި ޒަމާނުގައި ޕޭރަންޓަލް ކޮންޓްރޯލް ކޮށްފައި ކުއްޖާއަށް ފޯން ނުވަތަ ޓެބްލެޓް ދެވިދާނެއެވެ. އޭރުން ކުއްޖާ އޭގެން ކުރާ ހުރިހާ ކަމެއް މައިން ބަފައިންނަށް ދެނެގަނެވޭނެއެވެ. އަދި ކުއްޖާ އަށް އޭތި ބޭނުން ކުރުން މައިން ބަފައިން ބޭނުން ގޮތަކަށް ކޮންޓުރޯލް ކުރެވޭނެއެވެ. އެފަދަ ތައުލީމެއް ނެތް ބައިންބަފައިން ނަމަ ކުއްޖާ މަންމަ، ބައްޕަ ނުވަތަ އައިލާގެ ކޮންމެވެސް ބޮޑުމީހަކާއި އެކު ފޯން ނުވަތަ ޓެބްލެޓް ބޭނުން ކުރަން ދެވިދާނެއެވެ. އަދި އެ ބޭނުން ކުރުމުގައި ވަކި ވަގުތުތަކެއް ކަޑަ އެޅިދާނެއެވެ.

ކުއްޖާ ބޭނުން ކުރަން ދޭ ފޯން ނުވަތަ ޓެބްލެޓްތަކުން އިސްލާމްދީނާއި ދުރު މައުލޫމާތާއި ފޮޓޯ އެކުލެވޭ ވެބް ސައިޓް ތަށް ބޮލޮކް ކުރުންވެސް އެއީ ކުއްޖާ މަގު ކައްސާލައިގެން ދިޔުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅެކެވެ. ކުއްޖާގެ ރައްޓެހިންނަކީ ކޮންބައެއްކަން ދެނެގަނެ އޭގެ ތެރެއިން ގޯސް ކުދިން ނުވަތަ ކުއްޖާގެ އުމުރާ ނުގުޅޭ ބޮޑެތި މީހުން އެކުއްޖާގެ މީސްމީޑީޔާގެ ވަސީލަތްތަކުންވެސް ބޮލޮކް ކުރެވިދާނެއެވެ. މީސްމީޑިޔާ އަކީ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ ކުއްޖާ ކުރިއަރާދާނެ ވަސީލަތެއްވެސްމެއެވެ. ވީމާ އަބަދުވެސް ކުއްޖާ އާއި ވާހަކަ ދައްކާ އެފަދަ ވަސީލަތްތަކުގެ ގޯސް ފަރާތާއި ރަނގަޅު ފަރާތް ކިޔައިދީ ރަނގަޅު ފަރާތް ހިޔާރު ކުރުމުން ލިބޭ ފައިދާ ކުއްޖާއަށް ވިސްނައިދޭން ވާނެއެވެ. އޮންލައިންކޮށް ދިމާވާ މީހުނާ ކުއްޖާގެ ޒާތީ ވާހަކަތަށް ކިޔައި ނުދިނުމަށާއި އެމީހުނަށް އިތުބާރު ނުކުރުމަށް ބުނެ މަންމަ ބައްޕަ ނުވަތަ ގާތްތިމާގެ މީހަކަށް ކުއްޖާގެ ޒާތީ ވާހަކަތަށް ކިޔައިދިނުމަށް ކުއްޖާއަށް ވިސްނައިދޭން ވާނެއެވެ.