ހަނދުގައި 4ޖީ މޯބައިލް ނެޓްވޯކްއެއް ގާއިމުކުރުމަށް ރާވަމުންދާކަމަށް ނޮކިއާ އަދި ވޮޑަފޯންއިން އިއުލާންކޮށްފިއެވެ. 2019 ވަނަ އަހަރު ހަނދުގައި މި ނެޓްވޯކް ގާއިމުކުރެވިގެންދާނޭކަމަށް މި ކުންފުނިތަކުން ހާމަކޮށްފައިވާއިރު މި ނެޓްވޯކް ބޭނުންކުރާނީ ހަނދުގައި ބޭނުންކުރެވޭ ލޫނާރ ރޯވާރސްތަކުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ނެޓްވޯކްގެ ސަބަބުން ހަނދުން ހައި ޑެފިނިޝަން ވިޑިއޯ ދުނިޔެއަށް ފޮނުވުމުގެ ގާބިލުކަން ލިބިގެންދާނޭއިރު މި މަސައްކަތުގައި ބޭނުންކުރެވޭ ރޯވާރސްތައް ހަނދަށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މި މަޝްރޫއުގައި ހަރަކާތްތެރިވާ އިސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

މިފަދަ ނެޓްވޯކްއެއް ހަނދުގައި ގާއިމުކުރުމުގެ ބޭނުމަކީ ހަނދުން ސައިންޓިފިކް މައުލޫމާތު، ހައި ޑެފިނިޝަން ވިޑިއޯ އަދި ފޮޓޯ އެއްކުރުންކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. މީގެ ކުރިން ހަނދުން އެއްކުރެވިފައިވާ މިފަދަ މައުލޫމާތު އެ މައުލޫމާތު އެއްކުރާ ރޯވާރއިން ސީދާ ދުނިޔެއަށް ނުފޮނުވޭތީވެ މައްސަލަތަކާއި ކުރިމަތިވީނަމަވެސް މިފަދަ 4ޖީ ނެޓްވޯކްއެއް ގާއިމުކުރުމުން މި މައްސަލަތަކަށް ހައްލެއް ލިބިގެންދާނޭކަމަށް ވަނީ ބެލެވިފައެވެ.

މިފަދަ 4ޖީ ނެޓްވޯކްއެއް ގާއިމުކުރުމުން ހަނދުން ލިބޭ ވިޑިއޯ ވަގުތުން ލައިވްސްޓްރީމް ވެސް ކުރެވޭނޭކަމަށް މައުލޫމާތު ލިބެއެވެ. މަސައްކަތަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގެ ބައެއް ސަރަހައްދުތަކަށް 4ޖީ ހިދުމަތް ލިބުމުގެ ކުރިން ހަނދަށް 4ޖީ ހިދުމަތް ދިނުމުގެ މަސައްކަތްކުރެވޭތީވެ އެކަމަށް ފާޑުކިޔައިފައެވެ. އަނެއްބައި ފަރާތްތަކުން ވަނީ ހަނދަށް 4ޖީ ދިނުމަށް ކުރެވޭ މި މަސައްކަތަކީ އިންސާނުންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި އަދި މި މަސައްކަތުން އާ އެތައް ކަމެއް ދަސްވެގެންދާނޭކަމަށް ބުނެ މި ޕްރޮޖެކްޓްއަށް ސަޕޯޓް ދީ ވާހަކަދައްކައިފައެވެ.