އެޗްބީއޯއިން ދައްކަމުންދާ ދުނިޔޭގެ އެއްމެ މަޤުބޫލު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ، "ގޭމް އޮފް ތްރޯންސް" އިން ފެނިގެންގޮސްފައިވާ ބިޔަ ގަނޑުވަރު، ވިއްކާލުމަށް ނިންމައިފިއެވެ.

މި ގަނޑުވަރު ވިއްކާލުމަށް މިހާރު މެއިސަން ރިއަލް އެސްޓޭޓް ވެބްސައިޓުގައި ޢާންމުކޮށް އިއުލާނުކޮށްފައިވާއިރު، ގަނޑުވަރު ވިއްކާލަން ހަމަޖެހިފައިވަނީ ފަސް ލައްކަ ޕައުންޑް (677،400 އެމެރިކާ ޑޮލަރު) އަށެވެ. މިއީ އެމެރިކާގެ ލޮސް އެންޖެލްސް އިން އާދައިގެ އެޕާޓްމަންޓެއް ވިއްކާ އަގަށްވުރެވެސް ހެޔޮ އަގެއް ކަމަށް ވެއެވެ.

އުތުރު އަޔަލޭންޑުގައި ހުންނަ "ރައިވެރަން" ގެ ނަމުން ނަންދީފައިވާ މި ގަނޑުވަރަކީ 1800 ގެ އަހަރުތަކުގައި އަޅާފައިވާ ތަނެކެވެ. މިއީ އެޤައުމުގައި ހުރި މިފަދަ އެންމެ ބޮޑު ގަނޑުވަރެވެ. މި ގަނޑުވަރު ނިސްބަތްވަނީ ކެނެޑާގެ ޖެނެރަލް ގަވަރުނަރެއްގެ ގޮތުގައި އަޔަލޭންޑުގައި އޭރު އުޅެމުންދިޔަ އާޗިބްބަލްޑް އާޗެސަން އަށެވެ. އޭނާގެ ބާރުގެ ދަށުގައި އެ ގަނޑުވަރު 1921 ވަނަ އަހަރާއި ޖެހެންދެން ހުރި ކަމަށް ވެއެވެ.

އެއަށްފަހު ރައިވެރަން ބޭނުންކޮށްފައި ވަނީ ދެވަނަ ބޮޑުހަނގުރާމައިގައި ބައިވެރިވި ސިފައިންގެ ކޭމްޕެއްގެ ގޮތުގައެވެ. އެތަނުގައި ހަނގުރާމައިގެ ތެރެއިން ހައްޔަރުކުރާ މީހުން ބައިތިއްބާ ޖަލެއްވެސް އޭރު ޤާއިމްކޮށްފައި ވެއެވެ.

ގޭމް އޮފް ތްރޯންސްގެ ތިންވަނަ ސީޒަންގެ ސެޓަށް ރައިވެރަން ބޭނުންކުރުމުގެ ކުރިން އެތަނުގެ ވެރި ފަރާތުން ވަނީ ގަނޑުވަރުގައި ލަގްޒަރީ އެޕާޓްމަންޓް ޔުނިޓްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ހަ ޔުނިޓްގެ މައްޗަށް އެކުލެވޭ އެޕާޓްމަންޓް ބްލޮކެއްގެ މަސައްކަތް ކޮންމެވެސް ވަރަކަށް ނިންމާފައިވާ އެ ސަރަޙައްދުގައި އެކަނިވެސް 3500 އަކަފޫޓު ހުރެއެވެ. މި ބްލޮކްތަކުގެ އެންމެ މަތީގައި ވަނީ ބަގީޗާތަކެކެވެ.

މިބައިތަކާއި އެކު ރައިވެރަން ވިއްކާލުމަށް ނިންމައި އިއުލާން ކުރުމާއި އެކު، ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ. އެ ގަނޑުވަރާއި ބަލައި، އަދި އެތަނުގައި ފަހުން ކޮށްފައިވާ މަސައްކަތްތަކާއި އެކު އެއީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސީރީޒް ކުޅުނު ތަނަށްވުމުން، އެތަން ވިއްކާލަނީ އާދަޔާއި ޚިލާފަށް ހެޔޮ އަގުގައި ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.