ޖޭމްސް ބޮންޑް ސީރީޒްގެ ތިން ފިލްމެއް ޑައިރެކްޓް ކުރި ލުވިސް ގިލްބަޓް މަރު ވެއްޖެއެވެ.

މުޅި ޖުމުލަ 40 އަށް ވުރެން ގިނަ ފިލްމް ޑައިރެކްޓް ކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު ލުވިސް ގިލްބަޓް އިއްޔެ މަރުވިއިރު އުމުރަކީ 97 އަހަރެވެ.

ލުވިސް ޑައިރެކްޓް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ ތިން ފިލްމަކީ ޔޫ އޮންލީ ލިވް ޓްވައިސް, ދަ ސްޕައި ހޫ ލަވްޑް, އަދި މޫންރޭކާ އެވެ. މި ތިން ފިލްމަކީ ވެސް ނަވާރަސަތޭކަ ވަނަ އަހަރު ތަކުގެ ކުރީ ކޮޅު ނެރުނު ފިލްމުތަކެވެ.

ފިލްމްތައް ޑައިރެކްޓް ކުރުމުގެ ކެރިއަރ ފެށުމުގެ ކުރިން އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްއާ އެސިސްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ލުވިސް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2002 ގައި ރިލީޒް ކުރި "ބިފޯ ޔޫ ގޯ" އެވެ.

ޖޭމްސް ބޮންޑް ސީރީޒްގެ ތިން ފިލްމެއް ޑައިރެކްޓް ކުރި ލުވިސް ގިލްބަޓް މަރުވިއިރު އިނގިރޭސި ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ގެ ރޯލު 12 އަހަރު ވަންދެން ކުޅުނު އެކްޓަރު ރޮޖާ މޯ ވަނީ އުމުރުން 89 އަހަރުގައި މިދިޔަ އަހަރު މަރުވެފައެވެ.

މި ސީރީސް ގެ 24 ފިލްމު އުފައްދާފައިވާއިރު އަންނަ އަހަރުގެ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ބޮންޑްގެ 25 ވަނަ ފިލްމްގައި ވެސް ބޮންޑްގެ ރޯލް ކުޅޭނީ، އެންމެ ފަހުގެ ހަތަރު ފިލްމްގައި ވެސް ޓައިޓްލް ރޯލް ކުޅުނު ޑެނިއަލް ކްރެއިގެވެ.

ޖޭމްސް ބޮންޑް ގެނެސްދޭ އެމްޖީއެމްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މިހާރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 25 ވަނަ ފިލްމް ޑައިރެކްޓް ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޑެނީ ބޮޔެލް އެވެ.