ދަރިން ފޯނާއި ޓެބްލެޓް ގިނައިރު ކުޅޭ ނަމަ ހެދި ބޮޑުވުމަަށް ހުރަސް އަޅާ ކަމަަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ތަކެއް ހެދި މި ދިރާސާގައި ބުނެފައި ވަނީ ފޯނާއި ޓެބްލެޓް ނުވަތަ އެޒާތުގެ އެއްޗެހި ގިނަވަގުތު ކުޅޭ ކިޑަ ކުދިންގެ އިނގިލިތަކުގެ މަސްތައް އުފެދިގެން އަންނަން ޖެހޭ ގޮތަށް ނާދެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް ފަންސުރާއި ގަލަމުގައި ރަނގަޅަށް ނުހިފެއްޓޭގޮތް ދިމާވާ ކަމަށެވެ.

ފޯނާއި ޓެބްލެޓް ގެ ސަބަބުން ކުޑަ ކުދިން ހެދިބޮޑުވުމަށް ވަރަށް ގިނަ ގޮތްގޮތުން ހުރަސްތައް ކުރިމަތިވާކަން ސާބިތުވެފައިވާ އިރު މައިންބަފައިން ކުރިއަށް ވުރެން ބޮޑަަށް މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

ޔޫކޭގެ ހާޓް އޮފް އިންގްލެންޑް ފައުންޑޭޝަން އެންއެޗްއެސް ޓްރަސްޓްގެ ޕީޑިއެޓްރިކް ތެރަޕިސްޓް ސެލީ ޕޭން ވިދާޅުވީ މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި، ސްކޫލަށް އަންނަ ގިނަ ކުދިންގެ އަތުގައި ހުންނަން ޖެހޭ ވަރާއި އެކިއެކި މަސައްކަތްތައް ކުރުމަށް ހުންނަން ޖެހޭ ހުނަރު ނުހުންނަކަން ފާހަގަ ކުރެވިފައިވާއިރު ސްކޫލަށް އަންނަ ކުދިންނަށް ލިޔަން ފަންސުރު ދިނުމުން އޭގައި ރަނގަޅަކަށް ހިފާކަށް ނޭނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ފަންސުރުގައި ރަނގަޅަށް ހިފެހެއްޓުމަށް އިނގިލިތަކުގެ މަސްތައް ވަރުގަދަވެ އިނގިލިތަކުގައި ކޮންޓްރޯލް ހުންނަން ޖެހޭ ކަމަށާއި ކުދިންގެ މި ހުނަރުތައް ކުރިއަރާނީ ވަރަށް ގިނަ ފުރުސަތުތައް ލިބިގެން ކަމަށެވެ.

ބުރޫނާއީ ޔުނިވަސިޓީ ލަންޑަންގެ ރިސާޗް ކްލިނިކްގައި މަސައްކަތް ކުރައްވާ ކުދިންގެ ލިޔުމުގެ ހުނަރާއި އެހެނިހެން ވެސް ހުނަރުތައް ހުރި މިންވަރު ދިރާސާ ކުރަމުން އަންނަ ތަޖުރިބާކު މެލީސާ ޕްރަންޓީ ވިދާޅުވީ މިޒަމާނުގައި ކުދިންނަށް ލިޔަން ދަސްވަނީ މާ ލަހުން ކަމަށާއި ސަބަބަކީ ޓެކްނޮލޮޖީ މާ ގިނައިން ބޭނުން ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު