އެމެރިކާގައި އައިޑީ ކާޑާއި ނުލައި ވިޔަފާރިކުރަން ފިހާރަތަކަށް ނުދެވޭނެ ގޮތް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕަށް އެންމެ ގިނަބަޔކު ތާއީދުކުރާ އެއް ސްޓޭޓް ކަމަށްވާ ފްލޮރިޑާގެ ޓަމްޕާ އަވަށުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ މީހަކު ބޭރުތެރެއަށް ނިކުމެ ވިޔަފާރިކުރުމަށް ފިހާރައަށް ވަންނަ ނަމަ ފޮޓޯ އެއް ހުރި އައިޑީއެއް އޮންނަން ޖެހޭކަމަށެވެ.

ޓްރަމްޕު މިހެން ބުނެފައި ވީކަމުގައި ވިޔަސް އެމެރިކާގެ ސުޕަމާކެޓު ތަކުގައި ރާ ގަތުން ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއްގައި އައިޑީ އެއް ބޭނުމެއް ނުވެއެވެ. ޓްރަމްޕު މިހެން ބުނެފައި ވަނީ އެމެރިކާގެ ވޯޓު ލާ މީހުންގެ އައިޑީތައް ހަރުކަށިކަމާއެކު ބެެލުމަށް ބާރުއަޅައި ވާހަކަދައްކަމުންނެވެ.

ޓްރަމްޕު ދެއްކި ވާހަކަތަކާ ގުޅިގެން މަޝްހޫރު މީޑިޔާއެއް ކަމަށްވާ ސީއެންއެންގެ ނޫސްވެރިޔަކު ކަމަށްވާ ޖިމް އެކޮސްޓާ ވަނީ އެ ވާހަކަތަކާ ދެކޮޅަށް ޓުވީޓު ކޮށްފައެވެ. އޭނާގެ ޓުވީޓުގައި ބުނެފައިވަނީ ޓުރަމްޕު އުޅެނީ ކުރާނެ ކަމެއް ނޭނގިގެން ކަމަށާއި ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް އައިޑީ އެއް އޮންނަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ޖިމް ކުރި ޓުވީޓާ ގުޅިގެން ޓްރަމްޕުގެ ސަޕޯޓަރުން ލައިވް ޓީވީގައި ވަނީ ޖިމް އަކީ "ދޮގުވެރިއެއް" ކަމަށާއި ސީއެންއެން އަކީ ދޮގުހަދާ މީޑިޔާއެއް ކަމަށް ބުނެފައެވެ.

މިއީ މިފަދަ ހަމަ ނުޖެހޭ ވާހަކައެއް ޓުރަމްޕު ދެއްކި ފުރަތަމަ ފަހަރެއްނޫނެވެ. އެގޮތުން އެފަދަ ވާހަކައެއް ޓުރަމްޕު ދައްކާ ކޮންމެފަހަރަކު ޓުރަމްޕުގެ ސަޕޯޓަރުންނާއި އިދިކޮޅުފަރާތްތަކާ ދެމެދު ޓުވިޓާ އަދި އެހެނިހެން މީޑިޔާތަކުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ.

ޓްރަމްޕު އެންމެ ފަހުން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ސުޕަ މާކެޓަށް ދިޔަ ފަހަރެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު