ދުނިޔޭގެ އެންމެ މަޝްހޫރު މީސްމީޑިޔާ ކަމުގައިވާ ފޭސްބުކް އިން ޔޫޒަރުންގެ މެދުގައި ލަވަ މުބާރާތް ބާއްވަން ފަށާފާނެ ކަމަށް ފޭސްބުކް ރިސާޗް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން ފޭސްބުކް އިން ދަނީ ޓެލެންޓް ޝޯ ފީޗާއެއް ޓެސްޓުކުރަމުން ކަމަށް ރީސާރޗަރުން ބުނެއެވެ. އެގޮތުން މި ފީޗާ ބޭނުންކޮށްގެން ޔޫޒަރުންނަށް މަޝްހޫރު ލަވައެއް އަމިއްލައަށް ކިޔާތަން ރިކޯޑު ކުރުމަށްފަހު އެހެން ޔޫޒަރުންނަށް އެ ވީޑިޔޯތައް އިންސާފު ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

ފޭސްބުކްގެ ރީސާޗަރެއްކަމަށްވާ ޖޭން މަންޗުން ވޮންގް ވަނީ މިފަދަ ފީޗާއެއް ފޭސްބުކްގެ ކޯޑުގެ ތެރެއިން ފެނިފައިވާކަމަށް ބުނެފައެވެ. ވޮންގް ބުނި ގޮތުގައި މި ފީޗާ ބޭނުންކޮށްގެން އާ ލަވަކިޔުންތެރިންނަށް އެހެން މީހުންނާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. ނަމަވެސް މި ފީޗާ ބޭނުންކުރެވޭނީ ހަމައެކަނި ފޭސްބުކް ޕޭޖްތަކަށް ކަމުގައި ވޮންގް ވަނީ ބުނެފައެވެ. އެގޮތުން ޕޭޖުގެ އެޑްމިނުން ޓެލެންޓު ޝޯ ފީޗާ އޮން ކޮށްގެން މުބާރާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ބުންޏެވެ.

މި ފެނުނު ކޯޑަކީ ފޭސްބުކް އިން މިއުޒިކް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. އެގޮތުން މި އަހަރު މާރިޗު މަހު ފޭސްބުކް އިން ވަނީ "ވާނާ"، "ޔުނިވާސަލް" އަދި "ސޮނީ" ފަދަ މަޝްހޫރު ލޭބަލްތަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއާ ބެހޭގޮތުން ފޭސްބުކް އިން ބުނެފައިވަނީ އެކުންފުނިން ފޭސްބުކުގައި މިއުޒިކް އިތުރަށް ހިމެނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ޖޫން މަހު ފޭސްބުކް އިން ވަނީ "ލިޕް ސިންކް ލައިވް" ގެ ނަމުގައި މަޝްހޫރު ލަވަތަކަށް ލިޕް ސިންކް ކޮށް ލައިވް ކުރެވޭ ފީޗާއެއް ފޭސްބުކްގައި ހިމަނާފައެވެ. ނަމަވެސް މިއީ މަޝްހޫރު ލިޕް ސިންކް ޕްލެޓްފޯމް ކަމަށްވާ މިއުޒިކަލީއާ ވާދަކުރުމަށް ފޭސްބުކްއިން ކުރިކަމެއްކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ފޭސްބުކް އިން ޓެލެންޓް ޝޯ ފީޗާ ގެ ކޯޑު ފެނިފައިވީނަމަވެސް މި ފީޗާ ފޭސްބުކްއިން އާންމުންނަށް ނެރޭނެކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިއީ ކުރިމަގުގައި ފޭސްބުކްއިން ތައާރަފްކުރާނެ އާ ފީޗާތަކުގެ ކުޑަ ހިންޓެކެވެ.