މަޝްހޫރު ބްރޭންޑުތަކުގައި ހެދުންތަކާއި އެނޫންވެސް އެފަދަ ތަކެތި އިޝްތިހާރުކުރުމަށް ބާއްވާ ފެޝަން ޝޯވތަކުގައި ފެންނަނީ، ބޮޑު އަގު ދީގެން ގެނެސްފައިވާ މޮޑެލުން، އެއެއްޗެއްސާއެކު ރޭމްޕުމަތީގައި ހިނގާ މަންޒަރެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ކަން ހިނގާ ގޮތަކީ މިއީއެވެ.

އެހެންނަމަވެސް، މަޝްހޫރު ބްރޭންޑެއްކަމުގައިވާ "ޑޮލްސް އެންޑް ގަބައްނާ"، އެކުންފުނީގެ ހޭންޑް ބޭގްތައް، ފެޝަން ޝޯވ އެއްގައި ދައްކާލީ ތަފާތު ގޮތަކަށެވެ. މޮޑެލުން ނުވަތަ އެހެން ބައެއް ބޭނުންކުރުމުގެ ބަދަލުގައި، އެކުންފުނިން ބޭނުންކުރީ ޑްރޯން އެވެ. ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފީއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ކަންތައް ކޮށްފައިވަނީ އިޓަލީވިލާތުގެ މިލާނުގައި ކުރިއަށް ގެންދިޔަ ފެޝަން ޝޯވ އެއްގައެވެ.

މިއީ މިފަދަ ގޮތަކަށް ފުރަތަމަ ކުރިއަށް ގެންދިޔަ ފެޝަން ޝޯވ ކަމުގައިވާއިރު، ކުދި ކުދި އުނދަގޫތަކާ ކުރިމަތިވިކަމަށްވެއެވެ. އެގޮތުން، ޑިޒައިނަރުންނަށް މިކަން މެނޭޖްކުރަން ދަތިތަކެއް ކުރިމަތިވިއިރު، ޝޯވ ކުރިއަށް ގެންދިޔަ ތަނުން ވައިފައި ކަނޑާލަން ޖެހުނުކަމަށްވެސްވެއެވެ.

އެހެންނަމަވެސް، މިކަމަކީ ދުރު މުސްތަޤުބަލަށް ވިސްނާއިރު ވަރަށް ޚަރަދު ކުޑަ ގޮތަކަށް ވާނެކަމަށް ބެލެވެއެވެ. އެއީ، ޑްރޯންތައް ގަންނަން ޖެހޭނީ އެއް ފަހަރުކަމުގައިވެފައި، ދެން ކޮންމެ ޝޯވ އެއްގައި އެއް ޑްރޯންތަކެއް ބޭނުންކުރެވޭނެތީއެވެ. ކޮންމެ ޝޯވ އަކަށް ވަކިވަކިން މޮޑެލް އަށް ފައިސާ ދޭން ނުޖެހޭނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު