(އަށާވީސްވަނަ ބައި)

"ނަފާޒާއާ ވާހަކަ ދައްކާލަބަލަ! އޭރުން ތި ދެ ކުދިންނަށްވެސް މަގު ފެނިގެން ދާނެ!" އަލީފް ދެމުންދިޔަ ކޮންމެ ނަސޭހަތަކީ އޭނާގެ އަމިއްލަ ނަފުސަށް ދެވޭ ނަސޭހަތަކަށް ހެދިއެވެ. "އަހްލާމް ހޯދުމުގެ މަސައްކަތުގައި، މިފްޒާލްގެ ފަރާތުން އަހަރެން އެދެނީ ނަފާޒާގެ ކަންކަން މިފްޒާލް އެންމެ ގާތު ބެލެހެއްޓުން!"

"އެންމެ ރަނގަޅު! އަހަރެން ތިގޮތަށް ތިކަންކަން ބަލަހައްޓާނަން!" މިފްޒާލް އަލީފާއި ސަލާމްކޮށްލުމަށްފަހު ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

މިފްޒާލް އޮތީ އޭނާގެ ބަންކް އެނދުގެ އެންމެ މަތީގައެވެ. ފޯނުގައި އޮތް ނަފާޒާގެ ނަންބަރަށް ބަލަހައްޓައިގެންނެވެ. އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ނަފާޒާގެ ސޫރައެވެ. އެކަމަގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އިރުއިރުކޮޅުން ހިންދިރުވައިލެވެނީ ނިކަން ގަދަކަމުންނެވެ.

މިފްޒާލްގެ ހިތް ބުނަމުން ދިޔައީ ފޯނުކުރާނީބާވައޭ، ނޫނީ މެސެޖެއް ފޮނުވާލާނީބާވައެވެ. ގޮތެއް ނުނިމިފައި އެތައް އިރެއް ވަންދެއް އޭނާ އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮވެފައި، ނިކަން ޖެހިލުންވެ ހުރެ މިފްޒާލް ނަފާޒާގެ ނަންބަރަށް ގުޅައިލީ އަލީފް ދިން ނެސޭހަތްތައް ސިކުނޑީގައި އެނބުރެން ފެށުމުންނެވެ.

"ހަލޯ! ނަތާޝާ ވާހަކަދެއްކީ ނިދި އައިސް ހުރެގެންނެވެ.

"ހަލޯ! ހާދަ ނިދިއައިސް ހުރިހެން ހީވޭ!" ލުކްޝާން ނަތާޝާއަށް ގުޅީ ޚިޔާލެއް ހޯދުމަށެވެ. "އެންމެ ރަނގަޅު! ނިދި އައިސް ހުރިއްޔާ ދޭ ނިދާލަން!"

"އޯކޭ! ތެންކްސް ލުކޭ!" ނަތާޝާ އެއްވެސް ސުވާލެއް ކުރުމެއްނެތި ފޯން ބޭއްވިއެވެ.

"ވަޓް!" ލުކްޝާން ފޯންގެ އިސްކުރީނަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. "އަހަރެން އެވަރުން އުޅޭ އިރުވެސް ނަތާޝާ އަހަރެންނާ ދޭތެރޭގައި އެއްވެސް ރަޙްމެއްނެތީތަ؟"

ލުކްޝާން ފުންކޮށް ނޭވާލަމުން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އެޔާއެކު ލޯގަނޑުގައި އަޅާފައި އޮތް ފޮތިގަނޑު ދަމައިގަތީ ކުއްލިއަކަށެވެ. ތަޅައިގެން ގޮސް ހުރި ލޯގަނޑުން ލުކްޝާންގެ ސޫރަ ފުރިހަމައަށް ނުފެނެއެވެ. ލޯގަނޑުން ފެންނަ ފެނުމަށް ހީވަނީ އޭނާގެ ބައެއް ބައިތައް މަދު ހެންނެވެ.

"ހުރޭ! ރަނގަޅު ލަނޑެއް ނޫނީ ނުދޭނަން!" ލުކްޝާން ލޯގަނޑު ބައިތައް އޭނާގެ ދެ އަތުން ނައްޓަން ފެށިއެވެ. "އަހަރެން މިއީ ނުލަފާ މީހެއްކަން އަންގާލަ ދޭނަން!"

ލުކްޝާން އެއްވެސް ޖެހިލުމެއް ނެތި ތަޅައިގެން ގޮސް ހުރި ލޯގަނޑުގެ އެކި ބައިތައް ނައްޓަމުން، އެކި ދިމަދިމާއަށް އުކަމުން ދިޔައެވެ. އެއިން ކޮންމެ ބައެއް ތަށިމުށިގަނޑު މަތީގައި ޖެހުމާއެކު ކުދިކުދި ވެގެން އެކި ދިމަދިމާއަށް ބުރައިގެން ދެއެވެ. އެގޮތަށް ލޯގަނޑުގެ ބައިތައް އަތުން ނެއްޓުމުގެ ސަބަބުން ލުކްޝާންގެ އަތުގެ އެކި ތަންތަން ކަނޑައިގެން ގޮސް މުޅި ތަން ލެއިން ކަޅިވަމުން ދިޔައެވެ. އެހެނަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

"ކީއްވެ ފޯން ނުނަގަނީ؟" ގޮތް ނޭނގޭ ނަންބަރަކުން ނަފާޒާއަށް ލިބިފައި އޮތް މެސެޖެއް ކިޔައިލިއެވެ. "ކާކު ކަމެއް ނޭނގުނެ!"

"އާނ! ސޮރީ! މިއީ މިފްޒާލް!" މިފްޒާލް އަވަސް އަވަހަށް ނަފާޒާއަށް ޖަވާބު ދިނެވެ. "މިފްޒާލްއޭ ބުނީމަ އެނގޭނެތަ؟"

"ސޮރީ! އަހަރެން މިފްޒާލްއާ ވާހަކަދައްކާކަށް ބޭނުމެއް ނޫން!" ނަފާޒާ ހުރީ ހިތް ނުތަނަވަސްވެފައެވެ. "މިފްޒާލް ތިއީ ރަނގަޅު މީހެއް ކަމަކަށް އަހްލާމް ނުދެކޭ!"

"އަހަރެންނަށް ވާހަކަދައްކަން އެންމެ ފުރުސަތެއް ދެއްވާ!" ނަފާޒާގެ ޖަވާބުން މިފްޒާލް މާޔޫސްވަމުން ދިޔައެވެ. "އޭރުން ވެގެން އުޅޭ ގޮތް ވަރަށް ސާފުކޮށް ކިޔައިދޭނަން!"

"ހަލޯ!" މިފްޒާލް ގުޅުމުން، ނަފާޒާ ފޯން ނެގީ އަހްލާމް ގެއްލުމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިދާނެތީއެވެ. "މިހާރު މިހުރީ ގުޅިފައި! ދެން ވެގެން އުޅޭ ގޮތް ކިޔައިދީފާނަންތަ؟"

"ސޮރީ! އަހަރެން ބޭނުމެއް ނޫން ނަފާޒާއަށް ޖެއްސުން ކުރާކަށް!" ނަފާޒާ ރުޅިއައިސްފައި ހުރިކަން އެނގުމުން މިފްޒާލް ހިތަށް ދަތުވިއެވެ. "އަހަރެން އަހްލާމާ ވާހަކަދައްކަން މަސައްކަތްކުރީ ނަފާޒާ ލިބޭތޯ!"

"ކޮން ވާހަކައެއް ތި ދައްކަނީ! އަހަރެން ހީކުރީ އަހްލާމްގެ ވާހަކަ ދައްކަން ކަމަށް ގުޅީ! އަހްލާމްގެ ވާހަކަ ނުދައްކައްޏާ ފޯނު ބާއްވަނީ!" ނަފާޒާ ހުރީ މޫޑް ސަކަރާތްވެފައެވެ.

"އިހަށް މަޑުކޮށްބަލަ!" މިފްޒާލްގެ ހިތުގައި އަދަމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ނިވުނަ ނުދީ ހިފެހެއްޓިއެވެ. "އަހަރެން މި ބުނީ ތެދުކަމަށް އެއްބަސްވާނެ އަލީފް!"

"އަލީފް!" ނަފާޒާއަށް ބޭއިޚްތިޔާރުގައި އަލީފްގެ ނަން ތަކުރާރުކޮށްލެވުނެވެ. "އެންމެ ރަނގަޅު! ވާހަކަ ކުރިއަށް ގެންދޭ! އަހަރެން މިހުރީ އަޑު އަހަން!"

މިފްޒާލްގެ ހިތް އުފަލުން ފޮޅުނެވެ. ނަފާޒާއަށްޓަކައި ވަރަށް ރީއްޗަށް ވާހަކައަކަށް ފަހު ވާހަކައެއް، މިފްޒާލް ކުރަހަމުން ކުލަޖައްސައި ދެމުން ދިޔައެވެ. ނަފާޒާއަށް އެއްވެސް ވާހަކައެއް ސިއްރުކުރުމެއް ނެތިއެވެ. ނަފާޒާއަށް އޮޅުން ބޮޅުން ނާރައިނޭ ގޮތަށެވެ. އެ ގޮތުގައި މިފްޒާލާއި ނަފާޒާގެ ވާހަކަތައް ދިގު ދެމިގެން ދިޔައީ މެންދަމުން އަލިވިލުނު ކަންވެސް ނޭނގޭހާ ފޯރީގައެވެ.

އެކަކު އެނެއްކަކު ދެކެ އިންތިހާއަށް ލޯބިވާކަން ހާމަކުރަމުންނެވެ. އެކަކު އަނެއްކަކަށް ފެނުނީންސުރެއް ހިތުގައި ޖާގައެއް ދެވުނުކަމަށް ބުނަމުންނެވެ. ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލައާއި ބީރައްޓެހިކަން ކެނޑިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހޫނު ފެނަށް ހިހޫފެން އެޅުމުން، ހޫނުފެން ފިނިވެގެންދާ ބީދައިންނެވެ.

"ލުކޭ!" ނަތާޝާ އޮފީހަށް ވަން ގޮތަށް ލުކްޝާންގެ މޭޒު ކައިރިއަށް އައެވެ. "ކިހިނެއްވީ ރޭގަ..."

"ކަމެއް ނުވޭ!" ނަތާޝާ ބުނަން އުޅުނު އެއްޗެއް ފުރިހަމަކުރުމަށް ލުކްޝާން ފުރުސަތެއް ނުދިނެވެ.

"ލުކޭ! ވަޓް ދަ! އަތަށް ކިހިނެއްވެފައި ތިހުރީ؟" ލުކްޝާންގެ ބެންޑޭޖް ކޮށްފައިވާ އަތް ފެނި ނަތާޝާގެ ދެ ލޯ ތަން މިނަށް ހުޅުވިގެން ދިޔައެވެ. "ހާދަ ބޮޑަކަށް ކަފައިގެން ގޮސް ތިހުރީ؟"

"މާ ބޮޑުކަމެއް ނުވޭ! ގެއަށް ގެނައި ބިއްލޫރިގަނޑެއް ސާފުކުރަނިކޮށް އަތް ކަފައިގެން ދިޔައީ!" ލުކްޝާން ޤަސްތުގައި ދޮގުހެދިއެވެ.

"އަތް ކަފައިގެން ދިޔައީއޭ!" ލުކްޝާން ބުނި ޖުމުލަ އޮފީހަށް ވަދެގެން އައި އަލީފްގެ ކަންފަތުގައި ޖެހުނެވެ. "ހާދަ ބޮޑަކަށޭ ދޯ! ވަރަށް ދެރަ! ލުކްޝާން ލީވް ނަގަންވީނުން!"

"ލުކްޝާންގެ ހުރިހާ ލީވްއެއް ހުރީ ހުސްވެފަ!" ނަތާޝާ އަވަސް އަވަހަށް އަލީފަށް ޖަވާބު ދިނެވެ. "އެކަމަކު އެވަރަށް އަތް ހަލާކުވުމުން އަޅުގަނޑަށް ހިޔެއް ނުވޭ ލުކްޝާނަށް މަސައްކަތް ކުރެވޭނެހެން."

"ވަރަށް ރަނގަޅު ވާހަކައެއް!" އަލީފްގެ ކަޅި ހުއްޓިފައި ހުރީ ލުކްޝާންގެ އަތްތިލައަށެވެ. "ލުކްޝާން އޮފީހުގައި ހަތަރު ގަޑިއިރު ވަންދެއް މަޑުކޮށްލާފައި އެންމެ ރަނގަޅު ގެއަށް ދުރުވިޔަސް!

"ޝުކުރިއްޔާ!" ލުކްޝާން އަލީފްގެ މޫނަށް ބަލައިލިއެވެ.

"ގެޓް ވެލް ސޫން!" އަލީފް ލުކްޝާންގެ މޫނަށް ބަލައިލީ ވަހުމުގެ ނަޒަރަކުންނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މ ަލ ްހ ާ

    ވ.ރ ީތ ި ވ ާހ ަކ ަ އ ެއ ް.

  2. ަސޗަޒަ

    ވާހަކަރީތި، އެކަމަކު އަހަރެއްކޮއްފަ ގެންނަ އިރުވެސް ގެންނަނި 2ފޮލުވަށް