(1) ފިރިހެނަކަށް ޖިންސީ ބަލިކަށިކަން ކުރިމަތިވުމޭ ބުނެވެނީ ކޮންހާލަތެއްގައި ؟

ޖިންސީ ގޮތުން ބަލިކަށިކަން ލިބުމުގެ ތަފާތު ގޮތްތައް ވެއެވެ. އެއީ ޖިންސީ ގުޅުން ހިންގަން ތައްޔާރު ވާހިނދު ރަގަޅަށް ޖިންސީގުނަވަން ވާންވެ ވަރުނުޖެހުން، ނުވަތަ ވަރުޖެހުމަށްފަހު ޖިންސީގުޅުން ހިންގައި ނިމެންދެން އެގޮތަށް ދެމިނުހުރުން ފަދަ ކަންކަމުގެ ސިފައިގައެވެ.

ފަހުން މިބުނި ހާލަތުގައި ވަރުޖެހުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި އެކަން ފިލައި ފިރިހެން ހަށި ވަޅޯވެ، އާދައިގެ ސައިޒަށް ބަދަލުވެގެން ދެއެވެ. ޖިންސީއެދުންވެރިކަން ކުޑަވުން ނުވަތަ ޖިންސީ އެދުންވެރިކަން ނުހުރުމަކީ ވެސް ޖިންސީ ބަލިކަށި ކަމުގެވައްތަރުތަކެވެ.

ގިނަ ފިރިހެނުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީ ފިނިކަމާއި ނުވަތަ ބަލިކަށި ކަމާއި، ކުރިމަތިލާން ޖެހެއެވެ. އެއީ ދިމާވާ ތަފާތު ހާލަތްތަކާއި ގުޅިގެންނެވެ. މިސާލަކަށް ހާސްވެ ފިކުރު ުބޮޑުވެފައި ހުންނަ ދުވަސްވަރެއްގައި ނުވަތަ ތިމާގެ މީހަކު މަރުވެގެން މާބޮޑަށް ދެރަވެ ހިތާމަ ކުރަމުންދާ ދުވަސްވަރެއްގައި ނުވަތަ މަސައްކަތުގައި މާބުރަކޮށް އުޅެން ޖެހުމަކީ ޖިންސީ ފިނިކަން ކުރިމަތިކޮށްފާނެ ކަންކަމެވެ. މިގޮތުން ދިމާވާ ޖިންސީ ފިނިކަން އެކަންކަން ފިލައިދާ ހިނދު ރަގަޅުވެއެވެ. އެކަމަކު ދިގުމުއްދަތަކަށް ޖިންސީ ފިނިކަން ކުރިމަތިވެފައިވާ ނަމަ އެދެވިގެންވަނީ އެކަމުގެ ޚާއްޞަ ޑޮކްޓަރަކާއި މަޝްވަރާކޮށްގެން ހައްލެއް ހޯދުމެވެ. ޖިންސީ ފިނިކަން ކުރިމަތިވުމުގެ ފަހަތުގައި ނަފްސާނީ ނުވަތަ ޖިސްމާނީ ނުވަތަ އެދެކަން އެއްވެގެން އުފެދިފައިވާ ސަބަބެއް އޮތުމަކީ ވެދާނެ ކަމެކެވެ.

(2) ފިރިހެންހަށި (ޖިންސީ ގުނަވަން) ދެމި ވަރުޖެހެނީ ކިހިނެއް؟

ޖިންސީ ފިނިކަން ކުރިމަތިވާ ސަބަބު ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ފިރިހެން ހަށި ދެމި ވަރުޖެހެނީ ކިހިނެއްވެގެންތޯ ބަލަމާ ހިގާށެވެ. ޖިންސީ ގުނަވަން އުފެދިފައިވަނީ ފުފި،ދެމުމުގެ ކުޅަދާނަކަން ލިބިފައިވާ 3 ބަޔަކުންނެވެ. އެއީ އިސްފަންޖު ގަނޑަކަށް ފެންއެޅުމުން އެ ފުފޭ ފަދައިންނެވެ. ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވާ ލޭ ޖިންސީ ގުނަވަނަށް ވާސިލްވާ ހިނދު އެދެމޭގޮތް ވެއެވެ. ފިރިހެންހަށި ދެމި، ސީދާވެފައި ހުންނަނީ ޖިންސީގުނަވަންގެ ޓިޝޫތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި އޭގައިވާ ވެލްވްތައް ތައް ބަންދުކޮށް ލޭ އެބުރި ދިއުމަށް ހުރަސްއަޅާތީ އެވެ. އެހެންކަމުން މިބުނި ދެބާވަތުގެ ލޭހޮޅި ( ހިތުން ޖިންސީގުނަވަނަށް ލޭފޯރުކޮށްދޭ ލޭހޮޅި، އަދި ޖިންސީގުނަވަނުން އަބުރާ ހިތާއި ދިމާލަށް ލޭ ފޮނުވައިދޭ ލޭހޮޅި) ތަކަށް އެއްވެސް ގެއްލުމެއް ލިބުން ނުވަތަ އޭގެ ތަބީއަތަށް ބަދަލުއައުމަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސްއެޅި ޖިންސީ ފިނިކަން ފިރިހެނާއަށް ކުރިމަތިކުރުވާނެ ކަމެކެވެ.

ފިރިހެންހަށީގައި ވަރުޖެހުމަށް ފަހު އެބުރި މައިތިރިވެގެން އަންނަ ހިނދު އެއަށް ފޮނުވައިދެނީ ލޭގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ޖިންސީ ހިލިގަތުން އަންނަ ހިނދު ލޭ ޖިންސީގުނަވަނަށް އައުމާއި އެކު، ލޭހޮޅިތައް އޭގެ ވެލްވް ބަންދުކޮށް ފިރިހެންހަށީގެ ޓިޝޫތަކުގައި ލޭ ހިފަހައްޓައި(ހައްޔަރުކޮށް) ދެއެވެ. ނަތީޖާއެއްގެ ގޮތުން އެދެމި، ސީދާވެ، ވަރުޖެހުމޭ މިބުނާ ދަރަޖައަށް ދެއެވެ.

ހަމަމިހެން ސިކުނޑީގައި ހުންނަ ބައްޔެއްގެ ސަބަބުން ނުވަތަ ޖިންސީގުނަވަނަށް ވަރުޖެހުމުގެ ހަރަކާތް ގެނައުމަށް އެހީތެރިވާ ނާރު ގައި ހުންނަ އުނިކަމެއްގެ ސަބަބުން ވެސް ޖިންސީ ފިނިކަން ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ.

(3) ޖިންސީ ގުނަވަނަށް ލޭފޯރުކޮށްދިނުމަށް އަސަރު ކުރުވާ ކަންކަމަކީ ކޮބާ؟

ފުރިހަމައަށް ފިރިހެންހަށި ސީދާވެ ވަރުޖެހޭނީ ޖިންސީ ގުނަވަނަށް ލޭ ފޮނުވައިދޭ ލޭހޮޅި ސަލާމަތުން ހުރިނަމައެވެ. އޭގައި އުނިކަމެއް ހުރިނަމަ ލޭފޮނުވުން ކުޑަކޮށްދީ ވަރުޖެހުން ކުޑަކޮށްދެއެވެ. މިސާލަކަށް މައި ލޭހޮޅިއެއްގައި ލޭގަނޑުވުން، ނުވަތަ ލޭހޮޅިއެއް ހަރުވުން ނުަވަތަ ލޭހޮޅީގެ ފާރު ހަނިވުން ފަދަ ކަމެއް ކުރިމަތި ިވުމަކީ ޖިންސީގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅޭ ކަންކަމެވެ. އެހެންކަމުން މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ޖިންސީ ބަލިކަށިކަން ކުރިމަތިވެދާނެ އެވެ،

(4) ޖިންސީ ހޯރމޯން މަދުވުމަކީ ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވާ ކަމެއްތަ؟

އާންމުގޮތެއްގައި ފިރިހެނާގެ ޖިންސީ ހޯރމޯން ޓެސްޓޯސްޓީރޯން މަދުވުމަކީ ޖިންސީ އެދުންވެރިކަން ކުޑަކޮށްދޭ ކަމެކެވެ. އެއީ މިބުނި ހޯރމޯންއަކީ ފިރިހެނުން އަންހެނުންނާއި ދިމާއަށް ލައްބުވާލުމުގައި މައިގަނޑު ރޯލް އަދާކުރާ ހޯރމޯން ކަމަށްވާތީ އެވެ.

އުރަވަޅީގެ ތެރޭގައިވާ އޮށުގައި އިންފެކްޝަން އުފެދުން، ނުވަތަ އޮށްނެގުން ފަދަ ހާލަތްތަކުގައި މެނުވީ މިބުނި ހޯރމޯން މަދުވި ސަބަބު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން މިހާލަތުގައި މެޑިކަލް އެތައް ޓެސްޓްތަކާއި ތަހްލީލުތަކެއް ކޮށްގެން ހޯރމޯން މަދުވި ސަބަބު ދެނެގަންނަށް ޖެހެއެވެ.

(5) ފިރިހެނާގެ ޖިންސީ ހޯރމޯން މަދު ނަމަ އެކަމަށް އޮތް ހައްލަކީ ކޮބާ؟

މިހާލަތުގައި ބޭހެއްގެ ގޮތުގައި އުފައްދައިފާ ހޯރމޯން ދެވެއެވެ. ނަމަވެސް މިބޭނުން ކުރިޔަސް މުޅިން ތަބީއީ ހާލަތަކަށް ބަދަލެއް ނުވެއެވެ. މިހޯރމޯން ގެ ފަރުވާ ދެވެނީ އިންޖެކްޝަނެއްގެ ސިފައިގައި ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ދަށުންނެވެ.

މިގޮތަށް ދެވޭ ހޯރމޯންގެ ފަރުވާ ގެ ސަބަބުން ޕްރޮސްޓޭޓް ގްލޭންޑް ގެ ޓިޝޫތައް މުރާލިކުރުވައެވެ. އެހެން ކަމުން ފަހަރެއްގައި ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ މިކަމުގެ ސަބަބުން ވެދާނެ ގޮތެކެވެ. އެހެންކަމުން މިފަރުވާ ދޭން ފެށުމުގެ ކުރިން އެމީހަކަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މިންވަރު ޑޮކްޓަރުން ބަލާނެއެވެ.

ބައެއް ފަހަރު މިފަރުވާގެ ސަބަބުން މޭގަނޑު(ލިވަރ) ނުވަތަ ފުރަމޭގައި ފައިބަރަސް ޓިޝޫ އުފެދި ގެއްލުން ލިބޭގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި މާގިނައިން ފެންޖަމާވާ ގޮތް ވެއެވެ. އެހެންކަމުން ހިތުގެ ބަލީގެ މީހުން، ގުރުދާގެ ބަލިމީހުން އަދި ފުރަމޭގެ ބަލިމީހުންނަށް މިފަރުވާ ދީއެއް ނަހަދައެވެ.

(6) ރަގަޅަށް ފިރިހެންހަށި ސީދާވެ، ވަރުނުޖެހެނީ ކީއްވެ؟

ބައްޔެއްގެ ސަބަބުން ( ހަކުރުބަލި)، ހޯރމޯންގެ މިންވަރަށް ބުރޫއެރުން( މުސްކުޅިވުމުން ފިރިހެނާގެ ޖިންސީ ހޯރމޯން މަދުވުން)، ލޭހޮޅީގެ މައްސަލަތައް(ލޭހޮޅިއަށް އެއްޗެއް ވަނުން/ތާށިވުން)، އަދި ސްޕައިނަލް ކޯޑް އަށް ޖެހޭ ބަލިތަކުގެ ސަބަބުން ވެސް ފުރިހަމައަށް ވަރުނުޖެހުމަކީ ވެދާނެގޮތެކެވެ. މީގެ އިތުރުން ބައެއް ފާޑުފާޑުގެ ބޭހުގެ ސަބަބުން (ލޭމައްޗަށް ދާ މީހުންނަށް ދީއުޅޭ ބޭސް ފަދަ ބޭސްތައް ) ވެސް ވަރުޖެހުން ކުޑަކޮށް ދެއެވެ. ބަނގުއާވި ބުއިން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ވަރުޖެހުން ކުޑަކޮށްދޭނޭ ކަންކަމެވެ.

(7) ނަފްސާނީ ގޮތުން ފިރިހެންހަށި ސީދާވެ، ވަރުޖެހުމަށް އަސަރު ކުރަނީ ކިހާވަރަކަށް؟

ނަފްސާނީ ފިއްތުއްތައް، ހާސްވެފިކުރުބޮޑުވުން، ކަންބޮޑުވުން، އަދި ޖިންސީގުޅުން ހިންގުމަށް ބިރުވެތިވުމަކީ ފުރިހަމައަށް ވަރުޖެހުމަށް ހުރަސްއަޅާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން އިތުރަށް ހާސްވެ، ނުރައްކާތެރި ދަރަޖަ އަކަށް މިކަން ބަދަލުވެގެން ދެއެވެ.

(8) ޖިންސީގުޅުން ހިންގުމުގެ ކުޅަދާނަކަމާއި ، ނަފްސީ ހާލަތާއި ހުރި ގުޅުމަކީ ކޮބާ ؟

ޖިންސީ ގުޅުން ހިންގުމުގެ މަސައްކަތް ކުރަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ''އުޓޮނޮމިކް ނާރުތަކުގެ ނިޒާމް'' އޭ ކިޔޭ ބަޔަކުންނެވެ. މިބައި ވަކި ދެބަޔަކަށް ބަހާލެވިފައި ވެއެވެ. ފުރަތަމަ ބަޔަކީ '' ސިމްޕަތެޓިކް ނާރު ތަކުގެ ނިޒާމް''އެވެ. ދެވަނަ ބަޔަކީ ''ޕަރަސިމްޕަތެޓިކް ނާރު ތަކުގެ ނިޒާމް'' އެވެ. ޖިންސީ ގުނަވަން ވަރުޖެހުން ކުރިމަތި ކުރުވަނީ ފަހުން މިބުނި ބައިންނެވެ. ޖިންސީއެދުން ހިލިގަންނަ ހިނދުގައި ޖިންސީ ގުނަވަނަށް ލޭ ފޮނުވާލުމަށް އިޝާރާތް ދެނީ މިބައިންނެވެ. މިގޮތަށް އިޝާރާތް ދިނުމުން ޖިންސީ ގުނަވަނަށް ލޭ ވާސިލްވެ މަޑުމަޑުން ދެމެމުން ގޮސް ފުރިހަމައަށް ސީދާވެ، ވަރުޖެހެއެވެ.

ފުރަތަމަ ބައިގެ ވަޒީފާ އަކީ މަނިބޭރުވުން މެދުވެރިކުރުވުމެވެ. ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ޖިންސީ އެދުންވެރިކަން އެންމެ މައްޗަށް ދިއުމުން ނުވަތަ އޭގެ ނިހާޔަތަށް ވާސިލްވުމުން މިބައިން މަނިބޭރު ކޮށްލުމަށް އިޝާރާތް ދެއެވެ. އެހިނދު މަނިބޭރުވެގެން ދެއެވެ.

ފުރިހަމަ ގޮތެއްގައި ޖިންސީ ގުޅުން ހިންގުމަށް މިދެބައި ސަލާމަތުން ހުރުމަކީ ބޭނުންތެރިކަމެވެ. އެއީ އެއްބައިގެ ހަރަކާތްތައް އިތުރުވެއްޖެ ނަމަ އަނެއްބައިގެ ވަޒީފާ ދަށްކޮށްލާތީއެވެ. މިސާލަކަށް ހާސްވެ ކަންބޮޑުވުން ނުވަތަ ޖިންސީގުޅުން ހިންގުމަށް ބިރުގަތުން ފަދަ ހާލަތްތަކުގައި ''ސިމްޕަތެޓިކް'' ނިޒާމްގެ މަސައްކަތްތައް އިތުރުވެގެންދެއެވެ. އަދި ''ޕަރަސިމްޕަތެޓިކް'' ނިޒާމްގެ މަސައްކަތް ދަށްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީގުޅުން ހިންގުމަށް ބޭނުންވާ ވަރަށް ޖިންސީގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅިގެންދެއެވެ.

(9) ޖިންސީ ކުޅެދުންތެރިކަމަށް ކަންބޮޑުވުމާއި ގުޅުމެއްވޭތަ؟

ކަންބޮޑުވުމަކީ ޖިންސީ ބާރު ކުޑަކޮށްދޭ ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބާރު ކުޑަކޮށްދޭ ކަމެއް ވެސް މެއެވެ. އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގެ ތަފާތު މަރުހަލާތަކަށް ކަންބޮޑުވުމުން އަސަރު ކުރެއެވެ. މިގޮތުން ޖިންސީ އެދުންވެރިކަން ކުޑަވުން، ފުރިހަމައަށް ޖިންސީގުނަވަނުގައި ވަރުނުޖެހުން، އަދި ޖިންސީ އެދުމުގެ އެންމެ މައްޗަށް ވާސިލްނުވުން ނުވަތަ އޭގެ ކުންނަށް ވާސިލްނުވުން، އަދި މަނިބޭރުވުމަށް އުދަގޫވުން ނުވަތަ ރަގަޅަށް ބޭރުނުވުން ފަދަ ކަންތައް ކުރިމަތިވެގެން ދެއެވެ. މާބޮޑަށް ހާސްވެ ކަންބޮޑު ުވެފައިވާނަމަ އެއްގޮތަކަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހޭ ގޮތް ވެއެވެ. މާނައަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހަކަށް އޭނާގެ ހާލަތު ބަދަލުވެއެވެ.

ކަންބޮޑުވުން ފަދަ ކަންތައް ކުޑަކުރަން ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ވެސް ނުރަގަޅު އަސަރެއް ޖިންސީ ގުޅުމަށް ފޯރުމަކީ ވެދާނެ ކަމެކެވެ. މިފަދަ ބައެއް ބޭސްތަކުގެ ސަބަބުން ރަގަޅަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހުން، އާންމުކޮށް ބޭރުވާ ވަގުތަށްވުރެ ލަހުން މަނިބޭރުވުން، ފަދަ ކަންތައް ކުރިމަތިވެއެވެ. މާއަވަހަށް މަނިބޭރުވާ މީހުންނަށް ބައެއް ފަހަރު މިކަހަލަ ބޭސް ދީ އުޅެއެވެ.

(10) ޖިންސީގުޅުން ހިންގުން ނާކާމިޔާބުވުމަށް ދިމާވެފައިވަނީ ނަފްސާނީ ނުވަތަ ޖިސްމާނީ ކަމެއްކަން ބަލާނީ ކިހިނެއް؟

ޖިންސީ ގުޅުން ހިންގުމަށް ނުކުޅެދިފައިވަނީ ނަފްސާނީ ނުވަތަ ޖިސްމާނީ ކަމެއްގެ ސަބަބުންތޯ ވަރަށް ފަސޭހަ އިން ބެލިދާނެއެވެ. މިކަން ދެނެގަތުމަށް ހެދުނު ގަޑީގައި ޖިންސީގުނަވަނަށް އަންނަ ބަދަލު ފާހަގަކުރާށެވެ. އާންމުގޮތެއްގައި ހެދުނު ނިދިން ހޭލާ ހިނދު ފިރިހެނުންނަށް ޖިންސީގުނަވަނުގައި ވަރުޖެހޭ ގޮތްވެއެވެ. މިގޮތަށް ހެދުނު ވަރުޖެހޭނަމަ އޭގެ މާނައަކީ ޖިންސީގުނަވަނަށް ބަރާބަރަށް މަސައްކަތްކުރެއެވެ. މި އުސްލޫބުން ބަލައިގެން ހެދުނުގަނޑީގައި ޖިންސީގުނަވަން ވަރުޖެހުން ކުރިމަތިވާ ނަމަ އޭގެ މާނައަކީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވަނީ ނަފްސާނީ ކަމެއްގެ ސަބަބުން ކަމަށެވެ.

(11) ހެދުނު ޖިންސީ ގުނަވަނުގައި ވަރުޖެހެނީ ކީއްވެ؟

ނިދިން ހޭލާހިނދު މަސާނާ ކުޑަކަމުދާ ތަކެތިން ފުރިފައި ހުރުމަކީ ޖިންސީގުނަވަނުގައި ވަރުޖެހުމަށް ބާރު އަޅާދޭ ކަމެކެވެ. ރޭގަނޑުގެ ނިދީގެ ތެރޭގައި 6-3ފަހަރާއި ދެމެދުގެ އަދަދަކަށް ޖިންސީ ގުނަވަނުގައި ވަރު ޖެހެއެވެ. ވަރުޖެހުމަށް 40-10މިނިޓްގެ ދިގުމިނަށް ވަރުޖެހުން ދެމިހުރެ އެވެ. ނިދީގައި މިފަދަ ވަރުޖެހުން ކުރިމަތިވަނީ ހުވަފެން ފެނުން މެދުވެރިކުރުވާ މަރުހަލާގައެވެ. އެއީ ''ރެޕިޑް އައި މޫވްމެންޓް''އޭ ކިޔާ ވަގުތު ކޮޅެކެވެ. ބައެއް ފަހަރު ނިދީގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމުން އިހްތިލާމްވެ ހޭލެވޭގޮތް ވެއެވެ. ރޭގަނޑުގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހޭ ކަމުގެ ހެއްކަކީ ހެދުނު ހޭލާއިރު ޖިންސީ ގުނަވަނުގައި ވަރުޖެހިފައި ހުރުމެވެ. މިކަމުގެ ހަގީގީ ސަބަބެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

(12) ޖިންސީ ބަލިކަށިކަމުގެ ފަހަތުގައި ވަނީ ޖިސްމާނީ ނުވަތަ ނަފްސާނީ ސަބަބެއްތޯ ބެލިދާނެ އެހެންގޮތެއް ވޭތަ؟

ނިދުމުގެ ކުރިން އަންނަނިވި ގޮތަށް އަމަލުކުރާށެވެ. ގުޅިފައިވާ 4 ނުވަތަ 5 ސްޓޭމްޕް ޖިންސީގުނަވަނުގެ ވަށައިގެން ނިދުމުގެ ކުރިން އޮޅާލާށެވެ. ހެދުނު ހޭލާއިރު ސްޓޭމްޕްތައް އެކަތި އަނެކައްޗާއި ވަކިވެފައި ވާނަމަ އޭގެ މާނައަކީ ނިދީގެ ތެރޭގައި ޖިންސީ ގުވަނުގައި ވަރުޖެހިފައި ވުމެވެ. މާނައަކީ ޖިސްމާނީ ސަބަބެއް ކުރިމަތި ވެފައި ނެތްކަމެވެ. އާންމުގޮތެއްގައި ފިރިހެނާއަށް ނޭގި ނަމަވެސް ނިދީގެ ތެރޭގައި 6-3ފަހަރާއި ދެމެދު ގެ އަދަދަކަށް ޖިންސީ ގުނަވަނުގައި ވަރުޖެހެއެވެ.

(13) ''ވީނަސް ލީކުވުން'' މިބަހުގެ މާނައަކީ ކޮބާ؟

މީގެ މާނައަކީ ޖިންސީގުވަނުގައި ވަރުޖެހި ހިފެހެއްޓިފައި ހުރުމަށް ބޭނުންވާވަރަށް ޖިންސީ ގުނަވަނުގައި ލޭ ރައްކާކުރެވިފައި ނެތުމެވެ. މިހެން ދިމާވަނީ ޖިންސީގުނަވަނުން ހިތާއި ދިމާއަށް ލޭ ފޮނުވާ ހޮޅިއަކުން (ޖިންސީ ގުނަވަނުގައިވާ) ލޭ ލީކް ނުވަތަ ބޭރުވާތީ އެވެ. ( ޖިންސީ ގުނަވަނުގައި ވަރުޖެހެނީ އެއަށް ލޭ އައުމުން އޭގައިވާ ހިތާއި ދިމާއަށް ލޭގެންގޮސްދޭ ހޮޅިތައް ފިއްތާލާތީ އެވެ. މިގޮތަށް ރަގަޅަށް އެލޭހޮޅިތައް ފިތި ބަންދު ނުވާނަމަ ޖިންސީ ގުނަވަނުގައި ލޭ ހިފެހެއްޓިފައެއް ނުހުންނާނެއެވެ. މާނައަކީ އެލޭހޮޅިތައް ހުރަސް ކޮށް ލޭދައުރުވާނެއެވެ. ) މިގޮތަށްވުމުން ޖިންސީގުވަނުގައި ވަރުޖެހޭތާ އިރުކޮޅެއްގެ ތެރޭގައި ގުނަވަން ވަޅޯވެ، ތިރިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ގުޅުން ހިންގުން ފުރިހަމަކުރުމަށް އުދަގޫވެގެން ދެއެވެ.

ނޯޓް: ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ކިޔަނީ ''އާޓަރީ''އެވެ. މިލޭހޮޅިތަކުގައި ދައުރުވާ ލެޔަށް ކިޔަނީ ''އާޓަރިއަލް ބްލަޑް''އެވެ. ހަށިގަނޑުގެ ތަފާތު ބައިތަކުން ހިތާއި ދިމާލަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ކިޔަނީ ''ވެއިން'' އެވެ. މިލޭހޮޅިތަކުގައި ދައުރުވާ ލެޔަށް ކިޔަނީ ''ވީނަސް ބްލަޑް''އެވެ. ވީނަސް ލީކުވުން މިތާގައި ނިސްބަތްވަނީ ފަހުން މިބުނި ވައްތަރުގެ ލޭހޮޅިއަކުން ލޭ ލީކުވުމަށެވެ.

(14) ''ވީނަސް ލީކުވުން'' ކުރިމަތިވާ ސަބަބުތަކަކީ ކޮބާ؟

އުފެދުމުގައި ލޭހޮޅީގައި ހުންނަ އައިބެއްގެ ސަބަބުންވެސް މިކަން ކުރިމަތިވެދާނެއެވެ. މިހާލަތުގައި އެއްގޮތަކަށް ވެސް ޖިންސީ ގުނަވަނުގައި ވަރެއް ނުޖެހޭނެ އެވެ. ލޭހޮޅީގައި ހުންނަ ދެރަކަމެއްގެ ސަބަބުން ޖިންސީގުނަވަން ދެމި ވަރުޖެހުމަށް ހުރަސްއެޅޭގޮތް ބައެއް ފަހަރު ވެއެވެ. އާންމުކޮށް މިހެން ދިމާވަނީ މުސްކުޅި އުމުރަށް އެޅުމުންނެވެ. ހަމަމިހެން ހޯރމޯންއަށް އަންނަ ބަދަލެއްގެ ނުވަތަ ލޭދައުރުވުން ދަށްވުމުގެ ސަބަބުން ވެސް މިކަން ކުރިމަތި ވެދާނެއެވެ.

(15) ''ވީނަސް ލީކުވުން'' ކުރިމަތިވުމުން ދެވޭ ފަރުވާ އަކީ ކޮބާ؟

އާދައިގެ މިންވަރަކަށް ވީނަސް ލީކުވުން ކުރިމަތިވުމުން ޖިންސީގުނަވަނަށް ލޭފޮނުވުން ކުރިމަތިކުރުވުމަށް އިންޖެކްޝަނެއް ޖެހެއެވެ. މިކަމުގެ ސަބަބުން ލޭ ހިފެހެއްޓިފައި ހުންނަ މިންވަރު އިތުރުވެ، ލީކުވެގެންދާ ލޭގެ ސަބަބުން ވަރުނުޖެހުން މެދުވެރިވުން ކުޑަކޮށްދެއެވެ.

ނުރައްކާތެރި ހާލަތްތަކުގައި ބައެއް ކަހަލަ އާލަތްތައް ވެސް ބޭނުންކުރެވެއެވެ. ބައެއް ފަހަރު ލޭ ލީކުވާ ލޭހޮޅި ބެއްދުމަށްޓަކައި އޮޕަރޭޝަން ކުރެވެއެވެ. އެކަމަކު މިއޮޕަރޭޝަން ކާމިޔާބުވަނީ ވަރަށް މަދު ފަހަރަކު އެވެ.

(16) ޕްރޮސްޓޭޓް ދުޅަވުން ޖިންސީ ބަލިކަށިކަމާއި ގުޅުމެއްވޭތަ؟

ޕްރޮސްޓޭޓް ދުޅަވުމަކީ ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވާ ކަމެއް ނޫނެވެ. ނަމަވެސް މިކަން ކުރިމަތި ވެފައިވާ ބައެއްމީހުން ( ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ކުރިމަތިވެފައިވާ މީހުން) ބަލިހުރުން ނޫން އެހެން ކަމެއްގެ ސަބަބުން ވެސް ޖިންސީގުޅުން ހިންގުމާއި ދުރަށްދާން އުޅޭގޮތް ވެއެވެ. ބަލިޖެހިފައިވާ މީހާއަށް އަބަދު އޭނާއަކީ އެބަލި ޖެހިފައިވާ މީހެކޭ އިހްސާސްވެ، އެކަމާއި ވިސްނުމަކީ ޖިންސީގުޅުން ހިންގުމަށް ހުރަސް އެޅިދާނެ ކަމެކެވެ. ހަމަމިހެން އަނބިމީހާއަށް އިންފެކްޝަން ވާސިލްވެދާނެތީ، ނުވަތަ މަނިބޭރުވުމުގެ ތެރޭގައި ތަދު އިހްސާސްވުމަކީ ވެސް ޖިންސީގުޅުން ހިންގުމާއި ދުރަށް ދިއުމަށް މަގުފަހިކުރުވާ ކަންކަމެވެ.

(17) ޕްރޮސްޓޭޓް ބޮޑުވުމުން ދެމަފިރިކަމުގެ ގުޅުމަށް އަސަރުކުރޭތަ؟

ޕްރޮސްޓޭޓް ބޮޑުވުމަކުން ޖިންސީގުނަވަނުގައި ވަރުޖެހުމަށް އަދި ދަރިމައިވުމުގެ ކުޅެދުންތެރިކަމަކަށް ވެސް އަސަރެއް ނުކުރެއެވެ. ނަމަވެސް ބޮޑުވެފައިވާ ޕްރޮސްޓޭޓް ގްލޭންޑް އިން މަސާނާގެ ކަރަށް ފިއްތާތީ ކުޑަކަމުދިއުމުގައި ބައެއް ކަހަލަ އުދަގޫތަކާއި ކުރިމަތި ވެއެވެ. މިސާލަކަށް މާގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދިއުން ފެށުމަށް އުދަގޫވުން، މަސާނާ ރަގަޅަށް ހުސްނުވުން، ރޭގަނޑުގައި ތަކުރާރުކޮށް ކުޑަކަމުދާން ޖެހުން، ކުޑަކަމުދާތަކެތި ބޭރުވާ މިންވަރު މަދުވެ، ކުޑަކަމުދާއިރު ކަފިވުން، ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ހަމަމިހެން މަސާނާގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެއީ ކުޑަކަމު ގޮސް ނިމޭއިރު ރަގަޅަށް މަސާނާ ހުސްނުވެ ހުންނާތީ އެވެ. މިއުދަގޫތައް ތަކުރާރުވެ ބޭހުންވެސް އެކަންތައްތައް ރަގަޅު ނުވެއްޖެ ނަމަ އޮޕަރޭޝަންކޮށްގެން ޕްރޮސްޓޭޓް ގްލޭންޑް ނަގަންޖެހެއެވެ.

(18) ޕްރޮސްޓޭޓް ނެގުމުން ދެމަފިރިކަމުގެ ގުޅުމަށް އަސަރު ކުރޭތަ ؟

ޕްރޮސްޓޭޓް ނެގުމަކީ ޖިންސީ ބަލިކަށިކަން ، ނުވަތަ ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަކޮށްދޭ ކަމެއް ނޫނެވެ. އެއީ ޕްރޮސްޓޭޓް ގްލޭންޑްއާއި މިބުނި ކަންތައްތައް ހިނގުމާއި ގުޅުމެއް ނުވާތީ އެވެ. ނަމަވެސް ބައެއް ފަހަރު އޮޕަރޭޝަން ކުރުމުގައި ބޭނުންކުރެވޭ އުސްލޫބެއްގެ ސަބަބުން ޖިންސީ ނުކުޅެދުން ތެރިކަން ކުރިމަތި ވެދާނެއެވެ. އެއީ އަންނަނިވި އުސޫލުގެ މަތީންނެވެ.

ޖިންސީގުނަވަނަށް ހަރަކާތްގެނައުމަށް ޒިންމާވާ ނާރު އައިސްފައިވަނީ ޕްރޮސްޓޭޓް ގްލޭންޑްގެ ވަށައިގެން ލެވިފައިވާ ފަށަލައިގެ ތިރީކައިރިފަށް ގާތުންނެވެ. އޮޕަރޭޝަންގެ ތެރޭގައި މިނާރަށް ގެއްލުމެއް ވެއްޖެ ނަމަ ޖިންސީ ނުކުޅެދުންތެރިކަން ނުވަތަ ބަލިކަށިކަން ކުރިމަތިވާނެއެވެ. ޕްރޮސްޓޭޓް ގްލޭންޑް އިން ދަރިފަނި ނުވަތަ މަނި އުފެއްދުމަށް އެހީވެދޭ ދިޔައެއް ބޭރުކުރާތީ، ޕްރޮސްޓޭޓް ގްލޭންޑް ނަގައިފިނަމަ ދަރިން ނުލިބޭގޮތް ވެއެވެ. ނަމަވެސް މިކަމަކީ އެހާ މުހިއްމު ކަމަކަށް ނުވެއެވެ. އެއީ އާންމު ގޮތެއްގައި ޕްރޮސްޓޭޓް ނަގަން ޖެހެނީ އުމުރުން ދުވަސްވާ ފަހުން ކަމަށްވާތީ އެވެ.

(19) ޕްރޮސްޓޭޓް ބޮޑުވުން ކުރިމަތިވިޔަ ނުދިނުމަށް ކުރެވިދާނެ މަސައްކަތްތަކަކީ ކޮބާ ؟

މެދުއުމުރަށް އެޅުމަށް ފަހު ޕްރޮސްޓޭޓް ބޮޑުވުން އެކި މިންވަރަށް ފިރިހެނުންނަށް ކުރިމަތި ވެއެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި ހަށިގަނޑަށް ބަލައިގެން އުޅުން، އަދި ދެމަފިރިކަމުގެ ގުޅުން ބަރާބަރަށް ދެމެހެއްޓުމަކީ ޕްރޮސްޓޭޓް ބޮޑުވުން ކުރިމަތިވުން ކުޑަކޮށްދޭ ކަމެކެވެ. ހަމަމިހެން ބަނގުއާވި ނުވަތަ ރާ ބުއިމަކީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުން ކުރިމަތިވުމަށް މަގުފަހި ކުރުވާ ކަމެކެވެ.

(20) ޕްރޮސްޓޭޓް ބޮޑުވުމާއި، ޕްރޮސްޓޭޓް ކެންސަރު އާއި ހުރި ތަފާތަކީ ކޮބާ؟

މިދެހާލަތުގައި ކުރިމަތިވާ އުދަގޫ ތަކާއި ފެންނަ އަލާމާތްތައް ވަރަށް އެއްގޮތެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުން ކުޑަމުދާން އުދަގޫވުން، މާގިނައިން ކުޑަކަމުދާން ޖެހުން ފަދަ ކަންތައްތައް މެދުވެރި ވެއެވެ. ނަމަވެސް މިބަލީގެ ކުރީކޮޅު އެއް ވެސް އަލާމާތެއް ނުފެނެއެވެ. އެހެންކަމުން މިފަދަ އަލާމާތްތައް ފެންނަށް ފަށައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތަކާއި ތަހްލީލްތައް ކޮށް ކެންސަރު ހުރިތޯ ދެނެގަންނަށް ޖެހޭނެ އެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެނީ އާންމުކޮށް 70އަހަރުން މަތިވާ ފަހުންނެވެ. ހަމަމިހެން ކުރިމަތިވާ ނިސްބަތް ވެސް ޕްރޮސްޓޭޓް ބޮޑުވުން ކުރިމަތިވާ ނިސްބަތަށްވުރެ ދަށެވެ. ޕްރޮސްޓޭޓް ބޮޑުވުން ކުރިމަތިވަނީ އުމުރުން 40 ނުވަތަ 50ގެ ފަހުކޮޅު ގައެވެ.

ތަފާތުގޮތްގޮތުން ކެންސަރު ހުރިތޯ ދެނެގަނެއެވެ. މިގޮތުން ބަލިމީހާގެ ފުރަގަސްފަރާތު ދޮރުން އިގިލި އެތެރެއަށް ފޯރުވައިގެން ޕްރޮސްޓޭޓް ގްލޭންޑްގައި ގަނޑެއް ލާފައި ހުރިތޯ ބެލެއެވެ. ހަމަމިހެން މިބާވަތުގެ ކެންސަރު ޖެހުމުން ލޭގައި ''ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖެން'' އޭ ކިޔޭ ޕްރޮޓީން އެއްގެ މިންވަރު މަތިވެގެން ދެއެވެ.

(21) ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމަށް ކެވިދާނެ ކާނާގެ ބާވަތްތަކަކީ ކޮބާ؟

1- ޒިންކުން މުއްސަދިވެފައިވާ ކާނާގެ ބާވަތްތައް: ސިސޭމްސީޑް، ލިންސީޑް

2- ސިލޭނިއަމް އިން މުއްސަދިވެފައިވާ ކާނާގެ ބާވަތްތައް: އަލްމަންޑް، ހޭޒްލްނަޓް

3- ސޯޔާ ބީންސް

4- ޓޮމާޓޯ

5- އެންޓިއޮކްސިޑެންޓް ގިނަ ބާވަތްތައް: ރޯމޭވާ ތަރުކާރީ

(22) އެސްޕިރިން އާއި ޕްރޮސްޓޭޓް ކެންސަރާއި ހުރި ގުޅުމަކީ ކޮބާ ؟

ދިރާސާތައް ބުނާގޮތުގައި އެސްޕިރިން ( ސަލިސައިލިކް އެސިޑް) އަކީ ކެންސަރު އާއި ދެކޮޅަށް މަސައްކަތް ްކުރާ ކެންސަރު ޖެހުމުން ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭ ބޭހެކެވެ. މިހާރު ވެސް ދަނީ މިކަމާއި ގުޅޭ އިތުރު ދިރާސާތައް ކުރެވެމުންނެވެ.

(23) ހަކުރު ބަލި ދެމަފިރިކަމުގެ ގުޅުމަށް އަސަރު ކުރޭތަ؟

ހަކުރުބަލީގެ ބައެއް ވައްތަރު ޖެހުމުން ޖިންސީގުނަވަނުގައި ވަރުޖެހުން ކުޑަކޮށް ދެއެވެ. އަދި އަންހެނާ އަށް ޖިންސީއެދުމުގެ އެންމެ މަތީ ލައްޒަތާއި ހަމައަށް ވާސިލްވުމަށް ނަގާ މުއްދަތު ދެމިގެންދެއެވެ. މިދެކަމުން ދުރުހެލިވުމަށް ކަސްރަތުކޮށްގެންނާއި، ކެއުން ވަކިގޮތަކަށް ބަދަލުކޮށްގެންނާއި އަދި ގުޅަބޭސް ނުވަތަ އިންސިއުލިން ބޭނުންކޮށްގެން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭށެވެ.

(24) ހަކުރު ބަލި ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ފޯރުވަނީ ކިހިނެއް؟

ހަކުރުގެ މިންވަރު ލޭގައި ދިގުމުއްދަތަކަށް މަތިވެގެން ދާ ހިނދު ޖިންސީ ކުޅެދުންތެރިކަމަށް އަސަރުކުރާ ފަދަ ކަންތައްތައް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން ޖިންސީގުނަވަނަށް އައިސްފައިވާ ނާރުގައި ފައިބަރަސް ޓިޝޫ އުފެދުން، ޖިންސީގުވަނަވަނަށް ލޭ ފޮނުވައިދޭ ލޭނާރުގައި އުނިކަމެއް ހުރުން ނުވަތަ ކުރުގެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅެއެވެ.

(25) ހަކުރު ބަލި ދަރިން ލިބުމަށް ހުރަސްއަޅާ ހެއްޔެވެ؟

ވަރަށް މަދުން ނޫނީ މިއީ ނުވާކަމެކެވެ. މިކަން ދިމާވަނީ ހަކުރުބަލި ޖެހުމުން ކުރިމަތިވާ އެހެނިހެން ކަންތައްތަކުގެ ތެރެއިން ކަމެއްގެ ސިފައިގައެވެ. މިކަންކުރިމަތިވަނީ ދަރިފަނި ބޭރުނުވެ އަބުރާ މަސާނާ އަށް ދިއުމުންނެވެ. މިހާލަތުގައި އެތެރެއަށް މަނިބޭރުވެއެވެ. ނަމަވެސް ބޭރަށް ވާސިލްނުވާތީ އަނބިމީހާ ބަލިވެއެއް ނުއިންނާނެ އެވެ. މިހާލަތުގައި ކުޑަކަމުދާ ތަކެއްޗާއި އެކު މަނިތައް ބޭރުވެއެވެ.

(26) ލޭގެ ޕްރެޝަރ މަތިވުން ދެމަފިރިކަމުގެ ގުޅުމަށް އަސަރު ކުރޭތަ؟

މިގޮތުން އަސަރު ކުރަނީ ލޭގެ ޕްރެޝަރ މަތިވެގެންނެއް ނޫނެވެ. އެކަމު ލޭގެ ޕްރެޝަރ ހުންނަމީހުންނަށް ދީ އުޅޭ ބޭސްތަކުގެ ސަބަބުންނެވެ. މީގެ ވަރަށްގިނަ ބޭސްތަކުގެ ސަބަބުން ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަކޮށް ދެއެވެ.

ހަމަމިހެން ލޭގެ ޕްރެޝަރ މަތިވުން ނުވަތަ އެހެންވެސް ބައްޔެއް ހުރުމަކީ ޖިންސީ އެދުންވެރިކަމާއި ޝައުގުވެރިކަން ކުޑަކޮށްދޭނޭ ކަންކަމެވެ. އެއީ މިފަދަ ބަލިތަކުގެ ސަބަބުން ނަފްސާނީ ގޮތުން މީހާ އަށް އެކަމުގެ އަސަރު ފޯރާތީ އެވެ.

(27) ޖިންސީގުޅުން މާގިނައިން ހިންގުމަކީ ޖިންސީ ބަލިކަށިކަން ދިމާވެދާނެ ކަމެއްތަ؟

މާގިނައިން ޖިމާޢުވުން ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖިންސީ ބަލިކަށިކަން ކުރިމަތިވެދާނެ އެކޭ ނުބުނެވޭނެއެވެ. އެއީ ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވަނީ ޖިސްމާނީ ނުވަތަ ނަފްސާނީ ކަމެއްގެ ސަބަބުން ކަމަށްވާތީ އެވެ. އެކަމަކު ހަގީގަތުގައި ޖިމާއުވުން ގިނަވުމަކީ ފިރިހެނާގެ ހަށިގަނޑު ނިކަމެތިވެ ބަލިކަށި ކޮށްލާ ކަމެކެވެ. އެއާއި ގުޅިގެން ހަށިގަނޑުގެ ބާރު ދަށްވެގެން ދެއެވެ.

(28) ޖިމާއުވުމަށް(ދެމަފިރިކަމުގެ ގުޅުން ހިންގުމަށް) އެކަށޭނަ މިންވަރަކީ ކޮބާ ؟

ޖިމާއުވުމުގެ ބޭނުމަކީ ދެފަރާތަށްމެ ހަމަހަމައަށް ޖިންސީ އުފާ ހާސިލް ކުރުމެވެ. ހަމައެކަނި ފިރިހެނާއަށް ޖިންސީ އުފާ ހާސިލްވެ ނިމޭހިނދު އެކަން ނިމުމަކަށް ގެނައުމެއް ނޫނެވެ. ޖިމާއުވުމަށް ވަކި އަދަދެއް އެހެން ކަނޑައެޅިފައެއް ނުވެއެވެ. އާންމުގޮތެއްގައި 2 ނުވަތަ 3 ފަހަރު ހަފްތާއެއްގެ ތެރޭގައި ޖިމާއުވުމަކީ އެންމެ އެކަށޭނަ މިންވަރު ކަމުގައި ވަރަށް ގިނަ ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

(29) ބަނގުއާވި ބޭނުންކުރުމަކީ ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވާ ކަމެއްތަ؟

ދިރާސާތަކުން ދައްކާގޮތުގައި ބަނގުއާވި ބޭނުންކުރާ މީހުންގެ 50އިންސައްތަ އަކީ ޖިންސީ ނުކުޅެދުން ތެރިކަމާއި، ޖިންސީގުވަނުގައި ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.

(30) މޭގަނޑު(ލިވަރ) ގައި ފައިބަރަސް ޓިޝޫ އުފެދުމަކީ ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވާ ކަމެއްތަ؟

މޭގަނޑު އަދާކުރާ ވަޒީފާތަކުގެ ތެރޭގައި ހަށިގަނޑުގައި އެސްޓްރޯޖަން ހޯރމޯން ( އަންހެނާގެ ޖިންސީ ހޯރމޯން)އެކުލެވޭ މިންވަރު ވަކިވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. ފިރިހެނާގެ ހަށިގަނޑުގައި މިނިސްބަތް އުޅޭނީ ވަރަށް ކުޑަކޮށެވެ. މޭގަނޑުގައި ފައިބަރަސް ޓިޝޫ އުފެދި ހަލާކުވާ ހިނދު އޭގެ ވަޒީފާތަކަށް ބަދަލު އައުމުން، މިބުނި ހޯރމޯން ގެ މިންވަރު ހަށިގަނޑުގައި މަތިވެގެން ދެއެވެ. އަދި ފިރިހެން ހޯރމޯންގެ މިންވަރަށްވުރެ އަންހެން ހޯރމޯން އެކުލެވޭ މިންވަރު މަތިވުމުން އަންހެން ވަންތަ ސިފަތައް ފިރިހެނާގެ ހަށިގަނޑުން ފާޅުވާން ފަށައެވެ. މިސާލަކަށް ޖިންސީ ބާރު ކުޑަވުން، އަދި އުރަމަތި ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

(31) ގުރުދާ ފޭލްވުމަކީ ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވާ ކަމެއްތަ ؟

ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ ގިނަބަޔަކަށް ޖިންސީ ބާރު ކުޑަވުން ދިމާވާ ސަބަބުތަކެއްވެއެވެ. އެއީ

* ފިރިހެން ހޯރމޯން މަދުވުމުން ޖިންސީ އެދުންވެރިކަން ކުޑަކޮށްދެއެވެ.

* ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ މީހާއަކީ ހަކުރުބަލި ޖެހިފައިވާ މީހަކަށް ވާނަމަ ހަކުރު ބަލީގެ ސަބަބުން ޖިންސީ ނުކުޅެދުންތެރިކަން ދިމާވުމަކީ ވެދާނެ ގޮތެކެވެ.

* ގުރުދާ ފޭލްވުމުން ލޭހޮޅިތައް ހަރުވާގޮތް ވެއްޖެނަމަ އެކަމުގެ ސަބަބުން ޖިންސީ ގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅި ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތި ކުރުވައެވެ.

* ގުރުދާ ފޭލްވުމުން ލޭގެ ޕްރެޝަރ މައްޗަށް ދާގޮތް ވެއްޖެ ނަމަ އެކަމަށް ބޭނުންކުރާ ބޭހުގެ ސަބަބުން ވެސް ޖިންސީ ނުކުޅެދުންތެރިކަން މެދުވެރިކުރުވައެވެ.

* ގުރުދާ ފޭލްވުމަކީ ނަފްސާނީ ގޮތުން މީހާ އަށް އެކަމުގެ އަސަރު ފޯރާ ކަމެކެވެ. ޚާއްޞަކޮށް ޑައިލެސީސް ހަދަން ޖެހޭމީހުންނަށް ނަފްސާނީ ގޮތުން އަސަރު ކުރާމިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ.

(32) ގުރުދާ ފޭލްވެފައިވާ މީހަކަށް ގެއްލިފައިވާ ޖިންސީ ބާރު އަބުރާ ލިއްބައިދޭނޭ ގޮތަކީ ކޮބާ؟

ނުރައްކާތެރި ދަރަޖައަކަށް ގުރުދާގެ ވަޒީފާތައް ފުރިހަމަކުރުން ދަށްވެފައިވާނަމަ އާ ގުރުދާއެއް ހަށިގަނޑުގައި އިންދައިގެން މެނުވީ ގެއްލިފައިވާ ޖިންސީ ބާރު އަބުރާ ހޯދުމަކީ ވާނޭ ކަމެއްނޫނެވެ. މިއޮޕަރޭޝަން ކުރުމުން ޖިންސީ ބާރު ބަރާބަރަށް އަބުރާ ލިއްބައިދޭކަމަށް ވަނީ ސާބިތުވެފައެވެ. ނަމަވެސް ދަރިމައިވުމުގެ ގާބިލިއްޔަތު އަބުރާ ލިއްބައެއް ނުދެއެވެ. އެއީ އިންދުނު ގުރުދާއާއި ހަށިގަނޑު އިންކާރުކޮށްދާނެތީ އެކަމާއި ދެކޮޅަށް ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ދެވޭ ބޭސްތަކުގެ ސަބަބުން ދަރިފަންޏަށް އޭގެ އަސަރު ކޮށް ދަރިން ނުލިބުން ކުރިމަތި ވުމަކީ ވެދާނެ ގޮތަކަށް ވާތީ އެވެ.

(33) ތިމާގެ އަނބިމީހާ އާއި އެކުއެކީގައި ކުންނަށް ވާސިލް ނުވުމަކީ ޖިންސީ ގޮތުން ބަލިކަށި ވެފައިވުން ކަމަށް ބެލެވިދާނެތަ؟

އެއީ ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވުން ކަމަކަށް ނުބެލެވޭނެ އެވެ. އެއީ ތަބީއީގޮތެއްގައި އަންހެނުންނަށް ވުރެ ކުރިން ފިރިހެނުން ކުންނާއި ހަމައަށް ފޯރާގޮތް ވެއެވެ. ނަމަވެސް ފިރިހެނާ އަށް އެދެވިގެންވަނީ ކޮންމެވެސް ގޮތަކުން މަނިބޭރުކޮށް ލުން ލަސްކޮށްލުމެވެ. އެއީ ޖިންސީގުޅުން ހިންގުން ކުޑައިރުކޮޅަކަށް މެދުކަނޑާލައިގެން ފަދަ ކަމަކުން ވިޔަސް ދެމަފިރިން އެއްކޮށް ޖިންސީ އެދުންވެރިކަމުގެ ލައްޒަތާއި ހަމައަށް ވާސިލްވުމަށްޓަކައެވެ.

(34) އުރަވަޅީގެ ލޭހޮޅިތައް ބޮޑުވެ، ގުދުވުމާއި ޖިންސީ ބަލިކަށިކަން ކުރިމަތިވުމާއި ގުޅުމެއްވޭތަ؟

އުރަވަޅީގެ ލޭހޮޅިތައް ބޮޑުވެ، ގުދުވުމަކީ ދަރިފަނީގެ ދިރިހުރުމާއި އޭގެ އަދަދަށް ބަދަލުގެނުވާ ކަމެކެވެ. އެހެން ކަމުން މިމައްސަލަ ކުރިމަތިވެއްޖެ ނަމަ ދަރިން ލިބުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އެކަމަކު އޭގެ ސަބަބުން ޖިންސީ ބަލިކަށިކަން މެދުވެރި އެއް ނުވާނެ އެވެ. މިހާލަތުގައި ދަރިން ލިބުމަށް ހުރަސްތަކާއި ކުރިމަތިވާ ހެން ހީވާނަމަ އޮޕަރޭޝަން ކޮށްގެން މިކަން ރަގަޅުކުރުމަކީ އެދެވިގެންވާ ކަމެކެވެ.

(35) ޖިންސީ ގުނަވަނުގެ ދިގުމިނާއި ޖިންސީ ފުދުންތެރިކަމާއި ގުޅުމެއްވޭތަ ؟

ޖިންސީ ގުނަވަނުގެ ދިގުމިނަކީ ޖިންސީ ފުދުންތެރިކަން ކަނޑައަޅައިދޭ މިންގަނޑެއް ނޫނެވެ. ހަމަމިހެން އޭގެ ދިގުމިނަކީ އަނބިމީހާ އަށް ލައްޒަތު ހޯދައިދިނުމުގައި މާމުހިއްމު ދައުރެއް އަދާކުރާ ކަމެއް ވެސް ނޫނެވެ. އެއީ އަންހެނާ ލިއްބައިދޭ ލައްޒަތު ގެ އިހްސާސް ބިނާވެފައި އޮންނަނީ ބޭރަށް ފެންނަ ހުންނަ ގުނަވަންތައް (ބައިތައް) ތަކުގެ މައްޗަށް ކަމަށް ވާތީ އެވެ. އެއީ މިސާލަކަށް ކުޅަނދިލި، އަންހެނާގެ ޖިންސީ ގުނަވަނުގެ ދެފަރާތުންވާ ދެތުންފަތް، އަދި ދޮންދިނުމާއި، ދެމީހުންގެ ދެމެދުގައި ބީހޭ ބީހުން ފަދަ ކަންތައްތަކެވެ.

(36) ޖިންސީ ގުނަވަން ލެބިފަހުރުމާއި ޖިންސީ ފުދުންތެރިކަމާއި ގުޅުމެއްވޭތަ؟

ޖިންސީ ގުނަވަން ތަބީއީ ގޮތެއްގައި ހުންނަނީ ކޮންމެވެސް ވަރަކަށް ލެބިފައެވެ. ވަރުޖެހިފައި ހުންނައިރު ފުރިހަމައަށް ސީދަލަށް ހުންނަ ޖިންސީ ގުނަވަނެއް ނުވެއެވެ. ވަރަށް ބޮޑަށް ޖިންސީ ގުނަވަން ލެބިފައި ހުރެގެން މެނުވީ އެކަމުގެ ސަބަބުން ޖިންސީ ފުދުންތެރިކަމެއް އަސަރެއް ނުކުރާނެއެވެ. މިބުނި ގޮތަށް މާބޮޑަށް ލެބިފައި ހުރުމުން ޖިންސީ ގުނަވަން ދެމި ވަރުޖެހޭ ހިނދު ތަދު އިހްސާސްވެ، ޖިންސީ ގުޅުން ހިންގުމުގައި ވޭން ލިބޭގޮތް ވެއެވެ. މިކަން ރަގަޅު ކުރުމަށް އޮޕަރޭޝަން ކުރަން ޖެހެއެވެ.

(37) ޒުވާން އުމުރުގައި އިސްތިމްނާއު ކުރުމަކީ ކައިވެންޏަށް ފަހު ޖިންސީ ބަލިކަށިކަން ކުރިމަތިކޮށް ދާނެ ކަމެއްތަ ؟

އިސްތިމްނާއު ކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުން ލިބޭ ގެއްލުމަށްވުރެ ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑެވެ. އެއީ އިސްތިމްނާއު ކުރާ ކޮންމެ ފަހަރަކު އެކަންކުރެވުނީ ތީ އަމިއްލަ ނަފްސަށް ދެރަވެ، ފާފަ ކުރެވުނު ކަމުގެ އިހްސާސް ކުރެވޭތީ އެވެ. އަދި މުޖުތަމައުން އެކަހެރިވެ، ކައިވެންޏަށް ފަހު އޭނާގެ ޖިންސީ ކުޅަދާނަ ކަމާއި މެދު ޝައްކު އުފެދޭ ގޮތްވެއެވެ. ނުރައްކާތެރި ބައްޔެއް، ނުވަތަ ދަރިން ލިބުމުން މަހްރޫމް ވެދާނެތީ އެކަމާއި ވިސްނޭގޮތް ވެއެވެ.

މިބުނި ހުރިހާ ވަހްމްތަކާއި ފިކުރުތަކުގެ ސަބަބުން ބައެއް ޒުވާނުންނަށް ކައިވެންޏަށް ފަހު އެމީހުންގެ ޖިންސީ ފުދުންތެރިކަން ތަބީއީ ގޮތެއްގައި ހުންނަށް ޖެހޭ މިންވަރަށް ވުރެ ކުޑަވެގެން ދެއެވެ. މާގިނައިން އިސްތިމްނާއު ކުރުމަކީ ބަލިކަށިކަމާއި، ވަޅޯކަން ނުވަތަ މޯޅިކަން ހަށިގަނޑަށް ގެނެސްދޭ ކަމެކެވެ. ނަމަވެސް ސީދާ އިސްތިމްނާއު ކުރުމުގެ ސަބަބުން ދަރިން ލިބުމާއި، ޖިންސީ ގުޅުން ހިންގުމުގައި ނުކުޅެދުންތެރިކަން ކުރިމަތިވާ ގޮތެއް ނުވެއެވެ.

(38) ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ސަބަބުން ދަރިންލިބުމާއި، ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ކުރޭތަ؟

ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ސަބަބުން ދަރިންލިބުމާއި، ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ކުރެއެވެ. ނުރައްކާތެރި ދަރަޖައަކަށް ނުވަތަ މާގިނައިން ޖިންސީ ގުޅުމުން އަރާ ބަލިތައް ޖެހުމަކީ ދާއިމީކޮށް ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ކުރިމަތި ކުރުވާ ކަމެކެވެ. މި ގްލޭންޑް އިން ދަރިފަނި އޭގެ ތެރޭގައި ފީނައި، އެއިން ކާނާ ހޯދާ ދިޔައެއް ބޭރުކުރެއެވެ. މިބުނި ދިޔައަކީ ދަރިފަނީގެ ދިރިހުރުމަށާއި އޭގެ ހަރަކާތްކުރުމަށް ބޭނުންތެރި އެއްޗެކެވެ.

ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެފައި ވާނަމަ މިބުނި ދިޔައިގައި ދޮސް އުފެދި، ދަރިފަނީގެ ހަރަކާތްކުރުމުގެ ބާރު ގެއްލިގެންދާ ގޮތްވެއެވެ. އަދި އޭގެ ދިރިހުރުމުގެ ނިސްބަތް ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ލިބުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި ބައެއްފަހަރު ދަރިން ލިބުމުން މަހްރޫމްވުން ފަދަ ކަމެއް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަދަ ބައްޔެއް ޖެހިފައިވާ ނަމަ އެބައްޔެއް ތިމާގެ އަނބިމީހާއަށް ވާސިލްވުމަކީ ވެދާނެ ގޮތެކެވެ. އަދި ބައެއް ފަހަރު ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް އޭގެ އަސަރު ފޯރާގޮތް ވެއެވެ. އެހެން ކަމުން ޣައިރު ގާނޫނީ ޖިންސީ ގުޅުންތަކުން ދުރުހެލިވެ ހުރުމަކީ ތިމާގެ ހަށިގަނޑަށާއި ތިމާގެ އާއިލާއަށް ލިބިދޭނެ ރައްކަލަކަށް ވާނެއެވެ.

(39) ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖިންސީ ބަލިކަށިކަން ކުރިމަތިކުރުވަނީ ކިހިނެއް؟

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ 50އިންސައްތަ އަކީ ޖިންސީ ނުކުޅެދުން ތެރިކަމާއި، ޖިންސީ ގުވަނުގައި ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.އެފަދަ މީހުންގެ ޖިންސީ އެދުންވެރިކަން ވެސް ކުޑަވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ބެލެވިފައިވަނީ މުޅިހަށިގަނޑަށް ގެއްލުންދޭ އާފަތެއް ކަމުގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ކާބަން މޮނޮކްސައިޑްގެ ސަބަބުން ލޭ ހޮޅިތަކުގައި ލޭދައުރުވުން ހުރަސްއެޅި، ލޭހޮޅިތައް ހަރުވެ، ގަނޑުވާގޮތް ވެއެވެ. މިގޮތުން ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅި ހަރުވެއްޖެ ނަމަ އެއަށް ލޭ ވާސިލްވުން ކުޑަވެ، ޖިންސީ ގުނަވަން ސީދާވެ، ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތި ވެއެވެ.

(40) އަހަރެންގެ ޒުވާން ދުވަސްވަރު ދުވާލަކު އެއްފަހަރަށްވުރެ ގިނަ ފަހަރު އަނބިމީހާ އާއެކު ޖިމާއު ކުރެވެއެވެ. ނަމަވެސް 40އަހަރަށް އެޅިފަހުން ޖިންސީ ހީވާގިކަން ކުޑަކަން ފާހަގަ ކުރެވެއެވެ. މިއީ ޖިންސީ ބަލިކަށިކަން ކުރިމަތިވެފައި ވުން ކަމުގައި ބެލެވިދާނެތަ؟

އުމުރުން 40އަހަރަށް އެޅުމަށްފަހު ޖިންސީ ހީވާގިކަން ކުޑަވުމަކީ ޖިންސީ ބަލިކަށިވުމެއް ނޫނެވެ. ތަބީއީ ގޮތެއްގައި ވެސް ފިރިހެނާގެ ޖިންސީ ހަޔާތް އެންމެ ފުރިހަމަވާނީ ދެވަނަ ޑިކޭޑް( ކޮންމެ 10އަހަރެއް) ގެ ތެރޭގައެވެ. ޚާއްޞަކޮށް އުމުރުން 18ވުމަށް ފަހުގައެވެ. މިމުއްދަތުގެ ތެރޭގައި ދުވާލަކު 8 ފަހަރަށްވުރެ ގިނަ ފަހަރު ޖިންސީގުޅުން ހިންގުމުގައި އޭގެ ކުންނާއި ހަމައަށް ވާސިލްވުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. ނަމަވެސް 4ވަނަ ޑިކޭޑް ފެށުމުން ފުރިހަމަ ގޮތެއްގައި ކުންނާއި ހަމައަށް ވާސިލްވެވޭނީ މަދު ފަހަރަކު އެވެ.

(41) ޖިންސީ ބަލިކަށިކަން ދަރިން ނުލިބުމާއި އެކުއެކީގައި ހެން ކުރިމަތިވެދާނެތަ؟

މިއީ ވަރަށް މަދުން ނޫނީ ދިމާނުވާނެ ކަމެކެވެ. އެހެނީ ޖިންސީ ކުޅަދާނަކަން ގުޅިފައިވަނީ ޖިންސީ ގުނަވަނާއި ގުޅިފައިވާ ނާރުތަކާއި ލޭހޮޅިތައް ސަލާމަތުން ހުރުމާއި، ފިރިހެން ޖިންސީ ހޯރމޯން ހަށިގަނޑުގައި އެކުލެވޭ މިންވަރެއްގެ މައްޗަށެވެ. އެކަމަކު ދަރިން ލިބުން ގުޅިފައިވަނީ އުރަވަޅިން ސަލާމަތުން ހުރި ފުރިހަމަ ދަރިފަނި އުފައްދާ މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން ފިރިހެނަކު ޖިންސީ ގުޅުންހިންގުމުގައި ކިތަންމެ ފުރިހަމަ ވީ ކަމުގައި ވި ނަމަވެސް އޭނާ އަށް ދަރިން ނުލިބިދާނެއެވެ. އަދި އޭނާއަށް ދަރިން ލިބުމުގެ ކުޅަދާނަ ކަން ލިބިފައިވާ ނަމަވެސް އޭނާއަކީ ޖިންސީ ގޮތުން ބަލިކަށި މީހަކަށް ވެދާނެއެވެ.

(42) ޖިންސީ ގުޅުން ނުހިންގުން ( ޖިންސީ ގުނަވަނުގެ ބޭނުން ނުކުރުން) މިއީ ޖިންސީ ބަލިކަށިކަން ކުރިމަތިކޮށްފާނެ ކަމެއްތަ ؟

ޖިންސީ ގުޅުން ނުހިންގުމަކީ ޖިންސީ ބަލިކަށިކަން މެދުވެރިވާ ކަމެއްނޫނެވެ. ޖިންސީ ގުޅުން ނުހިންގި ނަމަ ވެސް އަހަރެމެންނަށް ނޭގި ވެސް ޖިންސީގުނަވަން މަސައްކަތް ކުރެއެވެ. ހެދުނުގަޑީގައި ޖިންސީ ގުނަވަނުގައި ވަރުޖެހުމުގެ އިތުރުން ނިދާފައި އޮންނަ އިރު އެތައްފަހަރަކު ގުނަވަނުގައި ވަރުޖެހިގެންދެއެވެ. މީގެ އިތުރުން ބައެއް ފަހަރު ހުވަފެން ފެނި އިހްތިލާމް ވެސް ވެއެވެ.

(43) ފިރިމީހާއަށް ދިމާވެފައިވާ ޖިންސީ ބަލިކަށިކަން ނައްތާލުމަށް އަނބިމީހާ އަށް ކޮންދެވިދާނެ ކަމަކީ ކޮބާ؟

އަބަދު އެއްގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގުމުގެ ބަދަލުގައި ތަފާތު ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިރިއުޅުމުގައި ހުންނަ ބައެއް ކަންތައްތަކަށް ބަދަލު ގެނައުމަކީ ޖިންސީ ހަޔާތަށް ބައެއް ފަހަރު އުފާވެރިކަން ލިއްބައިދޭ ކަމަކަށް ވެއެވެ. ފިރިމީހާ ބޭރުގައި އުޅެފައި އަންނަ އިރު އަނބިމީހާ ރީތިކޮށް ފެންވަރާލައިގެން ނަލަހެދިގެން ފިރިމީހާގެ އިންތިޒާރުގައި ހުންނަ އާދަކުރުން، ހަފްތާ އަކު ދެރެޔަކު ގޭގައި މީރު ކެއުމެއް ތައްޔާރުކޮށްލުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން ޖިންސީ ހަޔާތަށް އިތުރު އުފާވެރިކަން ލިބިދޭނޭ ކަންކަމަށް ވެގެން ދާނެއެވެ.

ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ ގިނަމީހުންނަށް އެކަން ކުރިމަތި ވުމުގައި އަބަދު އެއްގޮތަކަށް ޖިންސީ ގުޅުން ހިންގަން އާދަކުރުމުން ފޫހިކަމާއި މާޔޫސީކަން ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުންއެކަމަށް ހުންނަ ޝައުގުވެރިކަން ގެއްލި ޖިންސީ ހަޔާތުގެ އުފާވެރިކަން ބަދަލުވެ، ބަލިކަށިކަމުގެ ދަރަޖައަށް ބައެއް ފަހަރު ވާސިލްވާގޮތްވެއެވެ. އެކަމަކު އާގޮތްތަކެއް ނުވަތަ އާގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގަން ފެށުމުން ލިބޭ ޝައުގު އިތުރުވެ، އެކަންކުރުމުގައި ދެމިތިބޭގޮތް ވެއެވެ.

އަނބިމީހާ އަކީ މިގޮތުން ބަދަލުތައް ގެނައުމުގައި ބޮޑު ދައުރެއް ކުޅެވިދާނެ މީހެކެވެ. މިގޮތުން ހަށިގަނޑަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، އުޅޭ އުޅުމާއި އުސްލޫބު، ވާހަކަ ދެއްކުމުގެ ބަހުރުވައާއި، ފިރިމީހާ އާއި މުއާމަލާތް ކުރާގޮތް ބަދަލުކޮށްލުމަކީ ޖިންސީ ހަރަކާތް ހީވާގި ކުރުމުގައި އެހީތެރިވެދޭނެ ކަންކަމެވެ.

ދެމަފިރިން ގުޅިގެން އެމީހުންގެ ޖިންސީ ހަޔާތަށް އައިސްފައިވާ އުނިކަން ނުވަތަ ހީނަރުކަން ފުހެލުމަށް މަސައްކަތް ކުރެވިދާނެއެވެ. ކުރިން ބުނިހެން ޖިންސީ ގުޅުން ހިންގުމަށް ތިބޭ ގޮތް ބަދަލުކޮށްލުން، ޖިންސީ ގުޅުން ހިންގާ ވަގުތު ގޭތެރޭގެ ކަންތައްހުންނަ ނުހުންނަ ގޮތަކަށް ބަލައި ރަގަޅު ވަގުތެއްގައި އެކަންކުރުން، އަދި ކޮންމެ މީހަކުމެ އަނެކަކު ޝައުގުވެރިވާ ނުވަތަ ގަޔާވާ ގޮތަކަށް ޖިންސީ ގުޅުން ހިންގުމުގައި އަމަލު ކުރުމަކީ ޖިންސީ ބަލިކަމުން މިންޖުވުމުގައި މަންފާ ކުރުވަނިވި ކަންކަމެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ މީހުންނަށް އެމީހުން އާންމު ދިރިއުޅުން ހުންނަ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުކޮށްލުމަކީ ވެސް އެކަމުން މިންޖުވުމަށް ލިބޭ އެހީއަކަށް ވެއެވެ. މިސާލަކަށް ދެދުވަހަށް ޗުއްޓީއަކަށް އެހެން ރަށަކަށް ޖައްސާލުން ފަދަ ކަންކަމަކީ ދެފަރާތަށްމެ ޖިންސީ ހީވާގިކަން އިތުރުކޮށްދީ ޖިންސީ އެދުން ފުރިހަމަކުރުމުގައި އެހީއަކަށް ވެގެން ދެއެވެ.

(44) ޖިންސީ ގުނަވަނުގައި ވަރުޖެހުން ކުޑަވުމާއި ބޭސްބޭނުން ކުރުމާއި ގުޅުމެއްވޭތަ؟

ލޭގެ ޕްރެޝަރ ހުންނަ މީހުންނަށް ދީ އުޅޭ ގިނަބޭސްތަކުގެ ސަބަބުން ޖިންސީގުނަވަނުގައި ވަރުޖެހުމާއި، އަދި ޖިންސީ އެދުންވެރިކަން ކުޑަކުރުވައެވެ. މިގޮތުން ފާހަގަކުރެވޭ ބޭސްތަކުގެ ތެރޭގައި މީތައިލްޑޯޕާ، ރެޒަރޕީން، ކްލޮނީޑީން، ހައިޑްރަލޭޒިން، އެޓީނޯލޯން، އަދި ޕްރޯޕްރޮނަލޯލް ފަދަ ބޭސްތައް ހިމެނެއެވެ. ހަމަމިހެން ބައެއް ކަހަލަ ޑައިޔުރެޓިކްސް ގެ ސަބަބުން ވެސް ކުރިންބުނި ކަންތައްތައް ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި ތިއެޒައިޑް، ފުރެސިމައިޑް، އަދި ސްޕައިރޮނޯލެކްޓޯން ފަދަ ބޭސްތައް ހިމެނެއެވެ. ހަމަމިހެން މައިތިރިކުރުވާ ބޭސްތަކާއި ކަންބޮޑުވުން ކުޑަކުރުމަށް ދީ އުޅޭ ބޭސްތަކާއި އަދި މިނޫން ބައެއް ބޭސްތަކުގެ ސަބަބުން ވެސް މިކަން ކުރިމަތި ކުރުވައެވެ.

(45) ދަރިން ލިބުމުގެ ފުރުސަތު ކުޑަކޮށްދޭ ބޭހެއް ނުވަތަ މާއްދާއެއް ވޭތަ؟

މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ ހަޝީޝް، ބަންޖޫއާއި އަދި ބަނގުއާވި ގެ ސަބަބުން ދަރިން ލިބުމުގެ ގާބިލިއްޔަތު ކަމަށް ބަދަލު ގެނުވައެވެ. ތަފާތު ބަލިތަކަށް ދީ އުޅޭ ބޭސްތަކުގެ ސަބަބުން ވެސް ދަރިފަނި އުފެއްދުން ކުޑަކޮށްދޭ ގޮތް ވެއެވެ. މީގެތެރޭގައި ސްޕައިރޮނޯލެކްޓޯން، ފީނޯތިއޭޒިން، އަދި ކޯޓިޒޯން ފަދަ ބޭސްތައް ހިމެނެއެވެ. ކޯޓިޒޯން ބޭނުންކުރުމުން މިކަން ކުރިމަތިވަނީ މަތީޑޯޒެއް ދިގުމުއްދަތެއް ވަންދެން ބޭނުންކޮށްފި ނަމައެވެ. ހަމަމިހެން ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ފިރިހެނުން ނުވަތަ އަންހެނުންގެ ޖިންސީ ހޯރމޯން ބޭނުންކުރުމަކީ ވެސް ދަރިންލިބުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

(46) ފިރިމީހާއަށް ކުރިމަތިވެފައިވާ ޖިންސީ ބަލިކަށިކަމުގެ އަސްލަކީ އަނބިމީހާ ކަމުގައި ވެދާނެތަ؟

ވަރަށްގިނަ ހާލަތްތަކުގައި މިގޮތަށް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ތަންކޮޅެއް ޝަޚުސިއްޔަތު ދަށް ފިރިއެއް ނަމަ ބައެއް ފަހަރު އަނބިމީހާ އޭނާގެ މައްޗަށް ބާރު ހިންގައި ހަދައި އުޅޭނަމަ މިފަދަ ހާލަތްތަކުގައި އެ އަންހެނާއަށް އޭނާގެ ފިރިމީހާއަކީ ޖިންސީ ގޮތުން ބަލިކަށިވެފައިވާ މީހެއް ކަމަށް ގަބޫލުކުރެވޭގޮތް ވެއެވެ. މިހާލަތުގައި އަނބިމީހާ މަސައްކަތްކުރަނީ ޖިންސީ ގުޅުން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ދަމަހައްޓައި އޭނާ ގެ މަސްލަހަތަށް ވާގޮތަށް އެކަން ފުރިހަމަ ކުރުމަށެވެ. ބައެއް ފަހަރު އަނބިމީހާ އަކީ ނުސާފު ތާހިރު، އަދި އޭނާގެ އުޅުމާއި ސުލޫކް ގައި މާ ހަރުދަނާކަމެއް ނެތް ފަރުވާކުޑަމީހެއް ނަމަ ޖިންސީ ބަލިކަށިކަން ކުރިމަތިވުމުގެ މަސްދަރެއްކަމުގައި އޭނާވެގެން ދެއެވެ. މިފަދަ ހާލަތްތަކުގައި ކުރިމަތިވަނީ ކީ ހަގީގީ ޖިންސީ ބަލިކަށިކަމެއް ނޫނެވެ. އެއީ ބަޔާންކުރެވުނު ފަދަ ހާލަތްތަކުގައި ފިރިމީހާ ޒުވާން ލޫޅާފަތި މުރާލި އަންހެނަކާއި ކައިވެނި ކޮށްފިނަމަ ޖިންސީ ގުޅުމަކީ ހީވާގި ފުރިހަމަ ގޮތުގައި ހިންގޭ އުފާވެރި ގުޅުމަކަށް ވެގެންދެއެވެ.

(47) އުރަވަޅިއަށް ގެއްލުމެއް ލިބުމުން ޖިންސީ ބަލިކަށިކަން ކުރިމަތިކޮށްފާނެތަ؟

އުރަވަޅިއަކީ ދަރިން ލިބުމުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. އެއީ ދަރިފަނި އުފެދި ދަނީ އެތާގައި ކަމަށްވާތީ އެެވެ. އެކަމަކު އުރަވަޅިއަށް ގެއްލުން ލިބުމަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް އަސަރު ކުރުވާ ކަމެއްނޫނެވެ. މާނައަކީ އުރަވަޅިއަށް ލިބޭގެއްލުމެއްގެ ސަބަބުން ދަރިންލިބުމުގެ ގާބިލިއްޔަތު ކަމަށް އަސަރު ކުރިޔަސް އޭނާގެ ޖިންސީ ބާރަށް ނުވަތަ ކުޅަދާނަ ކަމަށް އަސަރެއް ނުކުރާނެ އެވެ. ހަމަމިހެން ސަލާމަތުން ހުރި އެންމެ އުރަވަޅިއެއް ހުރި ނަމަވެސް ދަރިންހޯދުމުގައި ފުދެއެވެ.

(48) ފިރިހެނާގެ ޖިންސީ އެދުންވެރިކަން ކުޑަވެ، ޖިންސީ ގުޅުން ހިންގުމަށް ނުކުޅެދެނީ ކޮން އުމުރެއްގައި ؟

ކަނޑައެޅިގެން ވަކި އުމުރެއް ނުވެއެވެ. ނަމަވެސް އާންމު ގޮތެއްގައި އުމުރުން ދުވަސްވުމުން މީހާގެ ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ. އެއީ އުމުރުން ދުވަސްވުމުން ހަށިގަނޑުގައި އެކުލެވޭ ފިރިހެން ޖިންސީ ހޯރމޯންގެ މިންވަރު ދަށްވާތީ އެވެ. ހަމަމިހެން އުމުރުން ދުވަސްވުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ސަބަބުން ވެސް މިހޯރމޯންގެ މިންވަރު ހަށިގަނޑުގައި ދަށްވާގޮތް ވެއެވެ. މިސާލަކަށް ލޭމައްޗަށް ދިއުން، ހަކުރުބަލި އަދި ލޭހޮޅިތައް ގަނޑުވުން ފަދަ ބަލިތަކެވެ.

މިޒަމާނުގައި އުފައްދާފައިވާ އަދަވާތްތައް ބޭނުންކޮށްގެން އުމުރުން ދުވަސްވެފައިވީ ނަމަވެސް ފިރިހެނާއަށް އޭނާގެ ޖިންސީ ކުޅަދާނަކަން ރައްކާތެރި ކަންމަތީ ދެމެހެއްޓިދާނެއެވެ. ދަރިން ލިބުމުގެ ގާބިލިއްޔަތު ވެސް ވަރަށް ދިގުމުއްދަތެއް ވަންދެން ބައެއްމީހުންނަށް ލިބިފައި ހުރެއެވެ. 80ވުރެ މައްޗަށް ދިޔަނަމަވެސް ބައެއް މީހުންނަށް ދަރިން ލިބުމުގެ ގާބިލިއްޔަތު ލިބިފައި ހުރެއެވެ.

(49) މާގިނައިން އިހްތިލާމް ވުމަކީ ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ކުރާކަމެއްތަ؟

އިހްތިލާމް ވުން ( ނިދީގައި މަނިބޭރުވުން ) މިއީ ތަބީއީގޮތުން ހަށިގަނޑުގައި އުފެދޭ ޝަހުވާނީ އެދުން ވެރިކަމަށް ނިމުންގެނައުމުގެ ގޮތުން ކުރިމަތިވާ ކަމެކެވެ. މިބުނި އެދުންވެރިކަމަށް ނިމުން ގެނައުމުގެ ގޮތުން ނިދީގައި މަނިބޭރު ވެގެންދަނީ އެވެ. އެހެން ކަމުން އިހްތިލާމްވުމާއި މެދު ބެލެވިފައިވަނީ އެއީ ޞިއްޙީ އަދި ރައްކާތެރި ކަމެއްގެ ގޮތުގައެވެ. އެއީ އެކަމުގެ ސަބަބުން ޖިންސީ ބަލިކަށިކަން ގެނެސްދޭ ކަމެއްނޫނެވެ.

(50) އަވަހަށް މަނިބޭރުވުން(އަވަހަށް ވެރުން)މިއީ ޖިންސީ ބަލިކަށިކަމުގެ ވައްތަރެއް ކަމުގައި ބެލެވިދާނެތަ؟

އަވަހަށް ވެރުމޭ ބުނެވެނީ އަންހެނާގެ ފަރުޖުގައި ބީހިލާ އިރަށް މަނިބޭރުވުމަށް ނިސްބަތްކޮށެވެ. ނުވަތަ ފަރުޖުގެ ތެރެއަށް ފިރިހެނާގެ ޖިންސީ ގުނަވަން ފޯރުވާތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި މަނިބޭރުވުމަށް ނިސްބަތް ކޮށެވެ. މިކަމުގެ ސަބަބުން ޖިންސީ އެދުންވެރިކަން ފުރިހަމަ ނުކުރެވޭގޮތް ވެއެވެ. މިކަމަކީ ޖިންސީ ބަލިކަށިކަމުގެ ވައްތަރެއް ކަމުގައެއް ނުބެލެވޭނެ އެވެ. އެއީ ގިނަ ފަހަރު މިގޮތަށް އަވަހަށް މަނިބޭރުވުން ގުޅިފައިވަނީ ކޮންމެ ވެސް ނަފްސާނީ ކަމަކާއި ކަމަށް ވާތީ އެވެ. ހަމަމިހެން އަލަށް ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ވެސް ހާސްވެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ކުރިމަތިވުމުގެ ސަބަބުން އަވަހަށް މަނިބޭރުވުން ކުރިމަތިވާ ގޮތް ވެއެވެ. އަދި ބައެއް ފަހަރު ޖިސްމާނީ ސަބަބެއް އޭގެ ފަހަތުގައި ފޮރުވިފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. މިސާލަކަށް ކުޑަކަމުދާ ހޮޅީގައި އިންފެކްޝަން އުފެދުން ނުވަތަ ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަންކަމުގެ ސަބަބުން އަވަހަށް މަނިބޭރުވުން ކުރިމަތި ކުރުވައެވެ.

އަވަހަށް މަނިބޭރުވުމުގެ މައްސަލަ ކުރިމަތިވެފައިވާނަމަ އެކަން ލަސްކުރުމަށް މަސައްކަތް ނުވަތަ ފަރިތަކުރުމަކީ ރަގަޅުކަމެކެވެ. މިގޮތުން ޖިންސީ އިހްސާސް ކުޑަކުރުމަށް ފިރިހެން ހަށީގައި އެކަމަށް ޚާއްޞަ ކްރީމެއް ނުވަތަ ތެލެއް ފަދަ އެއްޗެއް އުގުޅިދާނެއެވެ. ނުވަތަ އެކަމަށް ޚާއްޞަކޮށްގެން އުފައްދައިފައި ހުންނަ ބޭހެއް ވެސް ބޭނުން ކުރެވިދާނެއެވެ.

(51) ހަށިގަނޑުގައި ކޮލެސްޓްރޯލް އެކުލެވޭ މިންވަރާއި ޖިންސީ ކުޅެދުންތެރިކަމާއި ގުޅުމެއް ވޭތަ ؟

ކޮލެސްޓްރޯލް އިން ލިބިދޭ ފައިދާ ތަކުގެ ތެރޭގައި އަންހެނާގެ އަދި ފިރިހެނާގެ ޖިންސީ ހޯރމޯން ހަށިގަނޑުގައި އުފެއްދުމުގައި ބައިވެރިވުން ހިމެނެއެވެ. އެހެންކަމުން ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުމާއި މުޅިން ދުރުހެލިވުމަކީ ވެސް ރަގަޅު ގޮތެއްނޫނެވެ.

ނަމަވެސް މީގެ މާނައަކީ ކޮލެސްޓްރޯލް އެކުލެވޭ ކާނާ މާގިނައިން ބޭނުންކުރުމަކީ ޖިންސީ ހޯރމޯން އުފައްދާ މިންވަރު އިތުރުވާނެއެކޭ ނޫނެވެ. ނުވަތަ އެކަމުގެ ސަބަބުން ޖިންސީ ބާރު ގަދަވާނެޔެކޭ ވެސް ނޫނެވެ. ވިސްނަން ޖެހޭ ކަމަކީ ކޮލެސްޓްރޯލްގެ މިންވަރު ލޭގައި ދިގުމުއްދަތަކަށް މަތިވެފައި ހުރެއްޖެ ނަމަ ލޭހޮޅިތައް ހަރުވުން ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށެވެ. މިހެން ދިމާވެއްޖެ ނަމަ ފިރިހެން ހައްޓަށް ލޭފޮނުވާދޭ ލޭހޮޅި ހަރުވެ، އެއަށް ލޭ ވާސިލްވުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ގުނަވަނުގައި ވަރުޖެހުން ދަށްކޮށް ޖިންސީ ބަލިކަށިކަން މެދުވެރި ކުރުވައެވެ.

(52) މާބޮޑަށް ފަލަވުމާއި ޖިންސީ ބަލިކަށިކަމާއި ގުޅުމެއްވޭތަ ؟

މާބޮޑަށް ފަލަވުމަކީ ޖިންސީ ހަޔާތަށް ބުރޫ އަރުވާ އެތައް ކަމެއް ކުރިމަތި ކުރުވާ ކަމެކެވެ. މިސާލަކަށް ލޭގެ ޕްރެޝަރ މައްޗަށް ދިއުން އަދި އެއާގުޅިގެން ދީ އުޅޭ ބޭސްތަކުގެ ސަބަބުން ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅޭގޮތް ވެއެވެ. ހަކުރުބަލި ޖެހުމަށް ފަހު ގިނަ ދުވަސް ވުމުން ވެސް ޖިންސީ ނުކުޅެދުން ތެރިކަން މެދުވެރިވާ ގޮތްވެއެވެ. ހަމަމިހެން ހުޅުތަކުގައި ރިހުން ޚާއްޞަކޮށް ކަކޫ ހުޅުގައި ރިއްސުމުގެ ސަބަބުން ޖިންސީ ގުޅުން ހިންގުން ފުރިހަމަ ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

ދަށްބަނޑުގައި މާބޮޑަށް ސަރުބީ ޖަހައި ފަލަވުމަކީ ވެސް ޖިންސީ ގުޅުން ހިންގުމަށް އުދަގޫތަކާއި ކުރިމަތި ލާން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް ފިރިމީހާގެ އިތުރުން އަނބިމީހާ އަކީ ވެސް މިބީދައިން ސަރުބީ ޖަހައި ފަލަ ވެފައިވާ މީހެއްނަމަ ޖިންސީ ގުޅުން ގާއިމްކުރުމަކީ ދަތި އުދަގޫކަމަކަށް ވެއެވެ.

ދިރާސާތަކުން އެގިފައިވާ ގޮތުގައި ފަލަމީހުންގެ ތެރޭގައި ޖިންސީ އެދުންވެރިކަން ކުޑަކުރުވާ މައިގަނޑު ސަބަބަކީ މާބޮޑަށް ހަށީގަނޑުގެ ބަރުދަން އިތުރުވުމުގެ ސަބަބުން ފިރިހެނާގެ ޖިންސީ ހޯރމޯން އެކުލެވޭ މިންވަރު މަދުވުމެވެ.

(53) ހަކުރުބަލި ޖެހުމުން ޖިންސީ ބާރު ކުޑަވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

އަބަދު ވެސް ލޭގައި ހަކުރު(ގުލްކޯޒް) އެކުލެވޭ މިންވަރު ތަބީއީ އިމެއްގެ ތެރޭގައި ބެހެއްޓޭތޯ މަސައްކަތް ކުރާށެވެ. ލޭގައި ހަކުރުގެ މިންވަރު ދިގުމުއްދަތަކަށް މަތިވެފައި ހުރުމުން މީހާގެ ޖިންސީ ބާރަށް ބަދަލު ގެންނަ ކަންތައް ތައް ކުރިމަތި ކުރުވައެވެ. މިސާލަކަށް ލޭހޮޅިތައް ހަރުވުން އަދި އަތާފައިގެ ނާރުތަކުގައި އިންފްލެމޭޝަން އުފެދުމުން އައްސިވާގޮތް ވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް ޓަކައި ހަކުރު ބަލީގެ އަހުލުވެރިން ޑޮކްޓަރުން ދެއްވާ އިންސޫލިން ނުވަތަ ގުޅަ ބޭސްފަދަ ތަކެތި ބަރާބަރަށް ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން ކެއުން ވަކިގޮތަކަށް ބެހެއްޓުމާއި، ކަސްރަތު ކުރުމާއި ހަށިގަނޑުގެ ބަރުދަން ވަކިމިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ހަމަމިހެން އަބަދުވެސް ލޭގައި ހަކުރު ހުންނަމިންވަރު ބެލުމަށް އާދަކުރުމަކީ ބޭނުންތެރި ކަމެކެވެ.

(54) ބޭނުންކުރެވޭ ކާނާގެ ބާވަތްތަކާއި ޖިންސީ ބަލިކަން ކުރިމަތިވުމާއި ގުޅުމެއްވޭތަ ؟

ކާނާގައި އެނިމަލް ފެޓް ގިނައިން ބޭނުންކުރުމަކީ ޖިންސީ ބަލިކަށިކަން މެދުވެރިވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. އެއީ އެނިމަލް ފެޓްއާއި ލޭހޮޅިތައް ހަރުވުން، ފަލަވުން، އަދި ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ކަންތައްތަކާއި ގުޅިފައިވާތީ އެވެ. ހަމްބަގަރ، ޕިއްޒާ، އަދި ހޮޓް ޑޯގް ފަދަ ފާސްޓް ފުޑް ރެސްޓޯރަންޓް ތަކުން ވިއްކާ ގިނަ ބާވަތްތަކުގެ ކާނާއަކީ މައުދަންތައް މަދު އެކަމަކު އެނިމަލް ފެޓް އިން މުއްސަދިވެފައިވާ ކާނާ ގެ ބާވަތްތަކެވެ.

(55) ތިމާވެށި ނުސާފުވުމާއި ޖިންސީ ބަލިކަށިކަމާއި ގުޅުމެއް ވޭތަ ؟

ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން އެގިފައިވާ ގޮތުގައި ތިމާއުޅޭ މާހައުލުން ހަށިގަނޑަށް ހުށަހެޅޭ ނުރައްކާތަރި ކެމިކަލްމާއްދާ ތަކާއި، ޖިންސީ ބަލިކަށިކަން ކުޑަވުން އަދި ދަރިންލިބުމުގެ ފުރުސަތު ކުޑަވެގެން ދިއުމާއި ގުޅުމެއްވެއެވެ.

އެމެރިކާގެ ތިމާވެއްޓާއި ގުޅޭ މެޑިސިންގެ ޑޮކްޓަރުންތަކެއް ގުޅިގެން ހެދި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ތަކުރާރުކޮށް އަންނަނިވި މާއްދާތަކަށް ހުށަހެޅި، އެމާއްދާތަކާއި ދެކޮޅަށް ''ސެކްސުއަލް ސެންސިޓިވިޓީ''ގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ކޮންމެ 10މީހަކުން 1އަކަށް ޖިންސީ ފިނިކަން ނުވަތަ ޖިންސީ ބަލިކަށިކަން ވަނީ ކުރިމަތިވެފައެވެ. މިބުނި މާއްދާތަކުގެ ތެރޭގައި ކާނާގެ ބާވަތްތައް ގިނަދުވަހު ބެހެއްޓުމަށް އެއްކުރެވޭ މާއްދާތައް، ފަނިފަކުސަ މެރުމަށާއި، ގޭތެރެ ސާފުކުރުމަށް ބޭނުންކުރެވޭ ކެމިކަލްގެ ބާވަތްތައް، ކާރުތަކުން ބޭރުވާ ދުން، ކޮލެރިން އެއްކުރެވިފައިވާ ފެން(މިސާލަކަށް ފަތާފެންގަޑު ސާފުކުރުމަށް)، ސިގިރޭޓްގެ ދުން، އިސްތަށިގަނޑަށް ބޭނުންކުރާ ސްޕްރޭ، ބައެއް ކަހަލަ ސެންޓްގެ ބާވަތްތައް ފަދަ މާއްދާތައް ހިމެނެއެވެ.

(56) މާގިނައިން ކޮފީ ބުއިމާއި ޖިންސީ ބަލިކަށިކަމާއި ގުޅުމެއް ވޭތަ ؟

ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މާގިނައން ކޮފީ ކަޅުސައި ފަދަ ކެފެއިން އެކުލެވޭ ބާވަތްތައް ބުއިމަކީ އޭގެ ސަބަބުން ޖިންސީ ގޮށްތަކަށް ނުރަގަޅު އަސަރު ފޯރުވާ ކަމެކެވެ. މާނައަކީ އެކަމުގެ ސަބަބުން ޖިންސީ ބަލިކަށިކަން މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

އަންހެނުން ކެފެއިން މާގިނައިން ބޭނުންކުރާނަމަ ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި އައިބު ހުރުމަކީ ވެދާނެ ކަމެކެވެ. ހަމަމިހެން އުރަމަތީގައި ވައިކޮތަޅުތައް އުފެދި ދުޅަވެ، ރިއްސާގޮތް މެދުވެރިކުރުވާ ބައްޔެއް ޖެހުމުގެ ފުރުސަތު އިތުރުވެގެންދާ ކަމަށް ވެއެވެ. މީގެ އިތުރުން ދާހިއްލުން އިތުރުވުމާއި، ހިތުގެ ވިންދު ޖެހުން އަވަސްވުން އަދި މާގިނައިން ކުޑަކަމުދާން ޖެހުން ފަދަ ކަންތައްތައް ކެފެއިން ގިނައިން ބޭނުންކުރުމުން މެދުވެރި ކުރުވައެވެ.

(57) އަހަރެމެންނަށް ފުރަތަމަ ދަރިފުޅު ލިބުނު ފަހުން ޖިންސީ އެދުން ވެރިކަމުގެ ޝުއޫރު އެކަށޭނަ ވަރަކަށް އިހްސާސެއް ނުކުރެވެއެވެ. މިއީ ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވުން ކަމުގައި ބެލެވިދާނެތަ؟

މިއީ އަނބިމީހާ ވިހެއުމަށް ފަހު ބައެއް ފިރިންނަށް ކުރިމަތިވާ ވަގުތީ ޖިންސީ ފިނިކަމެކެވެ. އެއީ ތަފާތު އެކި އެކި ސަބަބު ތަކާހުރެ ދިމާވާ ކަމެކެވެ. ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

* ވިހެއުމަށް ފަހު އަދި އަނބިމީހާ އެފަދަ ގުޅުމެއް ހިންގުމަށް ތައްޔާރުވެފައި ނުވާކަން ހީވެ، ފިރިމީހާ ޖިންސީ ގުޅުން ހިންގުމަށް ބިރުގަތުން ނުވަތަ ޖެހިލުންވުން

* އަނބިމީހާ ހުރިހާ ޝައުގެއް ލިބުނު ކުޑަދަރިފުޅަށް ބެހެއްޓޭގޮތްވެ، ޖިންސީ ގުޅުން ހިންގުމަށް ދެވޭ ސަމާލު ކަން ކުޑަވުން

* ވިހެއުމަށްފަހު ރަހިމު އަބުރާ ކުރިން ހާލަތަށް ބަދަލުވުމަށް ފަހު ވެސް ބައެއް އަންހެނުންނަށް ކުރިމަތި ފަރާތުގައި ރިއްސާގޮތް މެދުވެރިވުން

މިދެންނެވި ފަދަ ސަބަބުތަކާހުރެ ބައެއް ފިރިންނަށް ޖިންސީ ފިނިކަން ދުވަސްކޮޅަކަށް ކުރިމަތިވާގޮތް ވެއެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިކަންތައްތައް ހައްލުވެ ހަމައަކަށް އެޅިދެއެވެ.

(58) ކައިވެނީގެ ކުރިން ޖިންސީ ކުޅެދުންތެރިކަން ބަރާބަރުތޯ ދެނެގަންނާނީ ކިހެނެއް؟

ހެދުނު ގަޑީގައި ޖިންސީ ގުނަވަނުގައި ވަރުޖެހުން، ނިދީގައި އިހްތިލާމްވުން އަދި މީގެ އިތުރުން ފިރިހެނާގެ ފިރިހެން ވަންތަކަމުގެ ސިފަތައް ފާޅުވާން ފެށުން ( މިސާލަކަށް ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި އިސްތަށި ފެޅުން ، ތުބުޅި މަތިމަސް ފެޅުން) އަދި ޖިންސީ ހަޔާތަށް އަސަރު ކުރުވާ ފަދަ ބައްޔެއް ޖެހިފައި ނުވާނަމަ ޖިންސީ ކުޅެދުންތެރިކަން ފުރިހަމަ ކަމުގައި ބުނެވިދާނެއެވެ.

ދަރިން ލިބުމުގެ ފުރުސަތު އޮތްނެތް މިންވަރެއް ބެލުމަށް ފިރިހެނާގެ ދަރިފަނި ނުވަތަ މަނަވީ ހައިވާން ތަހްލީލް ކުރެވެއެވެ. މިތަހުލީލުގައި ފުރިހަމައަށް މަސައްކަތް ކުރާ ދަރިފަނިތައް ހުރިކަމުގައި ވާނަމަ އެއިން ދޭހަކޮށްދެނީ ދަރިންލިބުމުގެ ކުޅެދުންތެރިކަން ބަރާބަރު ކަމެވެ.

(59) ފިރިހެން ހަށީގެ ހާލަތު އަލްޓްރާ ސޮނޮގްރަފީ ބޭނުންކޮށްގެން ދެނެގަނެވިދާނެތަ؟

އަލްޓްރާ ސޮނޮގްރަފީގެ އެހީގައި ފިރިހެންހަށިގެ ހާލަތު ހުރިގޮތް ދެނެގަނެވިދާނެއެވެ. މިގޮތަށް ބަލާއިރު ހަމުގެ ސަތަހައިން ފެށިގެން ގޮސް އެތެރޭގެ ލޭހޮޅިތަކަން ދާންދެން ބެލެއެވެ. މީގެ ބޭނުމަކީ ލޭހޮޅިތަކުގައި ޖިންސީ ގުނަވަނަށް ލޭ ވާސިލްކޮށްދިނުމަށް ހުރަސް އަޅާފަދަ އައިބެއް ހުރިތޯ ބެލުމެވެ.

(60) ޖިންސީ ބަލިކަމުގެ ފަރުވާއެއްގެ ގޮތުން ޕްރޮސްޓޭޓް މަސާޖުކުރުމަކީ ފައިދާހުރި ކަމެއްތަ ؟

ޖިންސީ ގުނަވަން ވާންވެ، ވަރުޖެހުމުގައި މަސްއޫލުވާ ނާރު އައިސްފައިވަނީ ޕްރޮސްޓޭޓް ގްލޭންޑް ގެ އެއް އަރިމައްޗަކުންނެވެ. އެހެންކަމުން ޕްރޮސްޓޭޓް މަސާޖުކުރުމުން މިބުނި ނާރު މުރާލިކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީގުނަވަނުގައި ވަރުޖެހުމުގެ ބާރު ފުރިހަމަކޮށް އިތުރުކުރުވައެވެ.

ނަމަވެސް ތަކުރާރުކޮށް މާގިނައިން ޕްރޮސްޓޭޓް މަސާޖުކުރުމުން ބައެއް ފަހަރު ކުރިން ބުނި ނާރަށް ގެއްލުން ލިބި ޖިންސީ ގުނަވަނުގައި ވަރުޖެހުމުގެ ބާރު ކުޑަވާގޮތް ވެއެވެ. އެހެންކަމުން ޖިންސީ ބަލިކަމުގެ ފަރުވާއެއްގެ ގޮތުން ޕްރޮސްޓޭޓް މަސާޖުކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ ވަރަށް ގިނަފަހަރަށް މިބުނި ނާރަށް ގެއްލުން ލިބި އެހެނިހެން އުދަގޫތަކާއި ކުރިމަތިވުމަކީ ވެދާނެގޮތަކަށް ވާތީ އެވެ.

(61) މާވަހަރު ތެޔޮ އެކުލެވޭ ބާވަތްތައް ބޭނުންކުރުމަކީ ޖިންސީގުނަވަނުގައި ވަރުޖެހުން ވަރުގަދަ ކުރާ ކަމެއް ކަމުގައި ބުނެއެވެ. މިކަމުގެ ހަގީގަތަކީ ކޮބާ؟

މާވަހަރަކީ ބައެއް ވައްތަރު ބޮޑުމަހުގެ ގޮހޮރުން ނިކުންނަ ތެޔޮއެކުލެވޭ އަޅި ކުލައިގެ އެއްޗެކެވެ. ގިނަފަހަރު މާވަހަރު ފެންނަނީ ފެންމަތީގައި ދައުރުވަމުން ދަނިކޮށެވެ. އެގިފައިވާގޮތުގައި މާވަހަރު ތެލަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުން މުރާލިކުރުމަށްޓަކައި ބޭނުންކުރެވޭ މާއްދާ އެކެވެ. ވަރުޖެހުން ވަރުގަދަ ކުރުމަށްޓަކައި ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން ފިރިހެން ހަށީގައި މާވަހަރު ތެޔޮ އުގުޅައެވެ. މިމާއްދާގެ ސަބަބުން ފިރިހެންހަށީގެ ޓިޝޫތައް ދެމި ވަރުޖެހުން ދަމަހައްޓައި ދެއެވެ.

(62) ޖިންސީގުނަވަނުން ވަރުޖެހުން ވަރުގަދަކޮށް ޖިންސީ އެދުންވެރިކަން ހީވާގިކުރުމަށް ބޭނުންކުރެވޭ ފަތްޕިލާވެލީގެ ބާވަތެއް ވޭތަ؟

އިގުރަކީ ވަރަށް ފާހަގަކުރެވޭ އެއްޗެކެވެ. އެއީ އޭގެ ސަބަބުން ލޭދައުރުވުން ހީވާގިކުރުވާތީއެވެ. ނަތީޖާއެއްގެ ގޮތުން ފިރިހެން ހައްޓަށް ލޭ ވާސިލްވުން އިތުރުވެގެން ދެއެވެ. ނަޓްމެގް ވެސް މިގޮތަށް ބޭނުންކޮށް އުޅެއެވެ. ވިސްނަންވީ ކަމަކީ މިފަދަ ތަކެތި މާގިނައިން ބޭނުން ނުކުރުމެވެ. އެއީ މާގިނައިން ބޭނުންކުރުމުން އެއަށް ހޭނި ނުރަގަޅު ނަތީޖާއެއް ނިކުތުމަކީ ވެދާނެ ގޮތަކަށްވާތީ އެވެ.

(63) ޖިންސީ ބަލިކަށިކަމުގެ ފަރުވާއެއްގެ ގޮތުން ބޭނުންކުރެވޭ ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ނުވަތަ ތަކެތި ހުރޭތަ؟

''ދާމިޔާނާ'' އަދި ''ޔޮހިމްބިން'' ކިޔާ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން ޖިންސީ އެދުންވެރިކަން ހީވާގިކޮށް ޖިންސީ ގުނަވަނުގައި ވަރުޖެހުން އިތުރުކޮށްދިނުމަށް ތަފާތު ޕްރެޕަރޭޝަންތައް ހަދާފައި ހުރެއެވެ.

(64) ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް އެހީތެރިވެދޭ އުގުޅާ ބޭސް ހުންނަ ކަމުގައި ވެއެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުގައި އެދެވިގެންވާ ގޮތަކީ ކޮބާ؟ އަދި އެކަމުގެ ސަބަބުން އަނބިމީހާއަށް އެއްވެސް ގެއްލުމެއް ލިބިދާނެތަ؟

ބައެއް ފަހަރު ޖިންސީގުނަވަނުގައި ވަރުނުޖެހެނީ ވަރުޖެހުމަށް އެކަށީގެންވާ ވަރަށް ޖިންސީ ގުނަވަނަށް ލޭ ވާސިލް ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ވަރުޖެހުމަށްޓަކައި ފިރިހެން ހަށި ދެމިގެންދަނީ މިބުނި ލޭ ވާސިލްވުމުން ކަމަށްވާތީ މިހާލަތުގައި ރަގަޅަށް ވަރުނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން ކުރިމަތިވަނީ ލޭހޮޅިތައް ހަރުވުން ފަދަ ކަމެއް މެދުވެރިވުމުންނެވެ. ހަކުރުބަލީގެ އަހުލުވެރިންގެ މެދުގައި މިކަން ކުރިމަތިވާލެއް އާންމެވެ. މިބުނި އުސޫލުން ރަގަޅަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހޭނަމަ ޖިމާއުވާން ފެށުމުގެ ކުރިން ފިރިހެންހަށީގައި ''ނައިޓްރޯގްލިސްރީން'' ކިޔާ ކްރީމެއް އުގުޅާށެވެ. މިކްރީމް އުގުޅުމުން ހަންގަޑުތެރެއިން އެތެރެއަށް ދެމި ލޭހޮޅިތައް ދެމި ފުޅާވުމަށް އެހީތެރި ވެދެއެވެ. މިމާއްދާ ބޭނުންކުރުމުން ދިމާވާ އެންމެ އާންމު ކަމަކީ ބޮލުގައި ރިއްސާގޮތް ވުމެވެ. އަނބިމީހާއަށް ވެސް ޖިމާއުވުމަށްފަހުގައި މީގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވާގޮތް ވެއެވެ. އެއީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ވެޖައިނާގެ ތެރެއިން އަންހެނާގެ ހަށިގަޑަށް މިމާއްދާ ދެމި ފެތުރިގެންދާތީ އެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ބޭސް އުގުޅުމަށް ފަހު މެޑިކަލް ހުރަސް އެއް ބޭނުންކުރެވިދާނެ އެވެ.

(65) ޖިންސީ އެދުންވެރިކަން ހީވާގިކޮށް ފިރިހެން ހަށީގައި ވަރުޖެހުން ގަދަކުރާ ތަފާތު ބާވަތްބާވަތު އުގުޅާ ބޭހާއި ކްރީމް ފާމަސީ ތަކުގައި ހުރެއެވެ. މިފަދަ ތަކެތި ބޭނުންކުރުމަށް ވަކިމުއްދަތެއް ވޭހެއްޔެވެ؟ އަދި އެ ބޭނުންކުރުމުން އެއްވެސް ނުރައްކަލެއް ކުރިމަތި ވެދާނެތޯއެވެ؟

ޖިންސީ ބަލިކަށިކަން ހުރިތޯ ކަނޑައަޅާނީ އެކަމުގެ ޚާއްޞަ ޑޮކްޓަރެއްގެ އެހީގައެވެ. އަދި މިކަމަށް ފަރުވާ ކުރެވެނީ ވަކި ޚާއްޞަ ބޭސްތަކެއްގެ އެހީގައެވެ. އެހެންކަމުން އެއްވެސް ހާލެއްގައި ގޮތްނޭގޭ ކްރީމެއް ނުވަތަ އުގުޅާބޭހެއް ވެސް ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.

އަދި މިފަދަ ބޭސްތައް ބޭނުންކުރާ އިރު ވިސްނަންޖެހޭ އަނެއްކަމަކީ އޭގެ ސަބަބުން ޖިންސީގުނަވަނުގެ ހަންގަޑަށް ހީނުކުރާ ފަދަ ގެއްލުމެއް ވެސް ލިބިދާނެ ކަމެވެ. ހަމަ މިހެން ޖިންސީ ބާރު ގަދަ ކުރުމަށް ފަތްޕިލާ ވެލި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ވެސް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

(66) އަލަށް ކައިވެނިކުރާ މީހަކު ޖިންސީ ހީވާގިކަން އިތުރުކުރުމަށް ވިއަގްރާ ބޭނުންކުރުމަކީ ރަގަޅު ކަމެއްތަ؟

ވިއަގްރާ ބޭނުންކޮށްއުޅެނީ ރަގަޅަށް ވަރުނުޖެހުން ތަކުރާރުކޮށް ދިމާވުން، ނުވަތަ ވަރުޖެހުމަށްފަހު ޖިންސީ ގުޅުން ހިންގައި ނިމެންދެން ދެމިހުންނަގޮތް ނުވާނަމައެވެ. އެހެންކަމުން ތަބީއީގޮތެއްގައި ރަގަޅަށް ވަރުޖެހޭ ނަމަ ޖިންސީ ބާރު ގަދަކުރުމުގެ ބޭނުގައި ވިއަގްރާ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ހަމަމިހެން މިފަދަ ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ.

(67) ޖިންސީ ގުނަވަނުގައި ވަރުޖެއްސުމަށް އިންޖެކްޝަން ބޭނުންކުރުމުން ދިމާވެދާނެ ނުރައްކަލަކީ ކޮބާ؟

ޖިންސީ ބަލިކަމުގެ ފަރުވާއެއްގެ ގޮތުގައި ޖިންސީގުނަވަނަށް އިންޖެކްޝަނެއްގެ ސިފައިގައި މާއްދާއެއް ފޯރުކުރެވެއެވެ. މިމާއްދާގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭ ވާސިލްވުން އިތުރުވެ، ޖިންސީ ގުނަވަނުގައި ވަރުޖެހުން މެދުވެރިކުރުވައެވެ. ޖިންސީ ބަލިކަމުގެ ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ އެހެން ކަންތައްތަކާއި ޚިލާފަށް މިއުސްލޫބު ބޭނުންކުރެވޭލެއް ފަސޭހަ ނަމަވެސް ނުރަގަޅުގޮތުގައި މިކަން ކޮށްފިނަމަ ނޭދެވޭ އަސަރެއް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.

އިންޖެކްޝަން ޖަހަން ޖެހޭ މިންވަރަށްވުރެ އިތުރު ޑޯޒެއް ބޭނުންކޮށްފިނަމަ ދިގުމުއްދަތަކަށް ވަރުޖެހިފައި ހުރުން މެދުވެރިވާގޮތް ވެއެވެ. އަދި ވެރުޖެހުން އެތައްގަޑިއިރަކަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް އެތައް ގަޑިއިރަކަށް ވަރުޖެހުން ދެމިގެންދާ ގޮތް ވެއްޖެ ނަމަ ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅީގައި ''ގަނޑުލޭކޮޅެއް'' އުފެދި، ޖިންސީ ގުނަވަނުގެ ޓިޝޫތަކުގައި ފައިބަރަސް ޓިޝޫ އުފެދޭ ގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީގުނަވަނުގައި ވަރުޖެހުން މެދުވެރި ނުވާގޮތް ވެއެވެ. މީގެ އިތުރުން ބޭނުންކުރެވޭ އިންޖެކްޝަން ކަށި އެހެން އެއްޗަކާއި ތަޣައްޔަރުވެފައި ވުމުގެ ސަބަބުން އިންފެކްޝަން އުފެދުން، ލޭހޮޅިތައް ހަރުވުން، ޖިންސީ ގުނަވަނަން އެއްއަރިއަކަށް ލެބޭގޮތް ވުން ނުވަތަ އިންޖެކްޝަން ޖެހިތާގައި ފާރުކޮޅެއް އުފެދޭގޮތްވުން، ނުވަތަ ރިއްސުން ފަދަ ކަންތައްތައް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.

(68) ފިރިހެން ހަށީގައި ބޮޑު ސްޕޮޓެއް އިނުން އެއީ މައްސަލަ އެއްތަ ؟

ފިރިހެންހަށީގެ ދަނޑީގެ ހަންގަނޑުގައި ތެޔޮ ބޭރުކުރާ ކުދި ގްލޭންޑްތަކެއް ހުރެއެވެ. މިގްލޭންޑްތަކުން ބައެއް ފަހަރު ތެޔޮބޭރުކުރާ މިންވަރު އިތުރުވެ، ފޮޅެއްގެ ސިފަޔަށް އެއްޗެއް ފިރިހެންހަށީގައި ފާޅުވެދާނެ އެވެ. ރީދޫ މަޑު ޗީޒްކޮޅެއް ހެން އިންނަ މިފަދަ ފޮޅު ފަދަ ތަކެއްޗަށް ފިތައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތުން އުފެދޭ ތެޔޮ ބިހި ނުވަތަ ފޮޅުތައް އަމިއްލަ އަށް ހުރެ ރަގަޅުވެދެއެވެ. ފޮޅު މާބޮޑަށް އޭގެ ސައިޒުން ބޮޑު ނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ސަބަބުން މިފަދަ ފޮޅުތައް ބައެއް ފަހަރު އުފެދޭ ގޮތް ވާތީ އެވެ.

މަސްދަރު: ހަވާސާ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަންޓޫ ދެލަކިޗޯ

    ސާބަހޭ ވަގުތު ވަރެއް ނެތް

    18
  2. ބަފާ

    މިކަހަލަ ޢިލްމީ އަދި މައުލޫމާތު މުއްސަދި ލިއުންތަކަށްވުރެ ސިޔާސީ ލިއުންތަށް ކިޔާމީހުންނާއި ކޮމެންޓްކުރާމީހުން ގިނަ!

    19
    1
  3. ހުދުބޯ

    މިލިއުމަށް ހެކިދޭ އެއްވެސް އާޔަތެއް ހަދީސެއްވޭތަ؟ މީހައްތާ މުސްލިމުންގެ އަގީދާ ބަލިކަށި ކުރަން ލިޔާވާހަކަތަކެއް. އަހަރެމެންގެ ޖިންސީ ބަލިކަށްޓެއް ނުވާނެ ތިޔަ ގޮތަކަށް.

    5
    23
  4. ޛިމް

    Massdharު ކަވާސާ

  5. އަންހެންކުއްޖާ

    ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ! ވަރަށް ފުރިހަމަ! މީގެ އަންހެނުންނާ ގުޅޭ ކަހަލަ ލިޔުމެއް ގެނެސް ދިނުން ވަރަށް ބޮޑަށް އެދެން!

    32
  6. Anonymous

    ލިޔުން ވަރަށް ފުރިހަމަ. ނަމަވެސް މި ކިޔާނީ ކޮން ބައެއް ބާ.
    މިހާރު މި ބުނާ ކުޑަކުދިންބާ

    11
  7. ޢޢ

    ވވ.ރަގަޅު މައުލޫމާތު.ޝުުކުރިއްޔާ

    11
    2
  8. ޖފހގދ

    މަޢުލޫމަތު މުއްސަނދި ލިޔުމެއް. މީގެ އަންހެނުންގެ ޖިންސިީ އެދުންވެރިކަމާ ބެހޭ ހުރިހާ މަޢުލުމާތު ހިމެނޭ ލިޔުމެއް ގެނެސްދެއްވާ

  9. ޛސކަ

    ފިރިހެނުން ނަކީ އެހެން ނޫނަސް ބަލިކަށި ބައެއް