އަހަރެމެންގެ މައިންބަފައިން ނުވަތަ އާއިލާގެ އެނޫންވެސް ލޯބިވާ މީހަކު މަރުވާކަށް އެކަކުވެސް ނޭދޭނެއެވެ. އެހެން ނަމަވެސް، މަރަކީ ކޮންމެ މީހަކާއިވެސް ކުރިމަތިލާނެ އެއްޗެއް ކަމުން އެމީހުން ވަޅު ލުމަކީ ދިރިތިބި މީހުންގެ މައްޗައް އޮތް ވާޖިބެކެވެ. ކޮންމެއަކަސް، ޔޫކްރެއިންގެ އަންހެނަކު މިވަނީ ވަރަށް އާދަޔާ ޙިލާފަށް ކަންތައް ކޮށްފައެވެ.

މީގެ 30 އަހަރު ކުރިން ޔޫކްރެއިންގެ އަންހެނެއްގެ މަންމަ މަރުވުމުން އޭނާ ވަނީ މަންމަގެ ހަށިގަނޑު ވަޅުލުމުގެ ބަދަލުގައި ކުނި ނުވާ ގޮތަށް ހަދައި ގޭތެރޭގައި ބާއްވާފައެވެ.

އުމުރުން 77 އަހަރުގެ މި އަންހެން މީހާ އޭނާގެ މަންމަގެ ހަށިގަނޑު އެގޭގެ ތެރޭގައި ބާއްވައިގެން އުޅޭތާ 30 އަހަރަށް ވުރެންވެސް ގިނަވެފައި ވާކަމަށް ބެލެވޭ އިރުގައި، މީގެ ކުރިން މިކަން އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.

ނަމަވެސް، ކަން ދިމާ ކުރިގޮތުން އެ ހިސާބު ގަނޑުގައި އުޅޭ މީހަކަށް މިވަނީ ދާދި ފަހުން މިކަން ފަޅާ އަރާފައެވެ. އެއާއި އެކު ފުލުހުންނާއި ކަމާއި ބެހޭ ފަރާތްތަކުން ވަނީ އެގޭ ތެރެއަށް ވަދެ އެ ހަށިގަނޑު އެތަނުން ބޭރު ކުރުމަށް ފަހުގައި ވަޅު ލާފައެވެ.

އެ އަންހެން މީހާގެ މަންމަގެ ހަށިގަނޑު ބާއްވާފައި އޮތީ ގޭގެ އެނދެއްގެ މަތީގައި ކަމުގައި ވާއިރު، މިކަން އެ ހިސާބު ގަނޑުގެ އަވަށްޓެރިންނަށް އެނގުނީ އެގޭގެ އަންހެން މީހާ ބޭރަށް ނުނިކުންނާތީ ހަބަރެއް ނުވެގެން ގޮސް އެގޭތެރެ ބެލި އިރުގައެވެ. އެވަގުތު އެ އަންހެން މީހާ އޮތީ ދެފައި ޕެރަލައިޒްވެ، ނުހިނގޭ ފަދަ ޙާލަތެއްގައެވެ.

މި ޙަބަރާއި އެކު ޔޫކްރޭންގެ އެތައް ބަޔަކަށް ސިހުމެއް ލިބިފައިވާ އިރުގައި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އުމުރުން ދުވަސްވީ އެ މީހާ އަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏައީމް

    ޏާރަނގަޒލައްތަ